ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް ގދ. ވާދޫ އާއި ކ. ކާށިދޫ އިން ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލް ތިން ވަނަ މެޗުގައި ވާދޫ އިން ނުކުތީ މަތިވެރިއާ ދެކޮޅަށެވެ. މި މެޗު ޕެނަލްޓީ ޖަހައިގެން ވާދޫ އިން މަތިވެރި ބަލިކުރީ 6-8 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގި ވާދޫ އިންނެވެ. މެޗުގެ 20 ވަނަ މިނިޓްގައި މި ގޯލު ވާދޫ އަށް ޖަހައިދިނީ މުހައްމަދު އާހިލް އަލީ އެވެ.
ދެ ވަނަ ހާފުގައި މަތިވެރީގެ މުހައްމަދު ޝަފްރާޒް ވަނީ ގޯލު ޖަހައި އެއްވަރުކޮށްދީފަ އެވެ. އަދި ހިލޭ ޖެހުމެއްގައި ލިބުނު ފުރުސަތަކުން މުހައްމަދު އިމްރާން އެ ޓީމަށް ލީޑުނަގައިދިންއިރު، ކައުންޓަ އެޓޭކެއްގައި މަތިވެރީގެ އަލީ އަލްސަން ވަނީ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ފަހުން، މަތިވެރީގެ ހަ ވަނަ ފައުލާ އެކު ލިބުނު ދުރު ޕެނަލްޓީ އަކުން، މުހައްމަދު ނާއިލް (އެޑީ) ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން، ނާއިލް އިތުރު ގޯލެއް ޖަހައި، އެއްވަރުކުރި އެވެ.

ގަޑި ހުއްޓައިގެން މި ފަހަރުގެ ކުއާޓާ ފައިނަލުން ފެށިގެން ކުޅޭއިރު، މި މެޗުގައި މަތިވެރިން އަނެއްކާ ވެސް ލީޑު ނެގީ މެޗު ނިމެން 52 ސިކުންތައް ވެފައި ވަނިކޮށެވެ. މި ގޯލު މަތިވެރިއަށް ޖަހައިދިނީ ޝަފްރާޒް އެވެ. އެކަމަކު, އޭގެ 10 ސިކުންތު ފަހުން ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.
މި މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މަތިވެރީގެ މަތިވެރީގެ މުހައްމަދު މިދުހަތު ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އަދި އެޓީމުގެ މުހައްމަދު ޒާހިދު ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުނުވެދިޔައީ ބޭރަށެވެ. ވާދޫގެ ވެސް އެއް ޕެނަލްޓީ ކީޕަރު އިމްރާން މަތަކުރި އެެވެ. އެކަމަކު، ޕެނަލްޓީ ޖަހައިގެން މަތިވެރި ބަލިވެ، ޖެހިޖެހިގެން ދެ އަހަރު ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކެޓީ އެވެ.
މީގެ އިތުރުން މި މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ވިލިމާލެ ބަލިކޮށް ކާށިދޫ އިން ވަނީ ސެމީ ފައިނަލަށް ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފަ އެވެ.
ކާށިދޫ އިން ވިލިމާލޭގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި 3-2 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 14 ވަނަ މިނިޓްގައި ވިލިމާލެ އަށް ލީޑު ނަގައިދިނީ އަބްދުالله ޝައްފާން (ޝާކާ) ޖެހި ގޯލުންނެވެ. އަދި އޭގެ ދެ މިނިޓް ފަހުން ވިލިމާލޭގެ ލީޑު ފުޅާކޮށްދިނީ އިސްމާއިލް ވަޖީހު (ވައްޖެ) ޖެހި ގޯލުންނެވެ.
އެކަމަކު ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކާށިދޫގެ އިސްމާއިލް ރައްޔާން ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން ކާށިދޫ ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އެ ގޮތުން ދެ ވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނިޓްގައި އަޖުލާން އަބްދުލް ހަންނާން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި މެޗު ނިމެން ފަސް މިނިޓައް ވެފައި ވަނިކޮށް އަޖުލާން ވަނީ އިތުރު ގޯލެއް ޖަހާ ކާށިދޫ އަށް ލީޑު ނަގައިދީފަ އެވެ.
މި ނަތީޖާއާއެކު މި މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ ހުކުރު ދުވަހުގެރޭ ކާށިދޫ އިން ނުކުންނާނީ ވާދޫއާ ދެކޮޅަށެވެ. މިއީ، ސެމީ ފައިނަލުގައި ކާށިދޫގެ ފުރަތަމަ ފެނިލުމެވެ. ވާދޫން ވަނީ 2023 ވަނަ އަހަރުގެ ފައިނަލުގައި ކުޅެފަ އެވެ.













