މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 282 މިލިއަން ރުފިޔާ ލިބި، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ލިބުނު ފައިދާ 60 ޕަސަންޓު އިތުރުވެއްޖެ އެވެ.
އެމްއައިބީން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ބޭންކުގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާ ހުރަސް ކުރިއިރު، މިދިޔަ އަހަރު ބޭންކުން ނިންމާލީ 11.4 ބިލިއަން ރުފިޔާގެ އެސެޓް ވެލިއުއަކާ އެކުގަ އެވެ.
"ރައްޔިތުންގެ އިތުބާރާއި ބޭންކިން ހިދުމަތްތަކަށް އެމްއައިބީން ގެނެސްދީފައިވާ ލުއި ފަސޭހަތަކާ އެކު، 2024 ވަނަ އަހަރަކީ އެމްއައިބީއަށް ވަރަށް ކާމިޔާބު އަހަރެއް. އެގޮތުން ބޭންކުގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކޮށްފައިވޭ،" އެ ބޭންކުން ބުންޏެވެ.
އެމްއައިބީއަކީ ރާއްޖޭގައި ބޭންކަށް ނުގޮސް ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތް ދޭ ހަމަ އެކަނި ބޭންކެވެ. އެ ބޭންކުގެ އަމިއްލަ އެކައުންޓުގެ އިތުރުން ކުންފުނި އެކައުންޓު ވެސް ބޭންކަށް ނުގޮސް ހުޅުވެ އެވެ.
އެގޮތުން އެމްއައިބީއަށް ކަސްޓަމަރުންގެ އޮތް އިތުބާރާ އެކު، މިދިޔަ އަހަރު ކަސްޓަމަރުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު އިތުރުވެ، މިދިޔަ އަހަރު ނިމުނުއިރު 9.12 ބިލިއަން ރުފިޔާއަށް އެ ބޭންކުގެ ޑިޕޮސިޓް ބޭސް އިތުރުވެފައިވެ އެވެ.
އެމްއައިބީން ބުނީ އެ ބޭންކުން ހޯދި ކާމިޔާބީގެ އެންމެ ބޮޑު އެއް ބައިވެރިއަކީ ކަސްޓަމަރުން ކަމަށެވެ.
އިޖުތިމާއީ ގޮތުން ވެސް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންދާއިރު، އެ ބޭންކުގެ ހިދުމަތަށް ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މިންގަނޑު ވެސް ފާހަގަކޮށްފަ އެވެ.
މިގޮތުން އެމްއައިބީން މިދިޔަ ކުއާޓަރުގައި އެކަނި ވެސް ބައިނަލްއަގުވާމީ ދެ އެވޯޑެއް ލިބިފައިވެ އެވެ. އެ ކުރިއެރުންތަކާ އެކު ބޭންކުން މި އަހަރު ވެސް ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށް އެމްއައިބީން ބުންޏެވެ.










