ހަރަދު ކުޑަކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ދަށުން ދައުލަތް ހިއްސާވާ ކުންފުނިތަކުގައި ތިބި ޑިރެކްޓަރުންނާއި ޓެކްނިކަލް ނޫން މުވައްޒަފުންގެ މުސާރަތައް 90,000ރ. އަށް ވުރެ ދަށްކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ކުންފުނިތަކަށް އަންގައިފި އެވެ.
ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މިއީ, ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ޓެކްނިކަލް ނޫން މުވައްޒަފުންގެ މުސާރަތައް 90,000ރ. އަށް ވުރެ ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ ގުޅިގެން އަޅާ ފިޔަވަޅެއް ކަމަށެވެ. މި ފިޔަވަޅު އަޅަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
ސާކިއުލާގައި އޮތް ގޮތުން މި ނިންމުމުން އިސްތިސްނާ ވަނީ ރާއްޖޭން ބޭރުގެ ޑިރެކްޓަރުންނާއި ބޭންކުތަކުގެ ޑިރެކްޓަރުންނާއި ޓެކްނިކަލް މުވައްޒަފުންނެވެ. އިސްތިސްނާ ނުލިބޭ ހުރިހާ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން މުވައްޒަފުންގެ މުސާރަތައް 90,000ރ. އަށް ވުރެ ދަށްކުރަން ޕީސީބީން ވަނީ އަންގާފަ އެވެ.
ޕީސީީބީގެ އެންގުމުގައި އޮތް ގޮތުން އެއްވެސް ޑިރެކްޓަރެއް ނޫނީ މުވައްޒަފެއްގެ މުސާރަ 90,000ރ. އަށް ވުރެ އިތުރުވާ ހާލަތްތަކުގައި މުސާރަ ދޭން ޖެހެނީ އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށް ފަހުގަ އެވެ.

މިއީ މި އަހަރަށް ފާސްކުރި ބަޖެޓާއެކު އަޅުއްވާނެ ކަމަށް އޮކްޓޯބަރު، 2024، ގައި ރައީސް އިއުލާންކުރަވާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭރު ރައީސް ވިދާޅުވީ, ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކުރައްވާނެ ކަމަށެވެ.
އޭރު އަޅުއްވާނެ ކަމަށް ވިދާޅުވި އިތުރު ފިޔަވަޅުތަކަކީ:
- ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން
- ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން
- ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
ހަރަދު ކުޑުކުރަން މުސާރަތަކަށް ގެންނަ ބަދަލުތަކުން 12,000ރ. އިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާ ވާނެ ކަމަށް ރައީސް އޭރު ވިދާޅުވެފައިވެ އެވެ.
ޕީސީބީން ނެރުނު ސާކިއުލާގައި އަދި އޮތީ ހަމައެކަނި ވެރިންގެ މުސާރަތަކަށް ގެންނަ ބަދަލުތަކެވެ. އަދި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގައި މުސާރަތަކަށް ބަދަލު ގެންނަން އެދިފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ.
ރައީސް ވަނީ އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓު ވެސް ނުނަގާ ގޮތަށް ހަމަޖެއްސުމަށް ދަންނަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. މިކަން ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.












