ލަދުނުގަންނަންޏާ މަގާމުގައި ދެމިހުންނާށެވެ.

ލަދުނުގަންނަންޏާ މަގާމުގައި ދެމިހުންނާށެވެ.

ބައެއް ގައުމުތަކުގައި އާންމުން ކަންބޮޑުވާ ބާވަތުގެ ކަންކަން ހިނގުމުން، އެކަމެއްގެ ޒިންމާދާރުވެރިޔާ އަމިއްލައަށް ވެސް މަގާމުތަކުން އިސްތިއުފާދޭ ހަބަރު އަހަރެމެންނަށް ވަރަށް ގިނައިން އިވެއެވެ. ބައެއް ފަހަރަށް ބޮޑެތި ކާރިސާގެ ނުވަތަ ޖަރީމާގެ ވަގުތު، ސީދާ އެ ކަމެއްގައި އެމީހެއްގެ ބައިވެރިވުން ނުވަތަ އިހުމާލެއް ނެތަސް، އެކަމެއްގައި އެމީހެއްގެ ޒިންމާއެއް އޮތްކަމަށް އާންމުން ބަލައިގަނެދާނެ ފަދަ މަގާމުގައި ހުންނަ މީހާ ވެސް މިގޮތަށް އިސްތިއުފާދޭ ހަބަރަކީ ވަރަށް އާންމު ހަބަރެކެވެ.

ރާއްޖޭގައި ހިނގާ އެއްވެސް ވައްކަމެއް ނުވަތަ ވެރިއެއްގެ ޒިންމާއަދާނުކޮށްގެން ހިނގާ އެއްވެސް ކަމެއްގައި ނަމަވެސް، ތިމާގެ ޒިންމާއަދާނުކުރެވިއްޖެކަން ގަބޫލުކޮށް އިސްތިއުފާދިނުމަކީ، ރާއްޖެއަށް ސުނޯ ފޭބުމާ އެއްދަރަޖައިގެ ކަމެއްގެ ގޮތުގައި މީހުން ސިފަކޮށް އުޅެނީ ކަމެއް ވެގެންނެވެ. ރާއްޖޭގައި ވިއްޔާ މަގާމުގައި ހުރެ މަގާމުގެ ނުފޫޒުތައް ބޭނުންކޮށްގެން ވައްކަންކޮށްފައި އެކަން ފަޅާއެރުމުން އާންމުންނަށް ޖަވާބުދާރީ ވެސް ނުވަނީއެވެ. ނޫސްވެރިން ކުރިމަތީގައި ވެސް ފިލަނީއެވެ. އެކަމަކު ވެސް މަގާމުގައި ވެސް ހަރުކޮށް ފައިވިއްދާފައި އިހުނަށްވުރެ ތިމާ ކުރަމުންދިޔަ ވައްކަން ފުޅާކޮށްފައި، އަދި އެޔަށްވުރެ އަނގަ ފުޅާކޮށްފައި ބުނަނީ ތިމަންމެން މި ކުރަނީ އިސްލާމީވެރިކަމެއްކަމުގައެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ކިތަންމެ ގިނަ ނަމަވެސް އެންމެ ބޮޑު މައްސަލައަކީ، އެކަންކަން ހައްލުކުރުމަށް ދައުލަތެއްގެ ސިފައިގައި އެދައުލަތް ހިންގުމަށް މުޅި ދިވެހި ރައްޔިތުން ނުހަނު އިތުބާރާއެކު އައްޔަންކުރާ ފަރާތްތަކުން ހިޔާނާތްތެރިވުމުގެ މައްސަލައެވެ. ހިޔާނާތްތެރިވުމުގެ މައްސަލައަށްވުރެ ވަކީން ބޮޑީ ލަދެއް ނެތި ހިޔާނާތްތެރިވުމުގެ މައްސަލައެވެ. އެކިގޮތުން ފާޅުގައި ގެނެސްގަންނަ ތަފާތު ހިޔާނާތާއި ވައްކަމެވެ. ރައްޔިތުންގެ ޒާތީ މައުލޫމާތުންވެސް ވައްކަންކޮށް ހިޔާނާތްވެފައި ލަދެއް ނެތި މަގާމުތަކުގައި ދެމިތިބޭ ތިބުން އެއީ އިސްލާމީ ނަޒަރަކުން ބަލާއިރު އަދި މާބޮޑު މައްސަލައެކެވެ.

އެއްވެސް ފާފައެއް ނުވަތަ އެއްވެސް ނުބައިކަމެއް ސިއްރުންކުރުމާއި ފާޅުގައި ގެނެސްގަތުމަކީ ވެސް ތަފާތު ދެގޮތަކަށް އެކަމުގެ ހުކުމްތައް ޝަރުއީގޮތުން ހުރި ކަމެކެވެ. މުއްތަފަޤުން ޢަލައިހި ހަދީސެއްގެ ގޮތުގައި މާތް ނަބިއްޔާގެ އަރިހުން ވާރިދުވެފައިވެއެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ އުންމަތުގެ އެންމެންނަކީ ވެސް ފާފަތައް ފުއްސެވޭނޭ ބަޔެކެވެ. ފާޅުގައި ފާފަކުރާ މީހުން ފިޔަވައެވެ." މިސާލަކަށް ޖަމާއަތް ހަދައިގެން ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް އެރައްޔިތުންނަށް ނޭނގި އެރައްޔިތުންގެ ނަމުގައި އެކިބާވަތުގެ ފޯމުތައް ފުރައި، އަދި މިކަން އަބަދުވެސް ކުރަނީ މިހެން ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ފާޅުގައި ވާހަކަދައްކައި، ތިމަތިމާމެން އާންމުކޮށް ވަމުން އައި ހިޔާނާތުގެ މައްޗަށް ﷲ ލެއްވި ފަރުދާ އަމިއްލައަށް ކަހާ ފާޅުގައި ގެނެސްގަންނަ ފާފަތަކަކީ، ނުރައްކާތެރި ކަންކަމެވެ.

މިދަރަޖައަށް މިރާއްޖޭގައި މިކަންކަން ހިނގަމުންދިއުމުގައި ފެންނާން އޮތް ހަމަ އެންމެ ބޮޑު ސަބަބަކީ، ސިޔާސީ މަސައްކަތުގައި އުޅޭ ގިނަ މީހުންގެ ކިބައިގައި ލަދެއް ހަޔާތެއް ނެތުމެވެ. އެއީ ކުޑަކަމެއް ނޫނެވެ. އެހެނީ ލަދުވެތިކަމަކީ އީމާންކަމާއި ގުޅިލާމެހިފައި އޮންނަ ކަމެކެވެ. ޙާކިމް ސައްހަ ސަނަދުން ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "ލަދުވެތިކަމާއި އީމާންކަމާއި ދެކަމަކީ އެކީއެކަށް ލާމެހިފައިވާ ދެކަންތަކެވެ. އޭގެ ތެރެއިން އެއްކަންތައް އުފުލިއްޖެނަމަ އަނެއްކަންތައް އެޔާއެކު އުފުލިގެންދާނެވެ." އާދޭހެވެ! ލަދެއް ނެތަމަ ހަމަ ކޮންމެ ކަމެއް ވެސް ކުރާނެތާއެވެ! ލަދެއް ނެތް މީހާގެ އީމާންކަމެއް ނުހުންނާނެއެވެ.

އަޅުގަނޑުވެސް އެއްބަހެވެ. އިސްލާމީ އުސޫލުތައް ބުނާގޮތުން އީމާންކަމަކީ މަދުވެ އިތުރުވާ އެއްޗެކެވެ. ކޮންމެ މުސްލިމަކީ ފުރިހަމަ މުއުމިނަކަށް ނުވެދާނެއެވެ. އަދި އީމާންކަން ކިތަންމެ ދަށް މީހެއް ނަމަވެސް އޭނާއަކީ އިސްލާމްކަން ފުރިހަމަވެފައިވާ މުސްލިމެއްކަމުގައިވާނެއެވެ. އީމާންކަމާއި އިސްލާމްކަމުގައި ތަފާތެއްވެއެވެ.

އެކަމަކު ދަންނަވަންތޯއެވެ! ލަދުވެތިކަން ނެތުމުގެ ނުރައްކާތެރިކަން ވަނީ އެޔަށްވުރެ ދުރަށް ފެތުރިގެންނެވެ. އިބްނުމާޖާ ރަނގަޅު ސަނަދަކުން ރިވާކުރައްވައެވެ. މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ކޮންމެ ދީނަކަށް އަހުލާގެއް ވެއެވެ. އިސްލާމްކަމުގެ އަހުލާގަކީ ލަދުވެތިކަމެވެ." ޝައްކެތް ނެތެވެ. ލަދުވެތިކަމަކީ އަހުލާގީ ސިފަތަކުގެ ތެރެއިން ސިފައެކެވެ. މި ހަދީސްގައި މާތް ނަބިއްޔާ އެވަނީ މުޅި އަހުލާގު އެއީ ލަދުވެތިކަމުގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެއީ އިސްލާމްދީނުގެ އަހުލާގުގެ ގޮތުގައި ވެސް އެވަނީ ސިފަކުރައްވާފައެވެ. އެހެންވީމާ ލަދުވެތިކަމެއް ނެތުމީ ތިމާގެ އިސްލާމްކަމުގެ އަހުލާގު ނެތުމެވެ. އިސްލާމީ ދައުލަތެއްގެ މަގާމެއް އަދާކުރުމަށް އެމީހަކު ކުފޫހަމަވާނީ ކޮންގޮތަކުންތޯއެވެ؟

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހާއި ސިޔާސީ ދާއިރާއަށް ގެންނަންޖެހޭ އެންމެ ފުރަތަމަ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ލަދުވެތިކަން ކުރިއަރުވައި ނެގެހެއްޓުމެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ސަރުކާރުގައި ތިއްބަސް ސަރުކާރުގެ އިދިކޮޅަށް ހިންގޭ ސިޔާސީ ހަރަކާތުގެ ބައިވެރިން ކަމަށް ވިޔަސް އޭގެ ތެރޭގައި ތިބި ލަދުހަޔާތް ނުހުންނަކަން މާޒީގައި އެނގިފައި ތިބި ފަރާތްތައް ސިޔާސީ ހަރަކާތްތަކުންނާއި ދައުލަތުގެ މަގާމުތަކުން އެކީއެކަށް ދުރަށްލުމެވެ.

ތިރުމިޒީއާއި އިބްނު މާޖާ ސައްޙަ ސަނަދުން ރިވާކުރައްވާފައިވެއެވެ. "އެއްވެސް ކަމެއްގެ ތެރެއަށް ހަޔާތްކުޑަކަން ވަދެއްޖެނަމަ އެކަމެއް އިތުރަށް ހަޑިނުވެ ނުދާނެއެވެ. އަދި ކަމެއްގެ ތެރެއަށް ލަދުވެތިކަން ވަދެއްޖެނަމަ އެކަމެއް އިތުރަށް ޒީނަތްތެރިނުވެނުދާނެއެވެ." އާދޭހެވެ! ދިވެހި ޕޮލިޓިކްސް ދުވަހުން ދުވަހަށް ހަޑިވެ މުޑުދާރުވަމުންދިއުމުގެ އަސްލަކީ ސިޔާސީ ހަރަކާތާއި އެ ހަރަކާތުގެ ބައިވެރިންގެ ތެރެއަށް ލަދުހަޔާތްކުޑަކަން ވަދެފާވާލެއް ބޮޑުކަމެވެ. ކްލީން ޕޮލިޓިކްސްއަށް އެދޭނަމަ، ފާޅުގައި ވައްކަންކޮށްގެން ތިބި ފާޅުގައި ރައްޔިތުންގެ ޒާތީ މައުލޫމާތަށް ހިޔާނާތްތެރިވެފައިވާ މީހުން މަގާމުތަކުން ނަގައި އެއްކައިރިކުރުން ނޫން ހަމަ އެއްވެސް ގޮތެއް ނެތެވެ.

ސިޔާސީ މަގާމެއްގައި ހުރީ ލަދެއް ހަޔާތެއް ނެތުމުގެ ސަބަބުން އެ މަގާމު ލިބުނު މީހަކު ނަމަ، އޭނާ އަކީ އޭނާ ފަލީހަތްވުމުން އަމިއްލައަށް އިސްތިއުފާދޭނެ ފަދަ ލަދުވެތިކަމެއް ހުންނާނެ މީހެއް ނޫނެވެ. ބުޚާރީގައި ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ނަބަވީ ބަސްފުޅުތަކުގެ ތެރެއިން އެންމެ އިހަށް މީސްތަކުން ދެނެގަތް ކަންކަމުގެ ތެރޭގައި ހިމެނެއެވެ؛ ތިބާ ލަދުނުގަންނަމަ ބޭނުން ކޮންމެ ކަމެއް ކުރާށެވެ!"

ހަމަކަނޑައެޅިގެން ސަރުކާރުގެ އިދާރާއެއްގައި އެންމެން ޖަމާއަތް ހަދައިގެން ޕިއްޒާކަމުން، އެތައް ހާސް ރައްޔިތުންނެއްގެ ޒާތީ މައުލޫމާތުން ވައްކަންކޮށް އެބައިމީހުންގެ ނަމުގައި ފޯމު ފުރައި އެބައިމީހުންގެ އިނގިލީގެ ނިޝާންކަމުގައި ތިމާމެންގެ އަމިއްލަ އަތްތަކުން ބިރެއް ނެތި އިނގިލީގެ ނިޝާން ޖަހައިފިއެވެ. ހަރާންކޯރުގެ މައްޗަށް ހަރާންކޯރުވި މި ކަންކަން ހާމަޔަށް ފޮޓޯއާއެކު ފަޅާއެރުމުން ތުހުމަތަށް ޖަވާބެއް ނުދެވުނުތާގައި ނޫސްވެރިންނަށް ވެސް ފިލީއެވެ. އާދޭހެވެ. ލަދެއް ހަޔާތެއް ނެތަމަ، ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްވުމުންވެސް މަގާމުގައި ދެމިހުންނާށެވެ!

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox