ގޯލްޑަން ފުޓްސަލް ޗެލެނެޖް 2025 ގެ ޒޯން ދޭއްގައި ދުވާފަރާ އިނގުރައިދޫ އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.
މި މުބާރާތުގެ ޒޯން ބުރުގެ މެޗުތައް ރޭ ފެށިއިރު، ޒޯން ދޭއްގެ ފުރަތަމަ މެޗުގައި ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫ އިން ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.
މީގެ އިތުރުން މި ޒޯނުގައި ރ. އަތޮޅުގެ ރަނަރަޕް ދުވާފަރުން ވަނީ ށ. އަތޮޅުގެ ރަނަރަޕް ކަނޑިތީމު 2-1 ގެ ނަތީޖާ އަކުން ބަލިކޮށްފަ އެވެ.
މި މެޗުގެ ތިން ވަނަ މިނިޓްގައި އިނގުރައިދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ޖުމާން އެވެ. އިނގުރައިދޫ އިން ލީޑު ފުޅާކުރީ ދެ ވަނަ ހާފުގެ ހަތް ވަނަ މިނިޓުގައި އަހުމަދު މަސީދު ޖެހި ގޯލުންނެވެ. އަދި މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް އިނގުރައިދޫގެ ތިން ވަނަ ލަނޑު އެ ޓީމަށް ޖަހާދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒް (ހާއްޕެ) އެވެ.
ދުވާފަރު މެޗުގެ ފުރަތަމަ ހާފުގެ ފަހުވަގުތުކޮޅު އެ ޓީމަށް ލީޑު ނަގާދިނީ ކެޕްޓަން މުހައްމަދު އިސާމް (ޝަންޓޭ) ޖެހި ގޯލުންނެވެ. އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނިޓުގައި ކަނޑިތީމުގެ އިބްރާހީމް ނަދާދް (ކުޑައްޓޭ) ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުން ދުވާފަރު މޮޅު ކޮށްދިން ގޯލު މެޗު ނިމެން ތިން މިނެޓަށް ވެފައި ހުއްޓަ އެ ޓީމަށް ޖަހާދިނީ ޝަންޓޭ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް (1 ފެބްރުއަރީ)
ހއ. ފައިނަލް: ވަށަފަރު - ދިއްދޫ (20:00)
ހދ. ފައިނަލް: ނޭކުރެންދޫ - ނައިވާދޫ (20:00)
ޒޯން ހަތެއް: ގއ. ދެއްވަދޫ - ގއ. ވިލިނގިލި (21:30)
ޒޯން ހަތެއް: ދަނޑިމަގު - ގދ. ވާދޫ (21:30)
ޒޯން ހަތެއް: ފޭދޫ - ގައްދޫ (22:30)













