ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ލ. އަތޮޅު ސެމީ ފައިނަލުން މާބައިދޫ އާއި މުންޑޫ ޖާގަ ހޯދައިފި އެވެ.
ލ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު މި އަތޮޅުގެ ގްރޫޕް އެކެއްގެ ދެ ވަނަ ޓީމުގެ ގޮތުގައި މައިބާދޫ އިން ސެމީ އަށް ދަތުރުކުރީ އެ އަތޮޅު މާވަށް 3-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މި މެޗުގެ އަށްވަނަ މިނެޓުގައި މާވަށުން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ފާރިޝް ހަސަން އެވެ. އެކަމަކު، އޭގެ މިނެޓެއް ފަހުން މާބައިދޫގެ ޝަހީމް އަބްދުލް ގާދިރު ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޝަހީމް ވަނީ އިތުރު ގޯލެއް ޖަހާ މާބައިދޫ އަށް ލީޑު ނަގާދީފަ އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން މާވަށުގެ ފާރިޝް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުން މާބައިދޫ މޮޅުކޮށްދިން ގޯލު ޖަހާދިނީ ދެ ވަނަ ހާފުގެ ތިން ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ހަސަން ނިމާލް އެވެ.
މި މޮޅާއެކު މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި މާބައިދޫ ސެމީ ފައިނަލަށް ދިޔައީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަމުން ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން ސެމީ އަށް ގޮސްފަ އެވެ.
ލ. އަތޮޅު ގްރޫޕް ދޭއްގައި އިސްދޫ އިން ވަނީ 3-1 ގެ ނަތީޖާ އަކުން މުންޑޫ ބަލިކޮށްފަ އެވެ.
މި މެޗުގެ 19 ވަނަ މިނެޓުގައި އިސްދޫ އަށް ލީޑު ނަގާދިނީ އަލީ މީސާގް އީސާ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި މުންޑޫގެ އަހުމަދު ނަބީލް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އިސްދޫ އަށް މެޗުގެ ލީޑު އަލުން ހޯދައިދިނީ ކެޕްޓަން އަލީ ހުމޭޒު ޖެހި ގޯލުންނެވެ. އަދި އެ ޓީމުގެ ތިންވަނަ ގޯލު ޖަހާދިނީ ހުސެއިން އަފްހާން އެވެ.
މި ނަތީޖާއާ އެކު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިސްދޫ އިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުންޑޫ ސެމީ އަށް ދިޔައީ ދެ މެޗުން އެއް ޕޮއިންޓް ހޯދާ ކަލައިދޫ އަށް ވުރެ ފައިދާ ގޯލު ގިނަވުމުންނެވެ.
މި ނަތީޖާތަކާ އެކު ލ. އަތޮޅުގެ ސެމީގައި ގަމުން ނުކުންނާނީ މުންޑޫއާ ދެކޮޅަށެވެ. އަދި އިސްދޫ ނުކުންނާނީ މައިބާދޫއާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
20:00: ރ. ސެމީ ފައިނަލް: އަލިފުށި - ދުވާފަރު
20:00: ރ. ސެމީ ފައިނަލް: އިނގުރައިދޫ - މަޑުއްވަރީ
21:00: ޅ. ނައިފަރު - ޅ. އޮޅުވެލިފުށި
21:00: ޅ. ކުރެންދޫ - ޅ. ހިންނަވަރު
22:00: ގއ. ސެމީ ފައިނަލް: ދާންދޫ - ވިލިނގިލި
22:00: ގއ. ސެމީ ފައިނަލް: ދެއްވަދޫ - ނިލަންދޫ
23:00: ވ. ކެޔޮދޫ - ވ. ފެލިދޫ













