އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވާފައިވާ ދެ މީހުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އޭސީސީއަށް އައްޔަނު ކުރަން މަޖިލީހުން ރުހުން ދިނީ އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން އާއި އަބްދުﷲ ނާޝިދު، ފަސާނާ، ރ. އަލިފުށި އަށެވެ. އެ ދެ މީހުންނަށްވެސް މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އޭސީސީގެ މެންބަރުކަމަށް އައްޔަނު ކުރަން ރައީސް ޖެނުއަރީ 16، ގައި ފޮނުއްވި ނަންތަކުގެ ތެރެއިން އެއް ނަމަށް ބަދަލު ގެންނަވައި އަލުން މަޖިލީހަށް ފޮނުވި ސިޓީ މަޖިލީހަށް އިއްވީ މިއަދު އެވެ. އެ ސިޓީ އިއްވުމަށްފަހު އެ މައްސަލަ ފޮނުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ. ކޮމިޓީން ފާސްކުރީ ސިޓީގައިވާ ގޮތަށެވެ.
އޭސީސީގެ މަގާމުތަކެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް، އަބްދުއްސަލާމް އާއި ކޮމިޝަނުގެ މެންބަރު، ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ.
އެ ބޭފުޅުން އޭސީސީން އިސްތިއުފާ ދެއްވީ އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގައި ހިނގަމުން ދަނިކޮށެވެ.

އެގޮތުން ބިިންވެރިޔާ ސްކީމުގެ މައްސަލަ ތަހުގީގު ކުރުން ލަސް ކުރުމާއި އެހެން ލޯފާމެއްގައި މަސައްކަތް ކުރުން ފަދަ ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތު އެ ދެ ބޭފުޅުންނަށް ކޮށްފައިވެ އެވެ.
ނަމަވެސް އެ ދެ ބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވީ ކުރެވުނު ތުހުމަތުތައް ދޮގުކޮށް ރައީސް މުއިއްޒުއަށް ފޮނުއްވި ސިޓީއަކުންނެވެ.













