ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފ. އަތޮޅުގައި އިއްޔެ ކުޅުނު މެޗުތަކުން ނިލަންދޫ ބަލިކޮށް މަގޫދޫ ފައިނަލާ ގާތަށް ޖެހިލިއިރު، ފީއަލި ބަލިކޮށް ދަރަނބޫދޫން ދެ ވަަނަ މޮޅާ އެކު އުންމީދު ބޮޑުކޮށްފި އެވެ.
އިއްޔެ ހަވީރު ނިލަންދޫގެ މައްޗަށް މަގޫދޫ އިން ކުރިހޯދީ 3-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ތިން ވަނަ މިނެޓުގައި މަގޫދޫގެ އަހުމަދު މުއާޒް ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު، މެޗުގެ 10 ވަނަ މިނެޓުގައި ނިލަންދޫގެ ކެޕްޓަން އީޖާޒް އަބްދުލް ގާދިރު ވަނީ ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މަގޫދޫގެ މުހައްމަދު ފުރުގާން ވަނީ ގޯލު ޖަހައި އަލުން ލީޑު ނަގައިދީފަ އެވެ. މަގޫދޫގެ ލީޑު ފުޅާކޮށްދިނީ މޫސާ އަސްއަދް އަންވަރު ޖެހި ގޯލުންނެވެ. އެކަމަކު ދެ ވަނަ ހާފުގެ 17 ވަނަ މިނެޓުގައި ނިލަންދޫގެ ފާރޫގް އިސްމާއިލް ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
މި އަތޮޅުގެ ލީގު ބުރުގައި ފީއަލިގެ މައްޗަށް ދަރަނބޫދޫ ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ނުވަ ވަނަ މިނެޓުގައި ދަރަނބޫދޫ އަށް ލީޑު ނަގާދިނީ ރައްޔާން ރިޔާޒް ޖަހާދިން ގޯލުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު މާކިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުން މޮޅުކޮށްދިން ގޯލު ދަރަނބޫދޫ އަށް ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ޖަހާދިނީ އާލިފް އަލީ އެވެ.
މި ނަތީޖާތަކާއެކު ފ. އަތޮޅުގެ ލީގު ބުރުގެ އެއް ވަނައިގައި މަގޫދޫ އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ދަރަނބޫދޫ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބިލެތްދޫ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:
16:00: ބ. އޭދަފުށި - ބ. ތުޅާދޫ
17:00: ދ. ބަނޑިދޫ - ދ. މާއެނބޫދޫ
----------------------------------------
20:00: ހއ. ކެލާ - ހއ. ހޯރަފުށި
20:00: ހއ. ފިއްލަދޫ - ހއ. ބާރަށް
21:00: ހއ. އުތީމު - މުރައިދޫ
21:00: ހއ. އިހަވަންދޫ - ހއ. ދިއްދޫ
22:00: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު
22:00: ހދ. ފިނޭ - ހދ. މަކުނުދޫ
23:00: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ
23:00: ހދ. ނޮޅިވަރަން - ހދ. ކުމުންދޫ













