ޕީޕީއެމްގެ ނަމުގައި ވާދަ ކުރަން ފުރުސަތު ނުދިނުމުން ޔާމީން ފާޑުވިދާޅުވެއްޖެ

ޕީޕީއެމްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ. ޕީޕީއެމްގެ ޓިކެޓުގައި އެމަނިކުފާނު 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި --- ފޮޓޯ: އަދަދު ފައިލް

ޕީޕީއެމްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ. ޕީޕީއެމްގެ ޓިކެޓުގައި އެމަނިކުފާނު 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި --- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ނަމުގައި ވާދަ ކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ނުދިނުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އުފައްދަން މަސައްކަތް ކުރައްވާ އާ ސިޔާސީ ޕާޓީ ޕީއެންއެފްގެ އޮފީހުގައި ރޭ ވާހަކަ ދައްކަވަމުން ޔާމީން ވަނީ ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ވާދަ ކުރުމުގެ ފުރުސަތު ގަސްދުގައި ނުދިނީ ކަމަށެވެ. އޭގެ ސަބަބުން ޕީއެންސީގެ ވެރިންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ރާއްޖޭގައި އަދިވެސް ޕީއެންސީއަށް ވުރެ ތިން ހަތަރު ގުނަ އުޅެނީ ޕީޕީއެމްގެ އިހުލާސްތެރި މެންބަރުން. ޕީޕީއެމްއަކުން އެއްވެސް ދާއިރާއަކަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް މެންބަރަކު ކުރިމައްޗެއް ނުކުރުވާ،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީއަށް ބަދަލު ކުރަން މަސައްކަތް ނުކުރާނެ ކަމަށް ޕީއެންސީން ކުރިން ބުނެފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެ ވާހަކައިގެ އެއްވެސް އިހުލާސްތެރިކަމެއް ނެތްކަން މިހާރު އެނގިއްޖެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހަމައެއާއެކު ފުރަތަމަ ބުނަމުން އައީ ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީއަށް ގެންނާކަށެއް އަޅުގަނޑުމެން މަސައްކަތް ނުކުރާނަމޭ. އެއީ އަޅުގަނޑު އެހާ ވަރަށް އެކަމާ ވަކާލާތު ކުރީމަ އެކަމާ ދެކޮޅު ހެދީމަ. ދެން ފަހުން ފެނިގެންދިޔައީ ބައެއް ދާއިރާތަކުގެ ރަށު ކައުންސިލް ސްޓިއަރިން ކޮމިޓީއާއެކީ ޕީޕީއެމުން ޕީއެންސީއަށް ބަދަލުކޮށްލިތަން. ދެން މި ހިސާބުން ޕީއެންސީން އެ ދެއްކެވި ވާހަކައިގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރޭ ވާހަކަ ދައްކަވަމުން ޔާމީން، ޕީޕީއެމްއާ މުހާތަބު ކުރެއްވީ "އަޅުގަނޑުމެންގެ ޕާޓީ" ގެ ގޮތުގަ އެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ޕީއެންސީގެ ފިކުރު ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ، އެއީ ޕީޕީއެމްގެ، އާންމު ހުރިހާ މެންބަރުންނަށް ފެނިގެންދާނެ އެ އޮތް ބޮޑު ޕާޓީން އެއްވެސް ދާއިރާއަކަށް އެންމެ މެންބަރަކު ވެސް ކުރިމައްޗެއް ލާކަށް ޖާގައެއް ނުދޭ،" ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން ވިދާޅުވި އެވެ. "ޕީޕީއެމްގެ ފިކުރަކީ ޕީއެންސީގެ ފިކުރެއް ނޫންކަން ކަށަވަރުކޮށް އެނގޭ."

ޔާމީން މިނިވަން ކުރުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. ނަމަވެސް މިހާރު ސަރުކާރުން ބުނަނީ އެ ވައުދު ފުދިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox