ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު މޫމިނާ ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމަށް މޫމިނާ އައްޔަން ކުރަން ފެންނަ ކަމަށް މިއަދު މަޖިލީހަށް ހާޒިރުވި 67 މެންބަރަކު ވޯޓު ދިނެވެ. ހާޒިރުވެ، ތިން މެންބަރަކު ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ނައިބު ރައީސްގެ މަގާމަށް މޫމިނާ އައްޔަން ކުރަން ނަން ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި އަދުހަމް އަބްދުﷲ 2023 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަދުހަމް މަގާމުން އިސްތިއުފާ ދެއްވީ އޮސްޓްރޭލިއާއަށް ބަދަލުވެ، އެތަނުގައި ދިރިއުޅޭކަން ފަޅާއެރުމުންނެވެ. އެއިރު އޭނާ އޮފީހަށް ނުނިކުމެ މުސާރަ ނަގާތާ ހަތަރު މަސްދުވަސް އޮތީ ފާއިތުވެފަ އެވެ.
އެޗްއާރްސީއެމްގެ ގާނޫނަށް ގެނައި ބަދަލާއެކު މިހާރު އެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ގާނޫނު މިހާރު އިންނަ ގޮތުން ރައީސް އަދި ނައިބު ރައީސް ވަކިވާން ބޭނުންވި ނަމަވެސް ހުށަހަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އެޗްއާރްސީއެމްގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ވެސް މީހުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ގާނޫނަށް އެ ބަދަލުތައް ގެނައީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގަ އެވެ. މިއަދު މަޖިލީހުން ބޭއްވީ ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާއެކެވެ.











