ޕީޕީއެމް އުވައިލަން ޕާޓީގެ ސެނެޓުން ފާސްކޮށްފި

ޕީޕީއެމް އުވައިލަން ފާސްކުރުމަށް ފަހު އެ ޕާޓީގެ ބައެއް އިސްވެރިން މިއަދު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް އުވައިލަން ފާސްކުރުމަށް ފަހު އެ ޕާޓީގެ ބައެއް އިސްވެރިން މިއަދު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް އުވައިލަން އެ ޕާޓީގެ ސެނެޓުން ފާސްކޮށްފި އެވެ.

އެ ޕާޓީ އުވާލުމަށް ޕީޕީއެމްގެ ލީޑަޝިޕުން ހުށަހެޅި ގަރާރު ފާސްވީ ޕީއެންސީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ތިއްބެވީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގަ އެވެ.

ސެނެޓު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ނައިބު ރައީސުން ކަމުގައިވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ފުރަތަމަ ޕާޓީ، ޑީއާރުޕީ ދޫކޮށްލެއްވުމަށް ފަހު، އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން އޮކްޓޯބަރު 27، 2011 ގައި ރަޖިސްޓްރީ ކުރި ޕީޕީއެމް 13 އަހަރު ފަހުން އުވައިލަން ފާސްކުރުން، އެ ޕާޓީގެ ނައިބު ރައީސް އަދި މައުމޫނުގެ އެންމެ ހަގު ދަރިކަލުން ގައްސާން މައުމޫން ސިފަކުރެއްވީ އުފާވެރި ކަމެއްގެ ގޮތުގަ އެވެ.

ސެނެޓުގެ ބައްދަލުވުމުގައި ގައްސާން ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި މިއީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާން ރަސްމީކޮށް އިލްތިމާސްކުރާ ދުވަސް ކަމަށެވެ.

ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމާއި އެ މަސައްކަތް ފެށީ ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބޭނުންފުޅުވެގެން ކަމަށް މި ނޫހުގައި އޯގަސްޓް 1، 2024 ގައި ޝާއިއުކޮށްފައިވެ އެވެ.

އެ ހިސާބުން ފެށިގެން ޕީޕީއެމްގެ މެންބަރުން ޕީއެންސީ އަށް ވެއްދުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޕާޓީ އުވާލަން ފާސްކުރުމާ ހަމައަށް ވެސް 34698 މެންބަރުންނާއެކު ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް އެވެ.

ޕީޕީއެމްގެ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3،159 އެކެވެ. އެ ޕާޓީގެ ވަކި އޮފީހެއް ހަދައި މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފެށީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި 10،000 މެންބަރުން އިތުރު ކުރި އެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު 20،000 ފަހަނައަޅައި ދިޔައީ މި އަހަރު އޭޕްރިލް 21، ގައި އޮތް މަޖިލިސް އިންތިހާބު ކެމްޕެއިނު ދުވަސްވަރެވެ. މިހާރު އިލެކްޝަންސްގެ ދަފުތަރުން ދައްކާ ގޮތުގައި ޕީއެންސީގައި ތިބީ 28982 މެންބަރުންނެވެ.

ޕީއެންސީއަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު، ރައީސް ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ފަދަ ހާލަތެއްގައި ބެކަޕް ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ޖެނުއަރީ 31، 2019 ގައި ރެޖިސްޓަރީ ކުރި ޕާޓީއެކެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒުއަށް ދިނީ ވެސް ރައީސް ޔާމީނަށް އިންތިހާބުުގައި ވާދަނުކުރެވޭ ހާލަތުގައި ބެކަޕެއްގެ ގޮތުގަ އެވެ.

ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވިއިރު ވެސް އެ ކޯލިޝަނުގެ މައި ޕާޓީއަކީ ޕީޕީއެމް އެވެ. ރިޔާސީ ކެމްޕޭނުގައި ބޭނުންކުރީ އެ ޕާޓީގެ ކުލަ އެވެ. ކެމްޕޭނުގައި ބޮޑަށް ހަރަކާތްތެރިވީ ވެސް ޕީޕީއެމްގެ މެންބަރުންނެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ ދުވަސްކޮޅެއް ވެސް ނުވަނީސް އުފެދުނު ހިޔާލުތަފާތުވުން ތަކުގައި ރައީސް ޔާމީން އެ ޕާޓީން ވަކިވަވަޑައިގެންނެވީ އެވެ. އެއާއެކު އެ ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑަރުކަން ރައީސް މުއިއްޒުއަށް ދިނެވެ.

މިހާރު މަޖިލީހުގައި ތިއްބެވި ޕީއެންސީ އަށް ނިސްބަތްވާ ގިނަ މެންބަރުންނަކީ އިންތިހާބުގެ ކުރިން ޕީޕީއެމްގެ މެންބަރުންނެވެ. އެ ބޭފުޅުން ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭނުންވި ނަމަވެސް އެ ފުރުސަތެއް ޕީއެންސީން ނުދިނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ނަމުގައި ވާދަ ކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ނުދިނުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމަށް ފާޑުވެސް ވިދާޅުވި އެވެ.

ޕީޕީއެމް އުވައިލަން ފާސްކުރީ، އޭގެ ކުރިން އޮކްޓޯބަރު 17، 2024 ގައި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި އަސާސީ ގެވާއިދު ބަދަލު ކުރުމަށް ފަހު އެވެ. ޕީޕީއެމް އުވައިލެވޭނެ ކަމަށް ހަމައެކަނި އޮތް ހާލަތު، އަސާސީ ގަވާއިދުން އެ ދުވަހު އުނިކޮށް އެއްވެސް ސަބަބެއް ނެތި ވެސް ޕާޓީ އުވައިލެވޭ ގޮތަށް ފާސްކުރި އެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދުގައި މީގެ ކުރިން ބަޔާން ކޮށްފައި އޮންނަނީ، ޕާޓީ އުވައިލެވޭނީ، "ޕާޓީ ހިންގުމަށް ދަތިވާވަރަށް ޕާޓީގެ މާލީ ހާލަތު ދަށްވެ، ޕާޓީގެ ލީޑާޝިޕުން ޕާޓީގެ ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށްފަހު ޕާޓީ އުވައިލަން ޖެހޭ ކަމަށް ސެނެޓުގެ ހަތަރުބައިކުޅަ ތިންބައިގެ ގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ޕާޓީ އުވައިލެވިދާނެ" ކަމަށެވެ.

ޕީޕީއެމް އުވައިލުމުގެ ކުރިން، އުވާލުމަށް ނިންމާ ސިޔާސީ ޕާޓީތަކުގެ ކުލަޔާއި ނަމާއި ނިޝާން، އެ ޕާޓީއެއް އުވާލާތާ ފަސް އަހަރު ވަންދެން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ. އެހެންވެ، ދެން ޕީޕީއެމްގެ ނަމާއި ކުލަ އެހެން ބަޔަކަށް ބޭނުމެއް ނުކުރެވޭނެ އެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox