ގ. އުފުރިޔާގެ ހަވަނަ ފަންގިފިލާގައި މިރޭ ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި އެވެ.
ގ. އުފުރިޔާގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ އިންސިޑެންޓު ކޮމާންޑަރު "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ގޭގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ.
"އަލިފާން ނިއްވާލާފައި ވަނީ، ގޮދަޑިއެއްގައި ރޯވެގެން ހިނގި ކަމެއް ކަމަށް ބެލެވެނީ، ސީދާ ފަޔާގެ އޮރިޖިން ބަލަމުން މިދަނީ،" އެނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ ގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިރޭ 11:27 ހާއިރު ކަމަށެވެ. އެ ވަގުތުން ފެށިގެން އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފެށި ކަމަށް ފުލުހުން ބުންޏެވެ.
މިރޭގެ ހާދިސާގައި އަލިފާން ރޯވި އެޕާޓުމެންޓުގައި ހުރި ބައެއް ފަރުނީޗަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެ ސަރަހައްދުގައި އަދިވެސް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.












