ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ތިނެއްގެ ފައިނަލުގެ ޖާގަ ހޯދައި، ގަދަ 16 އިން ކ. ކާށިދޫ ޖާގަ ހޯދިއިރު, މާފުށްޓާއި އޭދަފުށި ކުރިމަތިލުން އެއްވަރުވެ, މުބާރާތުގައި ކުރިއަށްދިއުމަށް ފަހު މެޗުތަކުގެ ނަތީޖާ އަށް އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.
މި ޒޯނުގައި އޭދަފުށިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ޅ. ކުރެންދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. އެކަމަކު ފުރަތަމަ މެޗުގައި މާފުށި ވަނީ ކާށިދޫ އަތުން ބަލިވެފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި އާއި މާފުށި ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. ކާށިދޫން ވަނީ 2-0 އިން ކުރެންދޫ ބަލިކޮށްފަ އެވެ.
ފަހު މެޗުގައި، ކާށިދޫއާ އެއްވަރުކޮށްލައިގެން ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ އޭދަފުށްޓަށް ގަދަ 16 އަށް ދެވޭނެ އެވެ. އެކަމަކު، މާފުށިން ޖެހޭނީ، ކުރެންދޫ ބަލިކުރުމަށް ފަހު، އޭދަފުށްޓާއި ކާށިދޫ މެޗުގެ ނަތީޖާ އަށް ބަލާށެވެ.
ކާށިދޫ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭދަފުށްޓަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާފުށްޓަށް އެއް ޕޮއިންޓް ވަނީ ލިބިފަ އެވެ. ފުލުގައި އޮތް ކުރެންދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.
މި މެޗުގެ 16 ވަނަ މިނިޓުގައި އޭދަފުށި އަށް ލީޑު ނަގައިދިނީ އަލީ ނަސީމް (ދިއްލި) ޖެހި ގޯލުންނެވެ. އެކަމަކު, ދެ ވަނަ ހާފުގެ 13 ވަނަ މިނެޓުގައި މާފުށީގެ އަހުމަދު ޝާވިން ޝިހާމް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ރޭގެ ދެ ވަނަ މިނިޓުގައި ކާށިދޫ އަށް ލީޑު ނަގައިދިނީ ކެޕްޓަން އަކުމަލް މުހައްމަދު ޖެހި ގޯލުންނެވެ. ކާށިދޫ އިން ލީޑު ފުޅާކުރީ ދެ ވަނަ ހާފުގެ 11 ވަނަ މިނިޓުގައި އަހުމަދު މަޖީދު ޖެހި ގޯލުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް (7 ފެބްރުއަރީ)
ރ. ދުވާފަރު - ށ. މިލަންދޫ: ޒޯން ދޭއް (20:00)
ނ, މިލަދޫ - ރ. އިނގުރައިދޫ: ޒޯން ދޭއް (20:00)
އއ. ތޮއްޑޫ - ވ. ކެޔޮދޫ: ޒޯން ހަތަރެއް (21:00)
އދ. މަހިބަދޫ - އދ. މަންދޫ: ޒޯން ހަތަރެއް (21:00)
ހދ. ނޭކުރެންދޫ - ހއ. ވަށަފަރު: ޒޯން އެކެއް (22:00)
ހދ. ނައިވާދޫ - ހއ. ދިއްދޫ: ޒޯން އެކެއް (22:00)













