ލަންޑަން (ޖެނުއަރީ 29) - ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީން ލީގު ބުރުގެ ފަހު މެޗަށް ނުކުންނައިރު، ހާލަތުގެ ގޮތުން އެ ޓީމަށް ޕްރެޝަރު ބޮޑުކޮށް އޮތް ކަމުގައި ވިޔަސް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ދެކެނީ މިއީ ފުރުސަތެއްގެ ގޮތުގައި ކަމަށް ބުނެފި އެވެ.
ސިޓީ އޮތީ 36 ޓީމު ވާދަކުރާ ޗެމްޕިއަންސް ލީގުގެ ލީގު ތާވަލުގެ 25 ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައިވާ ގޮތުން، ލީގު ބުރުުގެ ގަދަ އަށް ޓީމަށް ސީދާ ގަދަ 16 އިން ޖާގަ ލިބޭއިރު، ލީގުގެ 9-24 ގައި ހިމެނޭ ޓީމުތައް ކުޅޭނީ ޕްލޭއޮފުގަ އެވެ. ޕްލޭއޮފް ބުރުން ސިޓީ އަށް ޖާގަ ލިބެން އޮތީ މިރޭ އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖް އަތުން މޮޅުވެގެންނެވެ.
"އަހަރެމެން މި އޮތް ހާލަތު އަހަރެމެންނަށް އެނގޭ، މި ޖެހެނީ މެޗުން މޮޅުވާން، މޮޅުވެއްޖިއްޔާ ކުރިއަށްދެވޭނެ، މޮޅުނުވެވުނިއްޔާ އެހާ ހިސާބުން އަހަރެމެންނަށް މި މުބާރާތް ނިމުނީ،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދިޔަ ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ކޯޗިން ކެރިއަރުގައި ތިން ފަހަރު ހޯދައިފަ އެވެ. އެއީ ބާސެލޯނާގައި ދެ ފަހަރު އަދި ސިޓީގައި އެއް ފަހަރު އެވެ.
ބްރޫޖް މެޗު ނަގަނީ ނޮކައުޓް މެޗެއްގެ ގޮތުގައިކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ޕްރެޝަރުގެ ވާހަކަތަކަކީ ސިޓީ އަށް އާ ކަންތައްތަކެއް ނޫން ކަމަށާއި ހުރިހާ ދިމާލަކުން ވެސް އެ ކަންކަން ކުރިމަތިވަމުން އަންނަ ކަމަށެވެ.
"އަހަރެމެން މި ހާލަތުގައި މި އޮތީ ކީއްވެގެންކަން އަހަރެމެން ގަބޫލުކުރަންޖެހޭ. އެއީ އަހަރެެމެންނަށް ކަންކަން ނުކުރެވިގެން، މި ހިސާބުން ވެސް އެ ވާހަކަތައް ދައްކާނީތޯ ނޫނީ ކަންކަން ރަނގަޅުކުރާނީތޯ އެއީ އަހަރެމެންގެ އަތްމަތީގައި އޮތް ކަމެއް،" ގާޑިއޯލާ ބުންޏެވެ.
ސިޓީ އާއި ބްރޫޖް ކުޅޭ މެޗު ފަށާނީ މިރޭ 1 ޖަހާއިރު އެވެ.












