ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޑިމޮކްރެޓްސްގެ ވިސްނުން ދެކަފި؛ ބޮންޑޭ އާއި އިންތިގެ ބަހުސެއް

މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު، އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު، އިމްތިޔާޒު ފަހުމީ މަޖިލީހުގައި: ބޮންޑޭ ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގައިރު ދުސްތޫރީ ބަދަލެއް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު، އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު، އިމްތިޔާޒު ފަހުމީ މަޖިލީހުގައި: ބޮންޑޭ ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގައިރު ދުސްތޫރީ ބަދަލެއް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ދަ ޑިމޮކްރެޓްސްގެ ލީޑަޝިޕުގެ ވިސްނުން ދެކަފިވެ، މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު، އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ޑިމޮކްރެޓްސްގެ ރައީސް، އިމްތިޔާޒު ފަހުމީ (އިންތި) އާ ދެމެދު ސޯޝަލްމީޑިއާގައި ބަހުސެއް ހިނގައިފި އެވެ.

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންތި މިއަދު ވިދާޅުވީ މަޖިލީހުން ހަދާ ގޯހެއް ރަނގަޅު ކުރުމަށް ސީދާ ރައްޔިތުންނަށް ކޮންމެ ފަސް އަހަރަކުން ނުވަތަ އެކި ފަހަރުމަތިން ފުރުސަތު ލިބޭ ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ހަދާ ގޯހެއް ރަނގަޅު ކުރުމަށް އެފަދަ ފުރުސަތެއް ނުލިބި އެ ގޯހަކީ ދާއިމީ ގޯހަކަށް ބަދަލުވާ ކަމަށް އިންތި ވިދާޅުވި އެވެ.

އިންތިގެ އެ ޕޯސްޓަށް ރައްދު ދެއްވައި ބޮންޑޭ ކުރެއްވި ފުރަތަމަ ޕޯސްޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލިސް ކަމަށެވެ. އެއީ ގާނޫނުއަސާސީ ހަދާ މަޖިލީހެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ގާނޫނުއަސާސީގައި ބަޔާން ކުރާ އިސްލާމް ދީނާ ހިލާފު ނުވާށޭ ބުނެފައިވާ މާއްދާ އުވާލައިފައި އާންމު ތަންތަނުގައި ބަނގުރާ ވިއްކައި ކެސީނޯ ހުޅުވިޔަސް ގާނޫނު ފާސްކުރިޔަސް ދެން އިންތިހާބުވާ މަޖިލީހަކުން އެކަން ބަދަލު ކުރަންދެން ރައްޔިތުން ތިބެންވީތޯ؟،" ބޮންޑޭ ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ޕީއެންސީގެ މެންބަރުން އިސްކޮށް ތިއްބަވައި ގެންނެވި އިސްލާހަކީ ގައިރު ދުސްތޫރީ އިސްލާހެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބާތިލު ބަދަލެއް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"ދި ޑިމޮކްރެޓްސް އިން އޮތީ އަލީ ހުސެއިންގެ މައްސަލައަށް ތާއީދު ކޮށްފައި، އަދިވެސް އެކަން އޮތީ އެގޮތަށް،" ބޮންޑޭ ވިދާޅުވި އެވެ.

އިންތިގެ ޕޯސްޓަށް ރައްދު ދެއްވައި ކުރެެއްވި އިތުރު ޕޯސްޓެއްގައި ބޮންޑޭ ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފު ނުވާނޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށެވެ. ނަމަވެސް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަކީ އިސްލާހެއް ނޫން ކަމަށާއި އެއީ ގާނޫނުއަސާސީ ބަދަލު ކުރުން ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"ގާނޫނުއަސާސީ މިހާރު އެވަނީ ބަދަލު ކޮށްފަ އެވެ، ގާނޫނުއަސާސީ ބަދަލު ކުރެވޭނެ ކަމަށް ބުނެފައި އޮތީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންނަށް،" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭގެ ވާހަކަތަކަށް ރައްދު ދެއްވައި އިންތި ވިދާޅުވީ އެނގިގެންވިޔަސް ނޭނގިވިޔަސް ބޮންޑޭއަށް އެ ވަކާލާތު ކުރެއްވެނީ ރައްޔިތުންގެ ބާރުވެރިކަމާ ދެކޮޅަށް ކަމަށެވެ.

"ގާނޫނުއަސާސީއަށް ހެޔޮ އިސްލާހެއްވިޔަސް ހެޔޮ ނޫން އިސްލާހެއްވިޔަސް ގެންނަނީ ރައްޔިތުންގެ މަންދޫބުން، ރައްޔިތުން، ސުޕްރީމް ކޯޓަކީ އެކަން ކުރެއްވޭނެ ފަރާތެއް ނޫން،" އިންތި ވިދާޅުވި އެވެ.

އިންތިގެ ޕޯސްޓަށް ކުރެއްވި ރިޕްލައިއެއްގައި ބޮންޑޭ ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ބެންޗަކީ ވެސް ވަކިކުރެވޭ ބައެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކީ ވެސް މަގާމުން ވަކި ކުރެވޭ މީހެއް ކަމަށެވެ. ހަމައެކަނި މަގާމުން ވަކި ނުކުރެވޭ ގޮތަށް ތިބެނީ ރައްޔިތުންގެ މަޖިލިސް މެންބަރުން ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"އެކަމަކު މިހާރު ފުށްޓަތްކަކުން މެންބަރުން ވަކި ކޮށްފައި ރައީސުލްޖުމްހޫރިއްޔާ އެކަނި ވަކި ނުކުރެވޭ ގޮތް އެ ހެދީ، އެ ގޮތް އެންމެ ރަނގަޅު؟ ކޮބާ ގާނޫނުއަސާސީގައި ބުނާ މުސްތަގިއްލު ރައްޔިތުންގެ މަޖިލިސް މިހާރު؟،" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭގެ ވާހަކަތަކަށް ރައްދު ދެއްވައި، ބަހުސް ނިންމަވައިލައްވަމުން އިންތި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަކީ އުމުރަށް އައްޔަނުކުރާ ބައެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް މެންބަރުން އިންތިހާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުންގެ ވޯޓަކުންކަން އޭނާ ފާހަގަކުރެއްވި އެވެ.

ގާނޫނުއަސާސީއަށް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ބަދަލު ގެނައުމާއެކު ދަ ޑިމޮކްރެޓްސްއިން އެންމެ ފުރަތަމަ އެކަމާ ދެކޮޅަށް ވަކާލާތުކޮށް "ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި ޖަލްސާތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

އޭގެފަހުން ގާނޫނުއަސާސީއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ މުޅި ރޫހާ ހިލާފު ކަމަށް ބުނެ އެ އިސްލާހު ބާތިލު ކޮށްދިނުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްހުލު ވެސް ވި އެވެ.

ނަމަވެސް އެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައިރު، ޑިމޮކްރެޓްސްއިން ކޯޓަށް ހާޒިރެއް ނުވެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމާއެކު އިންތި އެ ނިންމުމަށް ސޯޝަލްމީޑިއާގައި ގާނޫނީ ގޮތުން ފާޑުވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox