ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާ ގުޅިގެން 11 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި

ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާ ގުޅިގެން 11 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި

ރާއްޖޭގެ ގާނޫނު އަސާސީއަށް އެއް ދުވަސް ތެރޭގައި އިސްލާހުތަކެއް ގެނެސް ތަސްދީގު ކުރުމާ ގުޅިގެން 11 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރީ ޓްރާންސްޕޭރެންސީ މޯލްޑިވްސް، ސޭވް މޯލްޑިވްސް، އެސޯސިއޭޝަން ފޯ ޑެމޮކްރަސީ އިން ދަ މޯލްޑިވްސް، އުތެމާ، އީކުއެލް ރައިޓް އިނީޝިއޭޓިވް، ޒީރޯ ވޭސްޓް މޯލްޑިވްސް، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން، ހޯޕް ފޯ ވިމެން، ޕްރޮޓެކްޓް ތިމާވެށި، ބިލީފް މޯލްޑިވްސް އަދި އިކޯކެއާ މޯލްޑިވްސް އެވެ.

އެ ޖަމިއްޔާތަކުން ނެރުނު ނޫސް ބަޔާނުގައި ބުނީ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަކީ އިސްލާހު ކުރުމުގައި އެއްވެސް ހާމަކަމެއް ނެތި އަވަސް އަރުވާލުމާއި، ގާނޫނުތައް ހެދުމުގައި ގެންގުޅެންޖެހޭ އިޖުރާއަތްތަކާއި، އުސޫލުތަކަށް ނުބެލުމާއި، އަސާސީ ދިމިގްރާތީ ހަމަތައް ހަނިކުރުމަށް ބާރުއެޅޭފަދަ ގޮތަކަށް ކުރެވުނު މަސައްކަތެއް ކަމަށް ދެކޭ ކަމަށެވެ.

Advertisement

އަދި އެ ބަދަލުތައް ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނާ މާއްދާއާ ހިލާފު ކަމެއް ކަމަށް ވެސް އެ ޖަމިއްޔާތަކުން ދެކެ އެވެ.

"ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެލުނު ބިލު މަޖިލީހުން ބަލައިގަނެ، ފާސްކޮށް، ތަސްދީގުކޮށްފައިވާ މުއްދަތަކީ އެފަދަ އިސްލާހަކަށް ބޭނުންވާ މުއްދަތެއް ކަމަށް ރައްޔިތުންނަށް ގަބޫލުކުރުމަކީ ދަތިކަމެއް. ރޭގަނޑު ނުރަސްމީ ގަޑިއެއްގައި ބިލު ހުށަހަޅައި، އޭގެ އަނެއް ދުވަހު ބިލު ފާސްކޮށް ތަސްދީގުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިލު ދިރާސާކޮށް، ބިލާއި މެދު އިލްމީ ބަހުސްއެއް ކުރުމަށާއި މެންބަރުންގެ ޒިންމާ އެންމެ ފުިރހަމަ ގޮތުގައި އަދާ ކުރުމަށް ހުރަސް އެޅުން،" އެ ޖަމިއްޔާތަކުން ބުންޏެވެ.

އެގޮތުން އެ ބަދަލުތަކަށް ރައްޔިތުންގެ މަންދޫބުންނަށް މާނަހުރި ބަހުސްއެއް ކުރުމަށް ތައްޔާރުވުމުގެ ފުރުސަތާއި ގާނޫނުއަސާސީއަށް ގެނެވޭ ބަދަލަކާއި ގުޅިގެން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށާއި ރައްޔިތުންނަށް ނުލިބުމަކީ ދިމިގްރާތީ އުސޫލުތަކުގެ ދަށުން ހިޔާލު ބަދަލު ކުރުމަށް ހުރަސް އެޅިގެން ދިޔަ ކަމެއް ގޮތުގައި އެ ޖަމިއްޔާތަކުން ފާހަގަކުރި އެވެ.

ޖަމިއްޔާތަކުން ބުނީ ގާނޫނުއަސާސީގައި ބުނާ ފަދައިން އެފަދަ މުހިންމު އިސްލާހުތަކާ ބެހޭ ގޮތުން ރައްޔިތުންގެ ހިއްސާ ކަށަވަރު ކުރުމަށް ބަންޑާރަނައިބުގެ ފަރާތުން ފެންނަން ޖެހޭ އިޖުރާއީ ހަރުދަނާކަން ނުފެނުމަކީ ކަމަށް އެކަށީގެންވާ އިޖުރާއީ ކަންކަން ކޮށްފައި ނެތުމުގެ ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށާއި އެއީ ސަރުކާރު ހިންގުމުގެ ޒިންމާ އޮތް ފަރާތުން އެފަދަ ގާނޫނީ އިސްލާހުތަކެއް ގެނައުމުގައި ނަޒާހަތްތެރިކަން ފެންނަން ނެތުމުގެ ކަންބޮޑުވުން ވެސް އުފެދޭ ކަމެއް ކަމަށެވެ.

އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް ގެނެވުނު އިސްލާހަކީ ވެސް ކަންބޮޑުވާ އިސްލާހެއްކަން ފާހަގަކުރައްވާ އެ ޖަމިއްޔާތަކުން ބުނި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހު ތަސްދީގު ކުރުމުގެ ކުރިން، ތަރައްގީގެ ޕްލޭން އެކުލަވައިލުމުގައި ކައުންސިލްތަކުގެ ދައުރު ލާޒިމް ކުރެވިފައި ވަނީ ލާމަރުކަޒީ އުސޫލުން ގިނަ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާއާ އެކު ތަރައްގީގެ ކަންކަން ނިންމުމަށް ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ގައުމީ ތަރައްގީގެ ސިޔާސަތުތަކާއި ޕްލޭންތައް އެކުލަވާލުމުގެ ފުރިހަމަ ބާރު ލިބިގެން ދިޔުމަކީ ދިމިގްރާތީ އުސޫލުތަކުން ބާރުއަޅާ ބާރުތައް ވަކި ކުރުމުގެ އުސޫލުތަކާއި އެކި ސަރުކާރުތަކުން ކުރެވިފައިވާ މުހިންމު މަސައްކަތްތަކާއި ދުރަށް ދިއުން ކަމަށް ޖަމިއްޔާތަކުން ދެކެ އެވެ.

ރައްޔިތުންގެ މަޖިޅީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީން އިސްތިއުފާ ދީފިނަމަ ނުވަތަ ވަކި ކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީ އިސްލާހު ކުރުމުން ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާތަކުން ބުނީ މިނިވަން މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ ގާނޫނުގައިވާ ކަމަށެވެ.

"މި މާއްދާތަކުގެ ސަބަބުން މަންދޫބުން އިހުތިޔާރު ކުރުމުގެ މައިގަނޑު ޑިމޮކްރެޓިކް އުސޫލަށް އުނިކަން އައުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސިޔާސީ މިނިވަންކަމަށް އެޅިގެންދާނެ. ސިޔާސީ ޕާޓީތަކަށް މެންބަރުން ވަކި ކުރުމުގެ ބާރު ދީފިނަމަ، އަމިއްލަ ވިސްނުނުމަށް ނުވަތަ އެ މެންބަރަކު އިންތިހާބުވީ ދާއިރާގެ މަސްލަހަތަށް ބެލުމެއް ނެތި، އެ ޕާޓީން ތާއީދުކުރާ ކޮންމެ ކަމަކަށް ވޯޓުދޭން މެންބަރުންނަށް މަޖުބޫރުވާނެ،" އެ ޖަމިއްޔާތަކުން ބުންޏެވެ.

އަދި މެންބަރުންނަށް ގޮނޑި ގެއްލުމުގެ ބިރެއް ނެތި ޕާޓީގެ ޕިވްލައިނާ ދެކޮޅަށް ވޯޓު ދިނުމުގެ ފުރުސަތު ނަގާލެވޭއިރު އޭގެ ސަބަބުން ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ބަލިކަށިވެ އިންތިހާބު ކުރެވިފައިވާ މަންދޫބުންގެ އަޑު ކަނޑުވާލައި އެ މަންދޫބުން އިންތިހާބު ކުރި ދާއިރާތައް ތަމްސީލު ކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށާއި މެންބަރުން ސިޔާސީ މަންފާއަށް ޕާޓީ ބަދަލު ކުރުމަކީ މެންބަރުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު ކުރެވޭ ކޮރަޕްޝަނަށް ދޮރު ހޫލުވޭ ކަމެއް ކަމަށް ވެސް ޖަމިއްޔާތަކުން ބުންޏެވެ.

އެކަން ހުއްޓުވުމުގެ ގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ވަކި ބަޔަކަށް ބާރުތަކެއް ދިނުމުގެ ބަދަލުގައި އެންޓި-ކޮރަޕްޝަން ގާނޫނީ އޮނިގަނޑު ހަރުދަނާކޮށްގެން އެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނެވިދާނެ ކަމަށް ޖަމިއްޔާތަކަުން ދެކެ އެވެ.

ޖަމިއްޔާތަކުން ބުނީ ގާނޫނު ހެދުމުގެ މަރުހަލާތައް ރައްކާތެރި ކުރުމުގެ ގޮތުން އެކުލަވާލާފައިވާ އިޖުރާއަތްތަކުގެ ބޭރުން ގާނޫނު ހެދުމުގެ މަސައްކަތްތައް ކުރުމަކީ ގާނޫނު ހެދުމުގެ މަރުހަލާތަކުގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ގާނޫނު ހަދާ މަޖިލީހަށާއި ހިންގުމުގެ ނިޒާމަށް އޮންނަ އިތުބާރު ކުޑަވާނެ ކަމެއް ކަމަށެވެ.

"ގާނޫނު ހެދުމުގައި މިފަދަ ހަމަތަކުގެ ބޭރުން ގާނޫނު ހެދުމުގެ ސަގާފަތެއް އުފެދިއްޖެނަމަ މިއީ ގާނޫނުތަކަށް އިސްލާހު ގެންނަ އަސްލު މަގުސަދު، ދައުލަތުގެ ހާމަކަމާއި ޒިންމާދާރުކަމާއި މެދު ސުވާލު އުފެދޭ، އަދި ކޮރަޕްޝަނަށް މަގުފަހި ކުރުމާއި ގާނޫނު އަސާސީގެ ރޫހާ ސީދާ ހިލާފަށް ބާރުތައް އެއްކުރުމަށް ކުރެވޭ މަސައްކަތެއް ގޮތުގައި ދެކެން،" ޖަމިއްޔާތަކުން އިތުރަށް ބުންޏެވެ.

ރައްޔިތުންގެ ބާރުތަކާއި ހައްގުތައް އެންމެ ބޮޑަށް ރައްކާތެރި ކޮށްދޭ، އަދި ހިންގުމުގެ ނިޒާމު ބައްޓަން ކުރާ އެންމެ މުހިންމު ގާނޏު ކަމުގައިވާ ގާނޫނު އަސާސީ ފަދަ މުހިންމު ގާނޫނުތައް ބަދަލު ކުރުމުގައި ދިމިގްރާތީ އުސޫލުތަކާއި ގާނޫނީ ހަމަތައް ރައްކާތެރި ކުރުމަށް ޖަމިއްޔާތަކުން ގޮވާލި އެވެ.

އަދި އެ ޖަމިއްޔާތަކުން ވަނީ ދައުލަތުން މުހިންމު ދެ ބާރު ކަމަުގައިވާ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުން ގާނޫނު އަސާސީ އާއި އެހެނިހެން މުހިންމު ގާނޫނުތައް އިސްލާހު ކުރުމުގައި ނުވަތަ އެކުލަވާލުމުގައި މައުނަވީ ގޮތެއްގައި ރައްޔިތުންގެ ރައުޔު ހޯދުމަށާއި ބައިވެރިވުން ކަށަވަރުކޮށް ހާމަކަމާއި ޖާވަބުދާރީ ކުރުވޭނެ ފަދަ ގޮތަކަށް މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox