ހެންވޭރު ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖު ތަޅާލައި އައު ސްޓޭޖެއް އަޅަައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.
އެ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ހޯދަން އިއުލާނު ކޮށްފައި ވަނީ އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދޭނެ ބަޔެކެވެ. އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ކާނިވާ ސަރަހައްދުގައި އައު ސްޓޭޖެއް އެޅުމާ ބެހޭ މަސައްކަތުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ހ. ހުޅުގަލި ގެ އެއްވަނަ ފަންގިފިލާގަ އެވެ. އަދި އަގު ހުށަހެޅުން އޮތީ ޑިސެމްބަރު 16، ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ހަމަ އެ އެޑްރެސްގަ އެވެ.
ސިޓީ ކައުންސިލުގެ އިއުލާނާއެކު އާންމު ކޮށްފައިވާ މައުލޫމާތު ޝީޓުގައި ވާގޮތުން އަލަށް އަޅާ ސްޓޭޖުގެ ކޮންސެޕްޓު ޑިވެލޮޕް ކުރުމާއި އިންޖިނިއަރިން ކުރެހުންތައް ވެސް ތައްޔާރު ކުރަންޖެހޭނީ ކައުންސިލުގެ ޓެކްނިކަލް އިރުޝާދުގެ ދަށުން މަސައްކަތާ ހަވާލުވާ ކުންފުނިންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށެވެ. އަދި އެ ކުންފުނިތަކަށް ޕާޓްނަޝިޕް އަދި ލޯކަލް އިންވެސްޓްމެންޓާއި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައި އޮންނަންޖެހޭނެ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.














