މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ސޭލްސް ސެންޓަރަކާއި އޭޓީއެމެއް ރ އުނގޫފާރުގައި ގާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުނގޫފާރު ކައުންސިލާ އެކު އެމްއައިބީން ހެދި އެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދުއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ.
އެމްއައިބީން ބުނީ އުނގޫފާރުގައި އޭޓީއެމެއް ގާއިމުކުރަން ސޮއިކުރީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެމްއައިބީގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ތެރެއިން މި އަހަރު އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ވަނީ އުނގޫފާރުގެ އިތުރުން ރ. ހުޅުދުއްފާރު އަދި ރ. ދުވާފަރުގައި އެ ބޭންކުގެ އޭޓީއެމް ބެހެއްޓުމަށް އެހީތެރިވެދީފަ އެވެ.









