ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އެކެއްގެ ލީގު ބުރުގެ ފަހު މެޗު ކާމިޔާބުކޮށް ނައިވާދޫ އާއި ދިއްދޫ އިން ފައިނަލުގެ ޖާގަ ހޯދާ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
ރޭ ކުޅުނު ޒޯން އެކެއްގެ ފުރަތަމަ މެޗުގައި ހދ. އަތޮޅު ޗެމްޕިއަން ނައިވާދޫ އިން ނުކުތީ އެ އަތޮޅު ރަނަރަޕް ނޭކުރެންދޫއާ ދެކޮޅަށެވެ. މި މެޗު ނައިވާދޫ އިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މީގެ އިތުރުން، ދިއްދޫ އިން ގަދަ 16 ގެ ޖާގަ ކަށަވަރުކުރީ ހއ. އަތޮޅު ޗެމްޕިއަން ވަށަފަރު 3-2 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.
މި ނަތީޖާއާއެކު މި ޒޯނުގެ އެއްވަނައިގައި އޮތް ނައިވާދޫ އާއި ދެވަނައިގައި އޮތް ދިއްދޫ އަށް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ނައިވާދޫ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ރޭ ނައިވާދޫ އާއި ނޭކުރެންދޫން ކުުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ނައިވާދޫ އަށް ޖަހައިދިނީ މުހައްމަދު ޝާއިން އެވެ.
ޒޯނުގެ އަނެއް މެޗުގެ ތިން ވަނަ މިނިޓުގައި ދިއްދޫގެ ކެޕްޓަން ހުސެއިން ޝިފާހު (ސިފަޓީ) ގޯލު ޖަހާ ލީޑު ނަގައިދިން ނަމަވެސް މެޗުގެ ހަތްވަނަ މިނިޓްގައި ވަށަފަރުގެ އަބްދުالله ސިނާން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އެކަމަކު، މެޗުގެ 13 ވަނަ މިނިޓްގައި ދިއްދޫ އިން ވަނީ އަލުން ލީޑު ނަގައިފަ އެވެ. މިއީ ވަށަފަރުގެ އިބްރާހީމް އަތީގު ހަސަން (އިއްބެ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަށަފަރުގެ ކެޕްޓަން އިބްރާހީމް ސަނޫން (ޗަންނަ) ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި މެޗުން ދިއްދޫ މޮޅުކޮށްދިން ގޯލު މެޗު ނިމެން ދެ މިނިޓްއަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ޖަހާދިނީ ހައިސަމް ރަޝީދު (ހައި) އެވެ.
މި ޒޯނުގެ ފައިނަލުގައި ނައިވާދޫ އިން ދިއްދޫއާ ދެކޮޅަށް ނުކުންނާނީ އަންނަ ބުދަ ދުވަހުގެރޭ 08:00 ގަ އެވެ.













