ދިރާސާ ކުރުމަށާއި އިޖުތިމާއީ ބޭނުންތަކަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު"ގެ ނަމުގައި 2023 ގައި ގެޒެޓްކުރި ގަވައިދުގެ ދަށުން ތިން ކައުންސިލަކަށް ހަތަރު ރަށެއް ދޭން ނިންމައިފި އެވެ.
މި ގޮތަށް ދޫކުރާ 28 ރަށެއްގެ ނަން އާންމުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލީ މެއި 30، 2024 ގަ އެވެ. އޭގެ ތެރެއިން ހަތަރު ރަށެއް ރަސްމީކޮށް ހަވާލުކުރުމަށް މާދަމާ ރަސްމިއްޔާތެއް ބާއްވާކަން އިއުލާނުކުރެއްވީ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އެވެ.
މާދަމާ ހަވާލުކުރާ ރަށްތަކަކީ:
- ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ.
- ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ދ. ފެންފުށި
- ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅާލި.
މިނިސްޓަރު އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހަތަރު ރަށްވެސް ކައުންސިލްތަކަށް ހަވާލުކުރަނީ އެ ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު ކަމަށެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރަށްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތައް ނުވަތަ އަތޮޅެއްގައި ހިމެނޭ ރަށްތައް ދޫކުރާނީ އެ ރަށް ހިމެނޭ އަތޮޅުގެ ރަށްތަކުގެ ރުހުމާއެކު، ސަރުކާރާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެ ވިދާޅުވުމަށް މި ގަވައިދުގެ ދަށުން އަމަލު ކުރާކަމެއް ސާފެއް ނޫނެވެ.

މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅު ރަށްތައް އެ ރަށެއްގެ އިހުތިސާސްތަކުގެ ތެރޭގައި ހިމެނޭއިރު، ބައެއް ރަށްތަކުގެ ބޭނުން ކައުންސިލުން ނުކުރެ އެވެ.











