ނިއުކާސަލް (މާޗް 4) - އިނގިރޭސި ލީގު ކަޕް ފައިނަލްގައި ކުޅެވޭތޯ ނިއުކާސަލް ޔުނައިޓެޑުން އިނގިރޭސި ވިންގަރު، އެންތަނީ ގޯޑަންގެ ރަތް ކާޑު އެޕީލްކުރަން ނިންމައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބްރައިޓަން އަތުން 2-1 އިން ބަލިވެ، ނިއުކާސަލް ކެޓި މެޗުގައި، ބްރައިޓަންގެ ޖެން ޕޯލް ވެން ހެކާ އަށް ހަމަލާ ދިނުމުން، ގޯޑަން އަށް ރަތް ކާޑު ދެއްކި އެވެ.
ކުޅުމުން ބޭރުގެ ކަމެއްގައި ކުރި ފައުލަކަށް ދެއްކި ރަތް ކާޑަކަށް ވާތީވެ، ގޯޑަން ވަނީ ތިން މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އެ ގޮތުން، އެ ތިން މެޗުގެ ތެރޭގައި، މި މަހު 16 ވަނަ ދުވަހު ލީގު ކަޕް ފައިނަލުގައި ލިވަޕޫލާ ކުޅޭ މެޗު ވެސް ހިމެނެ އެވެ.
މީގެ ކުރިން، 2023 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލަށް ނިއުކާސަލް ދިޔައިރު، ރަތް ކާޑެއްގެ ސަބަބުން އައި ސަސްޕެންޝަނަކާ ހެދި ކީޕަރު، ނިކް ޕޯޕް އަށް ނުކުޅެވުނެވެ. ޕޯޕް ނެތްތަން ފައިނަލުގައި ދެއްކިއިރު، ނިއުކާސަލް ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.
ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ، ގޯޑަން އަށް ދެއްކި ރަތް ކާޑު އެޕީލްކޮށް، ސަސްޕެންޝަންގެ މުއްދަތު ކުޑަކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އުންމީދަކީ، ތިން މެޗުގެ ސަސްޕެންޝަނަށް ލުޔެއް ލިބިގެންދިއުން ކަމަށް ވެސް ހޯވް ވަނީ ބުނެފަ އެެވެ.
ކުރިން އެވަޓަން އަށް ކުޅުނު ގޯޑަން އަންނަނީ މި ސީޒަނުގައި ނިއުކާސަލް އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި 34 މެޗުގައި ކުޅުނު ގޯޑަން ވަނީ ނުވަ ގޯލު ޖަހައި، ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ނިއުކާސަލްގައި ގޯޑަން އަށް ވުރެ އެޓޭކިން ކަންކަން ރަނގަޅީ، އަލެކްސަންޑަ އިސާކްގެ އެކަންޏެވެ.
ނިއުކާސަލް އަށް ދެން އޮތް ތިން މެޗަކީ، ވެސްޓް ހޭމް ޔުނައިޓެޑާ އެކު ލީގުގައި އޮތް މެޗާއި ލީގު ކަޕް ފައިނަލުގައި ލިވަޕޫލާ ކުޅޭ މެޗާއި ލީގުގައި ބްރެންޓްފޯޑާ ކުޅޭ މެޗެވެ.












