ޒަކިއްޔާގެ ކަރުގައި ފުން ފަސް ޒަހަމު ހުރި، އެކަމަކު އޭނާ މަރައިލީ ކަމަށް ބެލޭ ވަރުގެ ހެއްކެއް ނެތް: ފުލުހުން

ޒަކިއްޔާގެ ކަރުގައި ފުން ފަސް ޒަހަމު ހުރި، އެކަމަކު އޭނާ މަރައިލީ ކަމަށް ބެލޭ ވަރުގެ ހެއްކެއް ނެތް: ފުލުހުން

ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު 10، ގައި މަރުވެފައި އޮތް ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ ކަރުގައި ފުން ފަސް ޒަހަމެއް ހުރި ނަމަވެސް، އޭނާ މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް މިހައިތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޒަކިއްޔާގެ މަރާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްހަދު ސާމިހު ވިދާޅުވީ މިހައިތަނަށް ކުރި ތަހުގީގުން ޒަކިއްޔާ މަރައިިލި ކަމަށް ބެލޭނެ ވަރުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

"މިހައިތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ޒަކިއްޔާއަށް ލިބިފައިވާ އަނިޔާގެ ޒަހަމުތަކަކީ ނުވަތަ ޒަކިއްޔާ މަރުވެފައި ވަނީ އިތުރު އެއްވެސް ފަރާތެއްގެ އަމަލެއްގެ ސަބަބުން [ކަން] ދޭހަކޮށްދޭނެ އިތުރު އެއްވެސް ހެއްކެއް ފެންނަން ނެތުމާއެކު މި މައްސަލައިގައި އިތުރަށް އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތަހުގީގަށް މިހައިތަނަށް ފާހަގަކުރެވިފައި ނުވާކަން އަޅުގަނޑު ފާހަގަ ކޮށްލަން،" ސާމިހު ވިދާޅުވި އެވެ.

ފފފފ
ފފފފ

ޒަކިއްޔާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅި: ފުލުހުން ބުނީ ވަޅިން އެއްވެސް މީހެއްގެ އިނގިލީގެ ނިޝާން ނުފެންނަ ކަމަށް -- ފޮޓޯ: ޕޮލިސް

އޭނާ ވިދާޅުވީ ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ.

"ޒަކިއްޔާގެ ވާތް ފަރާތުގައި ފުން ތިން ޒަހަމެއް، އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއްގެ އިތުރުން ކަރުގެ މެދާ ހިސާބުން ތިލަކޮށް ހުރި އެއް ޒަހަމު ހުރިކަން ފާހަގަ ކުރެވުނު،" ސާމިހު ވިދާޅުވި އެވެ.

ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ގުދަނުން ވެސް ޒަކިއްޔާ ގަދަ ހަދާފައިވާ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ސާމިހު ވިދާޅުވި އެވެ.

ހާދިސާ ހިނގި ގޮތް: ޒަކިއްޔާ މަރުވުމުގެ ކުރިން

ސާމިހު ވިދާޅުވީ ތަހުގީގަށް ހޯދު މައުލޫމާތުތަކުން އެނގޭ ގޮތުގައި ޒަކިއްޔާއަކީ ކޮންމެ ދުވަހެއްގެ ހެނދުނު ވެސް ހޭލައިގެން ގޭތެރޭގެ މަސައްކަތްތައް ކުރުމުގެ އިތުރުން އޭނާގެ ހަ އަހަރުގެ މާމަ ދަރިފުޅު ސްކޫލަށް ގެންގޮސް ގެނެސް ހަދާ މީހެއް ކަމަށެވެ.

އެގޮތުން ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ދުވަހުގެ ހެނދުނު ވެސް ގޭތެރޭގެ އެކި މަސައްކަތުގައި އުޅުނުކަން އެ ގޭގައި އުޅޭ ބައެއް މީހުންގެ ވާހަކައިން ތަހުގީގަށް އެނގުނު ކަމަށް ސާމިހު ވިދާޅުވި އެވެ.

އެގޮތުން އެ ގޭގެ ކުނި ބާލިދީ ބޭރަށް ނެރުނުތަން އެގޭގައި ދިރިއުޅޭ 16 އަހަރުގެ ކުއްޖަކަށާއި 29 އަހަރުގެ ޅީދަރިފުޅަށް ފެނުނު ކަމަށް ސާމިހު ވިދާޅުވި އެވެ. އަދި އެ ކުނި ބާލިދީ އެ ވަގުތު އުކައިލިކަން ކުނި އުކި މީހުންގެ ބަހުން ތަހުގީގަށް އެނގުނު ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ.

ކުނި ބާލިދީ ބޭރަށް ނެރުނު ވަގުތު، މާމަ ދަރިފުޅު ބަލައި ގޮސްދިނުމަށް ޒަކިއްޔާ އެދުނުކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ. އެންމެފަހުން ޒަކިއްޔާ ދިރިހުއްޓައި ފެނިފައި ވަނީ އެ ދުވަހުގެ ހެނދުނު 8:40 ގައި ކަމަށް ސާމިހު ވިދާޅުވި އެވެ.

އޭގެފަހުން އެ ދުވަހުގެ 9:19 އާއި 9:43 އާ ދެމެދުގެ ވަގުތުގައި ޒަކިއްޔާގެ ޅީދަރިފުޅާއި މާމަ ދަރިފުޅު ގެއަށް އައިސް ސައިބޮއެ ހެދިކަން ސީސީޓީވީ ފުޓޭޖުތަކުން އެނގިފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ. ނަމަވެސް އެ ވަގުތުގެ ތެރޭގައި ޒަކިއްޔާގެ ހަބަރެއް ނުވާކަމަށް ސާމިހު ވިދާޅުވި އެވެ.

ހާދިސާ ހިނގި ގޮތް: ޒަކިއްޔާގެ ހަށިގަނޑު ފެނުން

ސާމިހު ވިދާޅުވީ މާލެއިން ދިޔަ ފުލުހުންގެ ތަހުގީގު ޓީމަށް އެ ރަށަށް ދެވުނީ ސެޕްޓެމްބަރު 10، ގެ ހަވީރު ކަމަށެވެ. ގޮސް ތަހުގީގު ފެށި ކަމަށް ސާމިހު ވިދާޅުވި އެވެ.

ސާމިހު ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑު ފެނުނީ އެ ރަށުގެ ގޭގެއިން ކުނި ނަގަމުންދިޔަ މީހަކަށް އެ ދުވަހުގެ ހެނދުނު 9:53 ހާއިރު ކަމަށެވެ. އޭނާއަށް މަރުވެފައި އޮތް މީހާ ފެނުމާއެކު އޭނާ އާއެކު ކުނި ނެގުމުގެ މަސައްކަތުގައި އުޅުނު މީހުން ގާތު އެ ވާހަކަ ބުނިކަން ތަހުގީގަށް އެނގުނު ކަމަށް ސާމިހު ވިދާޅުވި އެވެ.

އެއާއެކު އެތަނުން އެކަކު ގޮސް އެގެއަށް ވަދެ މީހެއްގެ ހަބަރެއް ވޭތޯ ބެލުމަށްފަހު ހަބަރެއް ނުވުމުން ނުކުމެ އެ ގޭ ކައިރި ބައެއް މީހުންގެ އެހީ އާއެކު ޒަކިއްޔާގެ ފިރިމީހާ، ނ. ހޮޅުދޫ، ތަނޑިރަތްމާގެ، މުހައްމަދު ރަޝީދު އުމަރުއަށާއި ފުލުހުންނަށް ފޯނުން ގުޅައި ޒަކިއްޔާގެ މަރުގެ ހަބަރު ދިން ކަމަށް ސާމިހު ވިދާޅުވި އެވެ.

ސާމިހު ވިދާޅުވީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން ކުނި ނަގަންދިޔަ މީހުންގެ ވާހަކަތަކާ އެއްގޮތަށް އެކަން ހިނގާފައިވާކަން އެނގޭ ކަމަށެވެ.

ހާދިސާ ހިނގި ގޮތް: ފުލުހުންނަށް މައުލޫމާތު ލިބުން

ޒަކިއްޔާގެ މަރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސާމިހު ވިދާޅުވީ ޒަކިއްޔާގެ މަރާ ބެހޭ މައުލޫމާތު ފުލުހުންނަށް ލިބުނީ ސެޕްޓެމްބަރު 10، ގެ 10:ހެނދުނު 10:00 ގައި ހޮޅުދޫ ފުލުސް ސްޓޭޝަނަށް މީހަކު ގޮސް މައުލޫމާތު ދިނުމުން ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު އެގެއަށް ފުލުހުން ދިޔަ ކަމަށާއި، ދިޔައިރު، ހޮޅުދޫ، ނިއުލައިފް ގޭގެ ދެކުނު ފަރާތުގައި ހުރި ގުދަަނެއްގެ ތެރޭގައި ޒަހަމުތަކަކާއެކު ޒަކިއްޔާ ވެއްޓިފައި އޮތް ކަމަށް ސާމިހު ވިދާޅުވި އެވެ. އެ ގުދަނަކީ ބޭރުން ވެސް އަދި ގޭތެރެއިން ވެސް ވަދެވޭ ގޮތަށް ހުރި ގުދަނެއް ކަމަށް ސާމިހު ވިދާޅުވި އެވެ. ފުލުހުން އެގެއަށް ދިޔައިރު އެ ތަނުގައި ޒަކިއްޔާގެ އާއިލާ މީހުންނާއި އާންމުންގެ ބައެއް ފަރާތްތައް ތިބި ކަމަށް ސާމިހު ވިދާޅުވި އެވެ.

ސާމިހު ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑު އެވަގުތު އެތަނުގައި ތިބި މީހުންގެ އެހީތެރިކަމާއެކު އެރަށު ސިއްހީ މަރުކަޒަށް ފުލުހުން ގެންދިޔަ ކަމަށެވެ. ނަމަވެސް ސިއްހީ މަރުކަޒަށް ގެންދިޔައިރު، ވެސް ޒަކިއްޔާ މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށް ސާމިހު ވިދާޅުވި އެވެ. އޭނާގެ ހަށިގަނޑު ބެލުމަށްފަހު ޒަކިއްޔާ މަރުވި ވަގުތުގެ ގޮތުގައި ކަށަވަރު ކުރީ އެ ދުވަހުގެ ހެނދުނު 10:25 ކަމަށް ސާމިހު ވިދާޅުވި އެވެ.

އެ ހިސާބުން މާލެއިން ތަހުގީގު ޓީމެއް އެރަށަށް ދާން ނިންމައި އެ ޓީމުގެ އިރުޝާދުގެ ދަށުން ޒަކިއްޔާގެ ހަށިގަނޑު ފެނުނު ސަރަހައްދު ރައްކާތެރި ކުރި ކަމަށް ސާމިހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox