ޖިނާއީ ތަހުގީގު ހިންގުމަށް ސިޔާސީ އިދާރާއަކުން އަމުރުކުރުން

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ވީރު އަލީދީދީ އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގައި ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ އެވެ. އެއީ، އެއްކޮށް އޮތް ބޮޑު މާސިންގާ ހުވަދޫގެ އެންމެހައި ކަންތައްތައް ބަލަހައްޓައި ވިލަރެސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަތަކުން އައްޔަނުކުރެވިފައިވާ ބޭފުޅެކެވެ. އަތޮޅުގެ ކަންކަން ހިންގަވަމުން ގެންދެވީ ސަރުކާރުން ބޭނުންވާ ގޮތަށެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދެއްކެވި ޖެހިލުންކުޑަކަމާއި ސާބިތުކަމުގެ ސަބަބުން އެއީ ރައީސް އަމީން ވަރަށް އިތުބާރުކުރެއްވި ލީޑަރަކަށްވި އެވެ. ހަމައެއާއެކު، ރައީސް އަމީންގެ ވެރިކަމާ އިދިކޮޅު މީހުންގެ ހަތުރަކަށްވެސް ވި އެވެ.

ވިލިނގިލީ ހިލިހިލާގޭ ރެކިފުތާ ކިޔައިދީ، މަރުހޫމް އަލީ ހުސައިން ލިޔުއްވާފައިވާ ގޮތުން ވީރު އަލީ ދީދީ އަވަހާރަކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެރަށު ދޮންދިޔެގެ އަނީސް އެވެ. އެކަމުގައި ހަދަންޖެހޭ މަންތަރު ބުނެދިނީ މަޝްހޫރު ހަކީމްދީދީ އެވެ. އަތޮޅުވެރިން ވިލިނިގިއްޔަށް ވަޑައިގެންނެވި ދުވަހެއްގައި އަނީސްގެ ގެއަށް ފަރީއްކޮޅަކަށް ވަޑައިގެންނެވުމަށް ދެއްވި ހީލަތްތެރި ދައުވަތަކީ އޭނާ އަވަހާރަކޮށްލުމަށް ދެއްވި ދައުވަތެކެވެ. ޖާފަތަށް ވަޑައިގެން އިށީނދެވަޑައިގަތުމާއެކު ކުރިފުޅުމަތީގައި ހުރި ފެންތަށި ނަންގަވައި އެ ތަށިން ހިއްޕެވި ފެންފޮދަކީ 'މަރުފެން' ކަމަށް ވެދާނޭކަމަށް ވީރުއަލީދީދީއަކަށް އެއްގޮތަކަށްވެސް ހިތްޕުޅަށް ގެނެވިފައެއް ނުވާނެ އެވެ.

އެ ފެންތަށްޓަކީ އަތޮޅުވެރިންގެ ފުރާނަ ދުއްވާލުމަށް ހަކީމްދީދީގެ ބެލުމުގެ ދަށުން ތައްޔާރުކުރެވުނު ފެންތަށްޓެކެވެ. އެއީ މަހަށްދިޔަ ބަޔަކު ލައްވާ ގެނުވި 'ނިލަހިކާ' އެއްގައި ސިހުރު ލިޔެ ކައްކައިގެން ތައްޔާރުކޮށްފައި ހުރި ފެނެކެވެ. އެ ފެންތަށިން ބައެއް ހިއްޕެވިތަނާހެން ވަރަށް ބޮޑަށް ހާލުކޮޅު ދެރަވި އެވެ. ހިލިހިލާގޭ ރެކިފުތާ ކިޔައިދިން ގޮތުން ވީރު އަލީދީދީ އަވަހާރަވީ ތިނަދޫއަށް އެނބުރި ވަޑައިގެންނެވިތާ ހަތަރުވަނަ ދުވަހު އެވެ. އެހެން ބައެއް ލިޔުންތަކުގައި ހުރި ގޮތުން އެ ފެންތަށިން ހިއްޕެވިތާ ސައުވީސްގަޑިއިރު ނުވަނީސް ވީރު އަލީ ދީދީ އަވަހާރަވެއްޖެ އެވެ.

މި މައްސަލައިގެ ތަހުގީގު އިސްވެ ހިންގެވީ ސީދާ ރައީސް އަމީން އެވެ. މިކަން އޭރު އެމަނިކުފާނު ބަލަހައްޓަވަމުން ގެންދެވި ސަރުކާރުގެ ރަސްމީ ރެކޯޑު، 'އެކިކަންކަން ހިނގިގޮތް' ގައި ލިޔެފައިވާ ބަޔާންތަކުން ސާބިތުވެ އެވެ.

މައްސަލައިގެ ތަހުގީގު ނިމިފައި އޮއްވައި ރައްޔިތުންގެ ގެއިން ވެސް މި މައްސަލައިގެ ތެރެއަށް ވަނެވެ. ރައްޔިތުންގެ ގޭގައި ކުރެވުނު ދިގު ބަހުސަކަށްފަހު ނިންމީ، ވީރުއަލީދީދީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށް ފެންނަ މީހަކު މެރުމަށް އަމުރުކުރުމަށާއި، އެނޫން މީހުންނަށް އެމީހަކު ބައިވެރިވީ ނިސްބަތަކަށް ބަލައި އަދަބު ދިނުމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ފަހުމީދީދީ ގެ ކިބައިން 'އެދިވަޑައިގަތުމަށެވެ'. ރައްޔިތުންގެ ގެއިން އެގޮތަށް އެދިވަޑައިގެންނަވާކަން އެންގެވުމަށް އުއްތަމަފަނޑިޔާރަށް ސިޓީ ފޮނުއްވީ އޭޕްރިލް 2، 1953 ގަ އެވެ.

ރައްޔިތުންގެ ގެއިން ފޮނުއްވި ސިޓީގައި މިއީ 'އެދިވަޑައިގަތުމެއް' ކަމަށް ލިޔުއްވާފައި އޮތަސް، މިއީ އެމަޖިލީހުގެ 'އަމުރުފުޅެއް' ކަން އުއްތަމަފަނޑިޔާރު މަނިކުފާނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އެހެންވެ، އެސިޓީ ލިބިވަޑައިގަތުމާއެކު، ވިދިގެންއައި ދުވަހު އެ ސިޓީއަށް ޖަވާބު ދެއްވި އެވެ. ވިދާޅުވީ، 'ކުށުގެ ބާވަތްތައް ގިނަވަމުން، މީހުންގެ އަހުލާގު ދަށްވަމުންދާ ދުވަސްވަރެއްގައި ހައްގު ދީނާ ތަބާވުމަށް އަޅުގަނޑަށް ގޮވާލިކަން މައްޗަށް ރައްޔިތުންގެ ގޭގެ މާތް ރައީސަށާާއި، ރައްޔިތުންގެ ވަކީލުންނަށް ދީނުގެ ނަމުގައި ޝުކުރު ދަންނަވަން' ކަމަށެވެ. އަދި ކުށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް ހައްގު އަދަބު ކަނޑައަޅުއްވާނޭކަމަށް އުއްތަމަ ފަނޑިޔާރުގެ ސިޓީފުޅުގައި ވިދާޅުވެފައި އޮވެއެވެ. ސިޓީފުޅު ނިންމަވަމުން ވިދާޅުވެފައި އޮތީ 'އަޅުގަނޑީ ރައްޔިތުންގެ ގޭގެ ރައީސްއަށް ކިޔަމަންތެރި ހާދިމު' ކަމުގަ އެވެ.

އެއީ އެޒަމާނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސާއި، ނާއިބު ރައީސާއި، ވަޒީރުންނާއި ނައިބުންނާއި ކަތީބުންނާއި މުދިމުންނަކީވެސް އެޒަމާނުގައިނަމަ ކަމާބެހޭ މީހުންނެވެ. އެ ޒަމާނުގެ އާންމު ރައްޔިތެއްގެ ވިސްނުމުން ނަމަ އަދުލުއިންސާފުގައި އެއިން އެއްވެސް މީހަކާ ނުބެހެވޭނޭ ވަކި މިވެނި ކަމެއް ނޯވެ އެވެ. އެހެންވެ، ޖިނާއީ މައްސަލައެއްގައި ހުކުމް ކުރާންވީ ގޮތުގެ މައްޗަށް ރައްޔިތުންގެ ގެއިން ލަފައެއްގެ ސިފައިގައި އުއްތަމަ ފަނޑިޔާރަށް އަމުރެއް ކުރުމަކީ ނުއެކަށޭނަ ކަމެއް ނޫނެވެ. އައިބު ކަމެއްވެސް ނޫނެވެ. އެއީ ވަރަށްވެސް ގާނޫނީ ގޮތެކެވެ.

މިޒަމާނަކަށް ހޭލައިގަތުމުން، އެ ޒަމާނުގެ ބައެއް ކަންކަން އަޅުގަނޑުމެންނަށް ކަމުނުދާކަމަށް ވެއްޖެ އެވެ. ސިޔާސީ އިދާރާއަކުން، ޖިނާއީ އަދުލުގެ ނިޒާމުގެ ކަންކަމަށް ބަސްބުނުމަކީ ކަމުނުދާ ގޮތެއް ކަމަށް ފެނިގެން މުޅި ޖިނާއީ އަދުލުގެ ނިޒާމު އެއޮތީ ސިޔާސީންގެ މުށުތެރެއިން ބޭރުކޮށްލާފަ އެވެ. މަޖިލީހަށް ހަމައެކަނި ބޭއްވި ބާރަކީ ކަންކުރާންވީ ގޮތުގެ ގާނޫނު ހެދުމާއި، އެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި ޖަވާބުދާރީ ކުރުވުމުގެ ބާރެވެ. ވަކި މީހެއްގެ ވަކި މައްސަލައަކަށް ގޮތްފާޑު ކިޔުމަކީ މަޖިލިސް ފަދަ ސިޔާސީ އިދާރާއަކުން ކޮށްގެން ނުވާނޭ ފަދަ ހުތުރު ކަމެއްކަމުގައި އަޅުގަނޑުމެން ދުށީ އެވެ.

ގާނޫނުއަސާސީއާއި ގާނޫނުގެ ދެލިގަނޑު މިހެން އޮތަސް، ދާދިމިދާދުވަހަކު އިވުނު ވާހަކައަކީ، ބައެއް މައްސަލަތައް ކޯޓުން ބޭރުން ހައްލުކުރުމުގައި ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުން، ރާއްޖޭގެ މުސްތަގިއްލު ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް 'އިލްތިމާސް' އެއް ކުޅަ ވާހަކަ އެވެ. މި އިލްތިމާސެއް ކުޅައީ މަޖިލީހުގައި އެކަމުގެ މައްޗަށް ވާހަކަ ދައްކައިގެން، މެންބަރުން ވޯޓު ދީގެން ގިނަބައިގެ ތާއީދުން ފާސްކޮށްގެންނެވެ.

އެކަމަށް ވޯޓު ދިނީ ޕްރޮސިކިއުޓަރ ޖެނެރަލެއްގެ އިތުބާރެއް ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ އަދަދަށްވުރެ މާ އިތުރު އަދަދެއްގެ މެންބަރުންނެވެ. އެ މެންބަރުން އެ ކުޅަ 'އިލްތިމާސާ' އެއްގޮތަށް އަމަލުނުކޮށްފިނަމަ ދެންވާނޭ ގޮތް މިނިވަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެނގިވަޑައިގަންނަވަން ވާނެޔޭ އެ މެންބަރުން ވިދާޅުވާ ކަހަލަ އެވެ. މަޖިލީހުން އެ ކުޅައީ އިލްތިމާސަކަށް ނުވެ، އަމުރަކަށް ވަނީ އެހެންވީމަ އެވެ.

ޖިނާއީ ކުށެއްގެ އަމަލެއް އެއްވެސް މީހަކު ހިންގާފައި އޮތްނަމަ އެކަމެއް ބަލަންވީ އެވެ. ފުރަތަމަ އެކުށެއްގެ ތަބީއަތާ ގުޅޭ ތަހުގީގީ އިދާރާއަކުން ތަހުގީގު ކުރާނީ އެވެ. އެ އިދާރާއަކަށް މައްސަލަ ހުށަހެޅުމުން ނުވަތަ އަމިއްލަ އިސްނެގުމުގައިވެސް ބަލަންވީ އެވެ. ދެން ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް، އެ ބާރު ލިބިގެންވާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވާނީ އެވެ. ޕީޖީ ދައުވާކުރަން ނިންމައިފިނަމަ އެ މައްސަލައެއް ބެލުމުގެ ބާރު ލިބިގެންވާ ކޯޓަށް ހުށަހަޅާނީ އެވެ. މައްސަލަ ބަލައި ގޮތެއް ކަނޑައަޅާނީ ކޯޓުންނެވެ. ޖިނާއީ އަދުލުގެ ނިޒާމު ތަރުތީބުވެފައި އޮތީ މިހެންނެވެ.

މިހެން އޮތްކަމެއްގައި، ޖިނާއީ މައްސަލައެއްގެ ތަހުގީގުގެ ބުރު ހިންގުމަށް އަންގައި، ރައްޔިތުންގެ މަޖިލީހުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކުރަންޖެހޭ އަމުރެއް އިލްތިމާސެއް އާދޭހެއް ނޯންނާނެ އެވެ. އެފަދަ އަމުރަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ރުހެންވާނޭ ގާނޫނީ ހުއްޖަތެއްވެސް ނެތެވެ.

ގާނޫނީ ނިޒާމު އޮތްގޮތަށް ބާއްވާފައި، ސިޔާސީ މަގުސަދެއްގައި ވަކި މައްސަލައެއް ބަލައި ފިޔަވަޅު އަޅާން ސިޔާސީ އިދާރާއަކުން ޕީޖީއަށް ނުސީދާ އިބާރާތުން ކުރާ އަމުރަށް ޕީޖީ ތަބާވެއްޖެނަމަ އެ ގެއްލިގެންދަނީ ނިޒާމުގެ ތަރުތީބާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުބާރެވެ. އެ އިލްތިމާސަށް އާނބަސް ވިދާޅުވެއްޖެނަމަ، އެ ތަކުރާރުކުރެވެނީ "އަޅުގަނޑީ ރައްޔިތުންގެ ގޭގެ ރައީސްއަށް ވަފާތެރި ހާދިމު" ކަމަށް ވިދާޅުވެ، އޭޕްރިލް 3، 1953 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު ފޮނުއްވި ސިޓީފުޅުގެ އިބާރާތެވެ. އެހެންވެއްޖެނަމަ، ޕްރޮސިކިއުޓަރ ޖެނެރަލަކީ މިނިވަން މުސްތަގިއްލު މަގާމެއްކަމަށް މިހާރުގެ ގާނޫނުއަސާސީގައި ބުނެފައި އޮތްއޮތުމުގެ ބޭނުން ކެނޑުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox