މިއުނިކް (ޖެނުއަރީ 19) - ޖަރުމަނު ފުޓްބޯޅަ ސީޒަން އާ އަހަރަށް މެދުކަނޑާލުމަށް ފަހު، ދިން ޗުއްޓީ ނިންމައި، ބަޔާން މިއުނިކުން އޭގެ ފަހުން ކުޅުނު ތިން މެޗުގައި މޮޅަށް ކުޅެ ކާމިޔާބު ހޯދާފައިވާތީ، ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ އެކަން ފާހަގަކޮށްފި އެވެ.
ބަޔާނުން ރޭ ޖަރުމަނު ލީގުގައި ވުލްފްސްބާގު އަތުން މޮޅުވީ 3-2 އިންނެވެ. މި މެޗުގެ ނަތީޖާ އަށް ފަހު، ބަޔާނުން ވަނީ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެއް ވަނައިގައި އޮތް ބަޔާނަށް 18 މެޗުން 45 ޕޮއިންޓް ހޯދަައިފަ އެވެ. އަދި ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަނަށް ވަނީ 18 މެޗުން 41 ޕޮއިންޓް ހޯދައިފަ އެވެ.
"އާ އަހަރު ފަށަން އަހަރެމެންނަށް އޮތީ އުނދަގޫ މެޗުތަކެއް ހަގީގަތަށް ވިސްނަންޏާ. އެކަމަކު، އަހަރެމެން ވަރަށް ޕްރޮފެޝަނަލްކޮށް މި ކުރިމަތިލީ މި ހުރިހާ ކަމަކާ، ވުލްފްސްބާގުގެ އާ ކޯޗު ރަލްފް (ހަސެންހަޓަލް)އާ އެކު އެ ޓީމުން ވަރުގަދަ ވަމުން އަންނަ ދަނޑިވަޅެއްގައި އެ ޓީމު ބަލި މި ކުރެވުނީ ރަނގަޅަށް ކުޅެގެން،" ވުލްފްސްބާގު އަތުން މޮޅުވި މެޗަށް ފަހު، ކޮމްޕެނީ ބުންޏެވެ.
"ހަގީގަތުގައި އަހަރެން ވަރަށް އުފަލުން މި ހުރީ، މި ލިބުނު ޗުއްޓީ އަށް ފަހު ކުޅުންތެރިންގެ ރޫހު ރަނގަޅު،"
ބަޔާނަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ލެއޯން ގޮރެޓްޒްކާ ދެ ގޯލާއި މައިކަލް އޮލީސޭ އެވެ. ވުލްފްސްބާގުގެ ދެ ގޯލު ވެސް ޖެހީ، މުހައްމަދު އަމޫރާ އެވެ.
ކޮމްޕެނީ ވަނީ ގޮރެޓްޒްކާ ރޭގެ މެޗުގައި ދެއްކި ކުޅުމަށާއި ޕްރޮފެޝަނަލީ ޓީމާ އެކު ކުރާ މަސައްކަތް ފާހަަގަކުރާ ކަމަށް ބުނެފަ އެވެ.












