އައްޑޫއިން ކަރަންޓު ކެނޑެނީ ފެނަކައިގެ އިސްވެރިންގެ ފަރުވާކުޑަކަމުން ކަމަށް ބުނެ އަޒާން މަޖިލީހަށް މައްސަލަ ހުށަހަޅައިފި

އައްޑޫ ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ ހައްލު ނުވެ އޮތީ އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންގެ ފަރުވާ ކުޑަކަމުން ކަމަށް ބުނެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި އަޒާން މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އައްޑޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް އެއް އަހަރު ވެގެންދިޔައިރު، އަދިވެސް ބައެއް އިންޖީނުތަކުގެ ސްޕެއާ ނުލިބޭ ކަމަށެވެ.

"އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ނުލިބި ދިގުލައިގެން ދިޔުމުގައި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންގެ އިހުމާލާއި ފަރުވާ ކުޑަކަން އޮތްކަމުގައި ދެކެމެވެ،" އަޒާންގެ ސިޓީގައި ލިޔުއްވާފައިވެ އެެވެ.

އަޒާން އެދިފައި ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ފެނަކަ އިސްވެރިންގެ ގޮތުގައި ތިބި ހަ ބޭފުޅަކު ހާޒިރު ކުރުމަށެވެ. އެއީ:

  1. މުހައްމަދު ނަޖާހު - މެނޭޖިން ޑިރެކްޓަރު
  2. އަބްދުލް ވާހިދު - ކުރީގެ ޕްރޮކިއުމެންޓް ހެޑް
  3. މަރިޔަމް ޝަހުލާ - ޕްރޮކިއުމެންޓް ހެޑް
  4. އަބްދުﷲ ވަހީދު - ޗީފް ފައިނޭންޝިއަލް އޮފިސަރު
  5. މުހައްމަދު މަސްއޫދު - ކުރީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު
  6. އަބްދުﷲ ނާޝިދު - ޗީފް ޓެކްނިކަލް އޮފިސަރު

މަޖިލީހުގެ ކޮމިޓީއަށް އެ ބޭފުޅުން ހާޒިރުވާއިރު، އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ހޯދުމަށް ފެނަކައިން އެކުލަވާލައިފައިވާ ޓައިމްލައިނެއް ނުވަތް ޕްލޭނެއް އޮތް ނަމަ އެ މައުލޫމާތު ވެސް ގެނައުމަށް އަޒާންގެ ސިޓީގައި އެދިފައިވެ އެވެ.

އައްޑޫގެ ކަރަންޓު މައްސަލައާ ގުޅިގެން އެ ސިޓީގެ ފެނަކަ އޮފީހުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާ ބައްދަލުކޮށް ހޯދި މައުލޫމާތުން، އައްޑޫ ފެނަކައިން ހިންގާ އިންޖީނުގޭގައި ހުރި 17 އިންޖީނުގެ ތެރެއިން މިވަގުތު މަސައްކަތް ކުރަނީ އެންމެ 13 އިންޖީނުކަން އެނގިފައިވާ ކަމަށް އަޒާންގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ހަތަރު އިންޖީނަކަށް ބޮޑެތި މައްސަލަ ދިމާވެފައިވާއިރު، އޭގެ ތެރެއިން ތިން އިންޖީނަކީ މަރާމާތު ނުކުރެވޭ ހާލަތުގައި ހުރި އިންޖީނުތަކެއް ކަމަށް ވެސް ފެނަކައިގެ މުވައްޒަފުންނާ ހަވާލާދީ އަޒާންގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

"އިންޖީނުތަކަށް މައްސަލަ ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މުވައްޒަފުން ފާހަގަކުރައްވަނީ ސްޕެއާ ހޯދުމަށް ރިކުއެސްޓް ކުރާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރު ވެސް ސްޕެއާތައް ނުލިބި އިންޖީނުތަކުގެ މެއިންޓެނަންސް އަދި މަރާމާތުގެ މަސައްކަތް ނުކުރެވުމެވެ،" އަޒާންގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

އަޒާން ވިދާޅުވެފައި މި މައްސަލައިގައި އައްޑޫގެ ބައެއް އެހެން ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއެކު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު ވެސް ހިމެނޭހެން އިސްވެރިންނާ މި މަހު 14، ގައި ބައްދަލުކުރުމުން އެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ސްޕެއާ ހަތް ދުވަސް ތެރޭގައި އައްޑޫއަށް ފޮނުވާނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.

ނަމަވެސް އެ ބައްދަލުވުމަށްފަހު އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް އައްޑޫއަށް ބޭނުންވާ ސްޕެއާ އެކޮޅަށް ފޮނުވާފައި ނުވާކަން އަޒާންގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox