މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިލްޔާސް އެ މަގާމުން އިސްތިއުފާ ދެއްވިކަން، މިފްކޯގެ މީޑިއާ އޮފިސަރު، އިބްރާހިމް ސައީދު "އަދަދު" ނޫހަށް ކަށަވަރު ކޮށްދެއްވި އެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން އިލްޔާސް ހަނީފް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެހެން ވަޒީފާއަކަށް ބަދަލުވުމަށް ތައްޔާރުވަމުންދާތީ ކަމަށެވެ.
މިފްކޯގެ ސީއެފްއޯގެ މަގާމުން އިލްޔާސް އިސްތިއުފާ ދެއްވާފައި މިވަނީ އެ ކުންފުންޏަށް އާ ސީއީއޯއެއް އައްޔަނުކޮށް، ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައި ވަނިކޮށެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވިތާ ހަތް މަސްދުވަސް ފަހުން މިދިޔަ ޑިސެމްބަރު 9، ގައި އެ މަގާމަށް އައްޔަނު ކުރީ ޔޫކްރެއިންއަށް ނިސްބަތްވާ، ޑރ. ވިތާލީ ލުބިމޮފް އެވެ.

އެއަށްފަހު ޑިސެމްބަރު 30، ގައި ޕީސީބީން ވަނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހުންނެވި، އަހުމަދު ޝަރީފް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ބަދަލު ކޮށްފަ އެވެ.













