ލަންޑަން (ޖެނުއަރީ 9) - ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗަކަށް ކުރިން ބްރައިޓަން އާއި ޗެލްސީގައި ހުރި ގްރަހަމް ޕޮޓާ ގެންނަން ނިންމައިފި އެވެ.
ވެސްޓް ހޭމްގެ ކޯޗުކަމުން، ހަ މަސް ތެރޭ، ސްޕެއިނުގެ ޖުލެން ލޮޕެޓެގީ ވަނީ ވަކިކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރަސްމީކޮށް ވެސްޓް ހޭމާ ހަވާލުވި ލޮޕެޓެގީ އަށް، އެ ކްލަބާ އެކު، ޕްރިމިއާ ލީގުގައި ހޯދުނީ ހަ މޮޅެވެ.
ރިޕޯޓްތައް ބުނާގޮތުން ވެސްޓް ހޭމްއާ އެކު، ޕޮޓާ ސޮއިކުރާނީ ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގަ އެވެ.
ޗެލްސީގެ ކޯޗުކަމުން، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު، ޕޮޓާ ވަކިކޮށްފައިވަނީ މަގާމާ ހަވާލުވިތާ ހަތް މަހެއްހާ ދުވަސްތެރޭގަ އެވެ. ބްރައިޓަންގައި ހުއްޓައި، 20 މިލިއަން ޑޮލަރުގެ ފީއެއް ދައްކާފައި ޗެލްސީން ޕޮޓާ ގެނައީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އަހަރެއް ވެސް ނުވަނިސް ޕޮޓާ ވަކިކުރަން ނިންމީ އެ ކްލަބްގެ އާ ވެރިޔާ، ޓޮޑް ބޯލީ ބަދަލަކަށް ބޭނުންވުމުންނެވެ.
އޭގެ ފަހުން، ޕޮޓާ ހޯދަން ފްރާންސްގެ ލިޔޯނުންނާއި އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑުން ވެސް ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު، އޭގެއިން އެއްވެސް ޕްރޮޕޯސަލަކާ މެދު ޕޮޓާ ހިތްހަމަނުޖެހެ އެވެ.












