ސަންޓޯސް، ބްރެޒިލް (ފެބްރުއަރީ 6) - ރެއާލް މެޑްރިޑުގައި ކާމިޔާބު ގިނަ ސީޒަންތަކެއް ހޭދަކުރި ބްރެޒިލްގެ ފުލްބެކް މާސެލޯ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
އުމުރުން 36 އަހަރުގެ މާސެލޯ އެންމެ ފަހުން ކުޅުނީ އޭނާ ފުރަތަމަ ވެސް ކުޅުނު ފްލުމިނެންސޭ އަށެވެ.
އުމުރުން 18 އަހަރުގައި ރެއާލްއަށް ބަދަލުވި މާސެލޯ އޭނާގެ ކެރިއަރުގައި އެންމެ ގިނަ ދުވަހު ކުޅުނީ ވެސް އެ ކްލަބަށެވެ.
މާސެލޯ ވަނީ އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރި ވީޑިއޯގައި ރެއާލްގެ ކުޅުނުްތެރިންނާ މެނޭޖްމަންޓަށް ޝުކުރުއަދާ ކޮށްފަ އެވެ. އިންޑިވިޖުއަލީ ބަލާއިރު، މާސެލޯ އަކީ ފުޓްބޯޅައިގައި ފެނުނު އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ.
"ރެއާލް މެޑްރިޑް އާއިލާގައި ހިމެނުން އެއީ ބަޔާންކުރަން ދަތި ކަމެއް. އެއީ އަހަރެން ކެރިޔަރުގައި އެންމެ މުހިންމު ހަނދާންތަކާ ގުޅިފައިވާ އާއިލާ،" މާސެލޯ ބުންޏެވެ.
މީގެ އިތުރުން މާސެލޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމާއެކު ވެސް ކާމިޔާބީ ހޯދައިފަ އެވެ. އެ ގޮތުން، ކޮޕަ އެމެރިކާ އެއް ފަހަރު ހޯދުމުގެ އިތުރުން، އޮލިމްޕިކްސް ދެ ފަހަރު ވަނީ ކާމިޔާބު ކޮށްފަ އެވެ.
މާސެލޯ ބުނީ ކުޅުން ހުއްޓާލި ނަމަވެސް ފުޓުބޯޅައާ މުޅިން ދުރަށް ދާން ނުވިސްނާ ކަމަށެވެ. އަދި ފުޓުބޯޅައިގެ ތެރެއިން ކޮންމެސް އެހެން ގޮތަކުން އޭނާ ފެންނާނެ ކަމަށް މާސެލޯ ވަނީ ހާމަކޮށްފަ އެވެ.
މާސެލޯ ވަނީ ފުޓްބޯޅަ ކެރިއަރުގައި ރެއާލްއާ އެކު ފަސް ޗެމްޕިއަންސް ލީގު ހަ ސްޕެނިޝް ލީގު, ހަތަރު ކްލަބް ވޯލްޑް ކަޕް, ތިން ޔުއެފާ ސުޕަ ކަޕް, ދެ ކޮޕަ ޑެލްރޭ (ސްޕެނިޝް ކަޕް), ފަސް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.
މާސެލޯ އަކީ މި ފަހުން އުފެދުނު ދުނިޔޭގެ އެންމެ މޮޅު ފުލް ބެކުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.
ރެއާލްގައި ހޭދަކުރި 15 އަހަރުގައި 25 ތަށި ހޯދި މާސެލޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް 58 މެޗު ކުޅެދީފަ އެވެ. ރެއާލަށް 2007 ވަނަ އަަހަރުގެ ޖެނުއަރީގައި ބަދަލުވުމުގެ ކުރިން، މާސެލޯ ވަނީ ފްލުމިނެންސޭ އަށް ކުޅެފަ އެވެ. ފްލުމިނެންސޭގެ ޔޫތު ލެވަލުން ސީނިއާ ޓީމަށް ޕްރޮމޯޓްވި މާސެލޯ އަލުން އެ ކްލަބާ ގުޅުނީ އެ ޓީމުގައި ހުރެ ރިޓަޔާކުރަން ވެސް ވިސްނައިގެންނެވެ.
މީގެ އެއް އަހަރު ކުރިން ފްލުމިނެންސޭ އަށް ބަދަލުވުމުގެ ކުރިން، މާސެލޯ ވަނީ ގްރީސްގެ އޮލިމްޕިއާކޯސް އަށް ވެސް ކުޅެފަ އެވެ. ފްލުމިނެންސޭގެ ޓްރެއިނިން ސެންޓަރަށް މާސެލޯގެ ނަމުން ނަންދީފައިވާއިރު، މާސެލޯގެ އެއްބަސްވުން އުވާލުމާ ބެހޭގޮތުން އެ ކްލަބުން ބުނެފައިވަނީ، މާސެލޯ އާއި ކްލަބާ ދެމެދުގައި އޮތް ގުޅުން އަބަދަށް ދެމިގެންދާނެ ކަމަށެވެ.








