އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅުން އައްޔަނުކޮށްފި އެވެ.
އޭސީސީއަށް ރައީސް އައްޔަނު ކުރެއްވީ އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން އާއި އަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާ އެވެ. އީސީއަށް ރައީސް އައްޔަނު ކުރެއްވީ މުހައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އާއި އަބްދުއްރަހުމާން ސަލާހު ރަޝީދު، ކ. ހުރާ، ރޯޒް އެވެ.
އެ ހަތަރު ބޭފުޅުންނަށް ވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރެއްގެ ގޮނޑި ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނެވި އަލީ ނަޝާތު އާއި އެ ކޮމިޝަނުގެ މެންބަރު، މުހައްމަދު އާސިފް ވަކި ކުރަން މިދިޔަ ނޮވެމްބަރު 25، ގައި މަޖިލީހުން ފާސްކުރުމުންނެވެ.
އެ ދެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނުން ވަކި ކުރަން ފާސްކުރީ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަރުހަލާއަށް ހުރަސް އެޅުމާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ އިތުރުން އިލެކްޝަންސްގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަންތަކެއް ހަދައި ވިއްކި ކަމުގެ ތުހުމަތުގަ އެވެ.

އޭސީސީގެ މަގާމުތަކެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް، އަބްދުއްސަލާމް އާއި ކޮމިޝަނުގެ މެންބަރު، ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ.
އެ ބޭފުޅުން އޭސީސީން އިސްތިއުފާ ދެއްވީ އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގައި ހިނގަމުން ދަނިކޮށެވެ.
އެ ގޮތުން ބިިންވެރިޔާ ސްކީމުގެ މައްސަލަ ތަހުގީގު ކުރުން ލަސް ކުރުމާއި އެހެން ލޯފާމެއްގައި މަސައްކަތް ކުރުން ފަދަ ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތު އެ ދެ ބޭފުޅުންނަށް ކޮށްފައިވެ އެވެ.
ނަމަވެސް އެ ދެ ބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވީ ކުރެވުނު ތުހުމަތުތައް ދޮގުކޮށް ރައީސް މުއިއްޒުއަށް ފޮނުއްވި ސިޓީއަކުންނެވެ.













