އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވާފައިވާ ދެ މީހުންނާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހަޅަން އެންމެ ބައިގަޑިއިރު ލިބޭ ގޮތަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އޭސީސީގެ މެންބަރުކަމަށް އައްޔަނު ކުރަން ރައީސް ޖެނުއަރީ 16، ގައި ފޮނުއްވި ނަންތަކުގެ ތެރެއިން އެއް ނަމަށް ބަދަލު ގެންނަވައި އަލުން މަޖިލީހަށް ފޮނުވި ސިޓީ މަޖިލީހަށް އިއްވީ މިއަދު އެވެ. އެ ސިޓީ އިއްވުމަށްފަހު އެ މައްސަލަ ފޮނުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.
އޭސީސީއަށް އައްޔަނު ކުރަން ރައީސް ހުށަހަޅުއްވާފައި ވަނީ އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން އާއި އަބްދުﷲ ނާޝިދު، ފަސާނާ، ރ. އަލިފުށި އެވެ.
އެމީހުންނާމެދު އާންމުންގެ އެއްވެސް ޝަކުވާއެއް އޮތްތޯ ބެލުމަށް މަޖިލީހުން އިއުލާނު ކުރީ މިއަދު ހެނދުނު 11:03 ގަ އެވެ. ޝަކުވާ ހުށަހަޅުމުގެ ސުންގަޑިއެއްގެ ގޮތުގައި އޮތީ ހަމަ މިއަދުގެ 11:30 އެވެ.
މަޖިލިސް ގަވާއިދުގެ 223 ވަނަ މާއްދާގައި ވާގޮތުން މިނިވަން މުއައްސަސާއަކާއި މިނިވަން މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނު ކުރުމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާ މީހުންގެ ނަންތައް ދިރާސާ ކުރާ ކޮމިޓީއަކުން އެ މީހުންނާމެދު އާންމުންގެ އެއްވެސް ޝަކުވާއެއް އޮތްތޯ ބެލުމަށް ހުޅުވައިލަން ޖެހެ އެވެ.

ހުޅުވައިލުމަށްފަހު ވަކި މުއްދަތެއް ނުވަތަ ވަގުތެއް ދޭންޖެހޭނެ ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައެއް ނޯވެ އެވެ.
އޭސީސީގެ މަގާމުތަކެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް، އަބްދުއްސަލާމް އާއި ކޮމިޝަނުގެ މެންބަރު، ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ.
އެ ބޭފުޅުން އޭސީސީން އިސްތިއުފާ ދެއްވީ އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގައި ހިނގަމުން ދަނިކޮށެވެ.
އެގޮތުން ބިިންވެރިޔާ ސްކީމުގެ މައްސަލަ ތަހުގީގު ކުރުން ލަސް ކުރުމާއި އެހެން ލޯފާމެއްގައި މަސައްކަތް ކުރުން ފަދަ ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތު އެ ދެ ބޭފުޅުންނަށް ކޮށްފައިވެ އެވެ.
ނަމަވެސް އެ ދެ ބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވީ ކުރެވުނު ތުހުމަތުތައް ދޮގުކޮށް ރައީސް މުއިއްޒުއަށް ފޮނުއްވި ސިޓީއަކުންނެވެ.













