ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އއ. އަތޮޅުގެ ގްރޫޕް އެކެއްގެ ފަހު މެޗު ވެސް ކާމިޔާބުކޮށް މަތިވެރިން ރެކޯޑާ އެކު ސެމީ އިން ޖާގަހޯދިއިރު, ގްރޫޕް ދޭއްގައި ރަސްދޫއާ ކުޅެގެން އެއްވަރުވެ އެ ގްރޫޕްގެ އެއް ވަނަ ބޮޑުފޮޅުދޫ އިން ހޯދައިފި އެވެ.
މި މުބާރާތުގެ އއ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ކުރިއަށްދިޔައިރު, މަތިވެރިން ހިމަންދޫގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ހަތް ވަނަ މިނެޓުގައި މަތިވެރި އަށް ލީޑު ނަގާދިނީ ކެޕްޓަން މުހައްމަދު ޝަފުރާޒް ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މަތިވެރީގެ ލީޑު ފުޅާކޮށްދިނީ އަލީ އަލްސަން ޖެހި ގޯލުންނެވެ. އަދި ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އަރުޝަދު އަބްދުލް ލަތީފް ވަނީ މަތިވެރީގެ ތިންވަނަ ގޯލު ޖަހާފަ އެވެ. އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު މިދުހަތު އެވެ.
ގްރޫޕް އެކެއްގައި ތޮއްޑޫ އިން އުކުޅަސް ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި އުކުޅަހުގެ މުހައްމަދު ފުއާދު ގޯލު ޖަހާ ލީޑު ނެގިއިރު, އޭގެ މިނެޓެއް ފަހުން ތޮއްޑޫގެ ކެޕްޓަން އިބްރާހީމް އުޝާމަތު ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ތޮއްޑޫގެ އާދަމް ޝާވިން މޫސާ ގޯލު ޖަހާ ލީޑު އެ ޓީމަށް ނަގާދިނެވެ.
ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި ތޮއްޑޫގެ ލީޑު ފުޅާކޮށްދިނީ އިބްރާހީމް ޝިޔާޒް ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން އުކުޅަހުގެ ޝިޒާން ޝަހީމް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. ތޮއްޑޫގެ ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހާދިނީ މުއައްވާޒް ބިން މުއާޒް އަބްދުالله އެވެ.
މި ނަތީޖާތަކާއެކު އއ. އަތޮޅުގެ ގްރޫޕ އެކެއްގެ އެއްވަނަ ހޯދީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދި މަތިވެރި އެވެ. އަދި ދެ ވަނަ އަށް ދިޔަ ތޮއްޑޫ ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ.
އއ. އަތޮޅުގެ ގްރޫޕް ދޭއްގައި ބޮޑުފޮޅުދޫ އާއި ރަސްދޫ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުންނެވެ. އެއާއެކު މި ގްރޫޕްގެ އެއްވަނަ ބޮޑުފޮޅުދޫ އިން ވަނީ ހޯދައިފަ އެވެ. މި ދެ ޓީމަށް ވެސް ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ބޮޑުފޮޅުދޫ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
މި ގްރޫޕްގެ ފަހު މެޗުގައި މާޅޮހުން ވަނީ ފެރިދޫ 7-3 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ.
މި ނަތީޖާތަކާ އެކު އއ. އަތޮޅުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މަތިވެރިން ނުކުންނާނީ ރަސްދޫއާ ދެކޮޅަށެވެ. އަދި ބޮޑުފޮޅުދޫ ނުކުންނާނީ ތޮއްޑޫއާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:
16:00: ގދ. މަޑަވެލި - ގދ. ފަރެސްމާތޮޑާ
16:00: ގދ. ވާދޫ - ގދ. ގައްދޫ
17:00: ފ. ނިލަންދޫ - ފ. މަގޫދޫ
17:00: ފ. ފީއަަލި - ފ. ދަރަނބޫދޫ
----------------------------------------
20:00: ނ. ވެލިދޫ - ނ. ހޮޅުދޫ
20:00:
21:00: ސ. މަރަދޫފޭދޫ - ސ. ހުޅުދޫ
21:00: ސ. މަރަދޫ - ސ. މީދޫ
22:00: ވ. ފެލިދޫ - ވ. ފުލިދޫ
22:00: މ. މުލި - މ. ނާލާފުށި
23:00: މ. ވޭވަށް - މ. މަޑުއްވަރީ
23:00: މ. ދިއްގަރު - މ. މުލަކު













