ވަގު ފޯމު މައްސަލަ: އެމްޑީޕީއަށް އެކަނި ވެސް 3،000 ޝަކުވާ ލިބިއްޖެ، އެދެނީ ޕީޖީގެ އަމުރަކަށް

އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް ވައްދާ މައްސަލައިގައި އާންމުންގެ ފަރާތުން އިދިކޮޅު އެމްޑީޕީގެ 3،000 ޝަކުވާ މިހާރު ވެސް ލިބިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ލީގަލް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލައަކީ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން، އެ މައްސަލަ ތަހުގީގު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އަމުރު ކުރަން ޖެހޭ ކަމަށެވެ.

"މިހާތަނަށް 3،000 ޝަކުވާ ލިބުނު ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންނަށް މިހާރު ބެލެވޭ ގޮތުން އެ އަދަދު އެއަށްވުރެ އިތުރުވެގެންދާނެ. އެހެންވީމަ މި މައްސަލަތައް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަމުރު ކުރައްވަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް މި ފެނުނީ،" މަހުފޫޒް ވިދާޅުވި އެވެ.

ޕީއެންސީއަށް މެންބަރުން އިތުރު ކުރަން މަސައްކަތް ކުރީ ރައްޔިތުންގެ މައުލޫމާތުތައް ވަގަށް ނަގައިގެން ކަމުން، އެއީ އާންމު މަސްލަހަތު ހިމެނޭ ކަމެއްކަން މަހްފޫޒް ފާހަގަކުރެއްވި އެވެ.

"ދާދި ފަހުން މި ފެންމަތިވި ގޯތި މައްސަލަ ކަމަށްވީ ނަމަވެސް. އަދި ރައްޔިތުންގެ މަޖިލީހުން ވިދާޅުވެގެން ކުރީ ސަރުކާރުން ހިންގާފައި އޮތް ސެޓްލްމަންޓްތަކާ ގުޅޭ މައްސަލަ ތަހުގީގު ކުރުމަށް ވެސް އެބަވޭ ޕީޖީ އަމުރު ކުރައްވާފައި. އެ މައްސަލަތައް ތަހުގީގު ކުރެއްވުމަށް އަމުރު ކުރެއްވި އިރުގައި މި މައްސަލައަކީ މިކަންތައްތަކަށްވުރެ މާ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ލީގަލް ޓީމުގައި ހިމެނޭ އިބްރާހިމް ޝިޔާމް ވިދާޅުވީ އެމްޑީޕީއަށް ލިބިފައިވާ 3،000 ޝަކުވާތަކުގެ ތެރެއިން ބައެއް ޝަކުވާތަކަށް ބަލާއިރު ޕީއެންސީއަށް ގިނަ މީހުން ވައްދާފައި ހުރީ ސޮއި ފަދަ ތަކެތި ފޯޖުކޮށް އައިޑީކާޑުގައި ޖަހާފައި ހުރި ފޮޓޯ ބޭނުން ކޮށްގެން ކަމަށެވެ.

"މީގެ ތެރޭގައި ޝަކުވާތަކުގެ މައްޗަށް ބަލާލައިފި ކަމަށްވާނަމަ އެބަހުރި ކުރީގެ އައިޑީ ކާޑުގައި ހުރި ފޮޓޯ ބޭނުން ކޮށްފައި. ފޯޖު ސައިން ބޭނުން ކޮށްފައި. ދެން ފިންގާ ޕްރިންޓް ފޯޖުކޮށްފައި އެބަހުރި ކަމަށް ތުހުމަތު އެބަކުރޭ އެ ޕާޓީ މެންބާޝިޕް ކަމަށް ފޯމު ހުށަހެޅި ކަމަށް ބުނާ ފަރާތުން،" އޭނާ ވިދާޅުވި އެވެ.

އޮޅުވާލައިގެން މެންބަރުންތައް ޕީއެންސީއަށް ވައްދާފައި ވަނީ ސަރުކާރުގެ އިދާރާތަކުން ރާވައިގެން އިންތިޒާމުކޮށްގެން ހިންގި ބޮޑު ޖަރީމާއެއްގެ ތެރެއިންކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެކަން ކޮށްފައި ވަނީ ގަސްތުގައި ކަމަށެވެ.

"މިއީ ހަމައެކަނި ޕީއެންސީން، ހަމައެކަނި ޕާޓީއަކުން ކުރެވޭނެ ކަންތައްތަކެއް ނޫން މިއީކީއެއް. މިއީ ސަރުކާރުގެ އިދާރާތަކުން ރާވައިގެން އިންތިޒާމު ކޮށްގެން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. މިއީ އިދާރީ ގޮތުން އެޅިފައެއް ގޯހެއް ނޫން. ނޫނީ އިދާރީ މިސްޓޭކެއް ނޫން. ނޫނީ ނޭގިގެން ކޮށްގެން އުޅޭ ކަމެއް ނޫންކަން އަޅުގަނޑު ހަމަ ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ވަގު ފޯމު ފުރައިގެން މީހުންތަކެއް ޕީއެންސީއަށް ވެއްދު ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ޕީއެންސީގެ ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކެއް ހޯމް މިނިސްޓްރީ އާއި ޑީއެންއާރުގެ މުވައްޒަފުން ފުރިއިރު، އެތަނުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ހުންނަވަނިކޮށް ފެންނަ ފޮޓޯތަކެއް ވަނީ ލީކުވެފަ އެވެ.

އެމްޑީޕީން އެދިފައި ވަނީ އޭސީސީ އާއި ފުލުހުން ވަގު ފޯމުތަކުގެ މައްސަލަ ބަލައި ނިމެންދެން މިނިސްޓަރު އިހުސާން މަގާމުން އެކަހެރި ކުރުމަށެވެ. އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox