ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހދ. އަތޮޅުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫ އާއި ނޭކުރެންދޫ ބައްދަލުކުރަން ޖެހިއްޖެ އެވެ.
މި މުބާރާތުގެ ހދ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމަކީ ނައިވާދޫ އެވެ. އަދި އެ ޓީމާ އެންމެ ވާދަވެރި ޓީމަކީ ނޭކުރެންދޫ އެވެ. ރޭ ކުޅުނު ސެމީ ފައިނަލުގައި ނައިވާދޫ އިން ނުކުތީ މަކުނުދޫއާ ދެކޮޅަށެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ. އަނެއް ސެމީގައި ނޭކުރެންދޫން ވަނީ 2-1 އިން ކުމުންދޫ ބަލިކޮށްފަ އެވެ.
މި މެޗުގައި ނައިވާދޫގެ މުހައްމަދު ޝާއިން ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ކެޕްޓަން އަހުމަދު ހަމީދު, ޔާމީން މުހައްމަދު (ޔާންޓޭ) އަދި މުހައްމަދު އަސްލަމް, މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހާފަ އެވެ.

ނޭކުރެންދޫން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖސް.އެމްވީ
ރޭ ކުޅުނު މެޗުގައި ކުމުންދޫ އަށް ލީޑުނަގައިދޭން ފަހުމާން އަބްދުލް ހަމީދު ފޮނުވާލި ޕެނަލްޓީ ނޭކުރެންދޫގެ ކީޕަރު، މުހައްމަދު ސިޔާޒު ވަނީ މަތަކޮށްފަ އެވެ. މެޗުގެ 10 ވަނަ މިނެޓުގައި ނޭކުރެންދޫ އަށް ލީޑު ނަގައިދިނީ އަލީ އިފާޒް ޖެހި ގޯލުންނެވެ. އެކަމަކ، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ބަދަލަކަށް ކުޅެން އެރި، އަހުމަދު ޝަރީފް ވަނީ ގޯލު ޖަހާ ކުމުންދޫ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
އެކަމަކު ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ނޭކުރެންދޫ މޮޅުކޮށްދިން ގޯލު ކެޕްޓަން މުހައްމަދު ވިލްފް ޖެހި އެވެ. މެޗުގެ ފަހު ސިކުންތުގެ ތެރޭގައި ނޭކުރެންދޫގެ ވިލްފް އެ ޓީމުގެ ހަ ވަނަ ފައުލު ކުރުމުން ކުމުންދޫ އަށް ދުރު ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު، ފަހުމާން ފޮނުވާލި ބޯޅަ ކީޕަރު ސިޔާޒު ވަނީ މަތަކޮށްފަ އެވެ.
ހދ. އަތޮޅުގެ ފައިނަލްގައި، ނޭކުރެންދޫ އާއި ނައިވާދޫ ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް (28 ޖެނުއަރީ)
ކ. މާފުށި - ކ. ގުރައިދޫ: 20:00 (ސެމީ ފައިނަލް)
ކ. ކާށިދޫ - ކ. ގާފަރު: 20:00 (ސެމީ ފައިނަލް)
ގދ. ގައްދޫ - ގދ. ވާދޫ: 21:30 (ގދ. އަތޮޅު ފައިނަލް)
ރ. ދުވާފަރު - ރ. އިނގުރައިދޫ: 21:30 (ރ. އަތޮޅު ފައިނަލް)
ނ. ހޮޅުދޫ - ނ. މިލަދޫ: 22:30 (ނ. އަތޮޅު ފައިނަލް)
ސ. ފޭދޫ - ސ. ހިތަދޫ: 22:30 (ސ. އަތޮޅު ފައިނަލް)













