އަންނަ ރޯދަ މަހު ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް އެތެރެކުރި ކާށީގެ ފުރަތަމަ ޝިޕްމެންޓު އަންނަ ހޮނިހިރު ދުވަހު ބާޒާރަށް ނެރުމަށް ތައްޔާރު ވެއްޖެ އެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން ކާށި ވިއްކަމުން ދާނީ ކާއްޓެއް 5ރ. ގެ މަގުން ކަމަށެވެ. ކާށި ވިއްކަމުން ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކަމަށް އެ ކުންފުނިން ބުންޏެވެ.
ކާށި ޝިޕްމެންޓެއް އެސްޓީއޯއިން ރާއްޖެއަށް އެތެރެ ކޮށްފައި މިވަނީ ކާށީގެ އަގު އުފުލި، ކާއްޓެއްގެ އަގު 10ރ. އަށް އެރުމުން އެކަމާ އާންމުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ. އެގޮތުން ހިޔާލުފާޅު ކުރި ބައެއް މީހުން ބުނެފައި ވަނީ ރޯދަ މަހާ ދިމާކޮށް މަސްދަޅު ކޭސް ހިލޭ ބެހުމުގެ އިތުރުން ކާށީގެ އަގު ވެސް ކޮންމެވެސް ގޮތަކުން އަތްފޯރާ ފަށަށް ގެނެސްދޭން ޖެހޭ ކަމަށެވެ.
އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެ ކުންފުނިން ލުނބޯ ޝިޕްމެންޓެއް ވެސް ރޯދައަށް ހާއްސަކޮށް ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި ލުނބޯ ވެސް ހޮނިހިރު ދުވަހު ބާޒާރަށް ނެރޭނެ ކަމަށެވެ. ނަމަވެސް ލުނބޯ ވިއްކަން ނިންމާފައިވާ އަގު އެ ކުންފުނިން ހާމަ ކޮށްފައެއް ނުވެ އެވެ.
އޭގެއިތުރުން ވެސް ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް އާންމުކޮށް ދިވެހިން ބޭނުންކޮށް އުޅޭ ބާވަތްތަކުގެ ކާބޯތަކެތި ރާއްޖެއަށް އެތެރެ ކުރުމަށް އެސްޓީއޯއިން ވަނީ ތައްޔާރުވެފަ އެވެ. އެ ކުންފުނިން ކާބޯތަކެތި އެތެރެ ކުރަން ނިންމާފައި ވަނީ ހަތަރު ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ:

- އަސާސީ ކާބޯތަކެތި - ފިޔާ، ބިސް، އަލުވި، ކާށި، ކަދުރު
- ތާޒާ ތަރުކާރީ އަދި މޭވާ - ލޮނުމެދު، އިނގުރު، ލައިމް، ކެރެޓު، އޮރެންޖު، ކެބެޖު، މިރުން، ފޭރު، ކަރާ، އަނބު، ޕެޝަންފްރުޓު، ކިއުކަންބާ
- ޕްރޮސެސްޑް ކާނާ - ނެސްލޭ ކްރީމް، ކޮކޯ ޕައުޑަރު، ބޭކެޑް ބީންސް، ގެރިކިރު ދަޅު
- ކެއްކުމަށް ބޭނުން ކުރާ ތަކެތި - ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ
އެސްޓީއޯއިން ބުނީ މި ފަހަރުގެ ރޯދަ މަހު އާންމު ރައްޔިތުންގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް ދަތި ނުވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިހާރު އިމްޕޯޓު ކުރަން ނިންމާފައިވާ ތަކެތީގެ އިތުރުން އެހެން އަސާސީ އެހެން އެއްޗެއްގެ އަގު ރޯދަ މަހު އުފުލިގެން ދިޔަ ނަމަވެސް އިކޮނިމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ އެ އެއްޗެއްގެ އަގު ކޮންޓްރޯލްކޮށް މުދާ ލިބޭނެ މަގު ފަހި ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.













