މީޑިއާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް އެ ބިލު ފާސް ނުކުރަން ޑިމޮކްރެޓުން ގޮވާލައިފި

ޑިމޮކްރެޓްސްގެ ރައީސް، ހަސަން ލަތީފް: މީޑިއާތަކުގެ ހައްގުތަށް ހަނިކުރުމާ އެ ޕާޓީ ދެކޮޅު ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ޑިމޮކްރެޓްސްގެ ރައީސް، ހަސަން ލަތީފް: މީޑިއާތަކުގެ ހައްގުތަށް ހަނިކުރުމާ އެ ޕާޓީ ދެކޮޅު ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ނޫސްވެރިންގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް އެ ބިލު ފާސް ނުކުރުމަށް އިދިކޮޅު ދަ ޑިމޮކްރެޓްސް އިން މިއަދު ގޮވާލައިފި އެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބިލު ޑްރާފްޓު ކޮށްފައި އޮތީ ރާއްޖޭގެ ގާނޫނުއަސާސީން ވެސް ބަލައިގަނެފައިވާ އެންމެހާ ހަމަތަކާއި އުސޫލުތަކަށް ބެލުމެއް ނެތި ކަމަށެވެ.

"ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން، އަދި ރާއްޖޭގެ ގާނޫނުއަސާސީން ވެސް ބަލައިގަނެފައިވާ އެންމެހާ ހަމަތަކާއި އުސޫލުތަކަށް ބެލުމެއްނެތި، ނޫސްތަކުގެ މައްޗަށް ކަންކަން މަޖުބޫރުކުރުމާއި، ނޫސްވެރިންނަށް އަދަބު ދިނުމާއި، ނޫސްތައް ބަންދުކުރުމުގެ ބާރު އަތަށް ނެގޭގޮތަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅާފައިވާތީ ދަ ޑިމޮކްރެޓްސް އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކުރަން،" އެ ޕާޓީން ނެރުނު ބަޔާނުގައި ބުންޏެވެ.

ތެދު ބަހަކީ އެއީ ސަރުކާރަކަށް ނުވަތަ އެ ނޫން ވެސް އެހެން، ވަކި ބަޔަކު ބޭނުންވާހައި ގޮތަކަށް ކަނޑައެޅުމުގެ ބާރު އޮންނަ ކަމެއް ނޫން ކަމަށް ވެސް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެ އެވެ. ކަން އެހެން އޮތް ނަަމަވެސް ސަރުކާރުން ބޭނުންވާ ގޮތަށް ހަބަރުތައް ބައްޓަން ކުރަން ނޫސްތަކަށް މަޖުބޫރު ވާގޮތަށް އެ ބިލު އޮތުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

"ތެދު ބަސް މިއީ ސަރުކާރަށް ނުވަތަ އެނޫން ވެސް ވަކިފަރާތަކަށް އޮންނަ މޮނޮޕޮލީ އަކަށްނުވާއިރު، ސަރުކާރު ހިތް ނުރުހޭ ގޮތަކަށް މައުލޫމާތު ޝާއިއުކުރެވިދާނޭކަމުގެ ބިރަށް، އެ މައުލޫމާތެއް ޝާއިއުކުރުމުގެ ކުރިއަށް ނަފުސު ސެންސަރުވެގެން އެ މައުލޫމާތެއް ވަކިގޮތަކަށް ބައްޓަންކުރުމަށް މަޖުބޫރުކުރުވާގޮތަށް އެ ބިލު ފަރުމާކޮށްފައި ވުމީ ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލުމުގެ އަމަލެއްކަމަށް ދެކެން،" ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލުމުގެ މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްނުކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލަން،"

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ހަންނާން މަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާ ކޮމިޝަން ބިލުގައިވާ ގޮތުން ހަތް މެންބަރުންގެ މައްޗަށް އާ ކޮމިޝަން އެކުލަވާލާއިރު، ހަތަރު މެންބަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވައިގެން މަޖިލީހުގެ ރުހުމާއެކު އެވެ.

ތިން މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. ނަމަވެސް އެ އިންތިހާބުގައި ވޯޓު ލެވޭނީ އުފެއްދިތާ ފަސް އަހަރު ވެފައިވާ މީޑިއާތަކަށެވެ. އެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާ ދިނުމަށް ބިލުގައި ހިމަނާފައި ވެ އެވެ.

އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން ހަދާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ނޫހާއި މަޖައްސާ ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައި ބަޔާން ކޮށްފައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް އެ ކޮމިޝަނަށް ދޭން ބިލުގައި ހިމަނާފައި ވެ އެވެ.

ބްރޯޑްކާސްޓަރެއް ނަމަ ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ މިންވަރަކީ ވޭތުވެދިޔަ އަހަރުގެ އާމްދަނީގެ 10 ޕަސެންޓެވެ. އެއީ މިސާލަކަށް، އެއް މިލިއަން ރުފިޔާގެ އާމްދަނީއެއް ނަމަ 100،000ރ. އެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ އެ ބިލާމެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބްރޯޑުކާސްޓަރުން ވަކި ހަމައަކުން ރެގިއުލޭޓު ކުރުމަށް ދައުލަތުގެ އިދާރާއަކަށް ދެވޭ އިހުތިޔާރަކީ ޗާޕު ކޮށްގެންނާއި އޮންލައިންކޮށް ހިންގާ ނޫސްތަކުގެ މައްޗަށް ވެސް އޮތް އިހުތިޔާރެއް ކަމުގައި ހަދާފައިވުން ކަމަށެވެ. އަދި އެގޮތަށް ބިލުގައި ލިޔެފައި ވަނީ އެ ދެކަމުގައި އޮތް ފަރަގު އޮޅުވާލައި ނޫސްތަކުގެ މައްޗަށް ބާރުހިންގައި ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލުމަށް ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.

"ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން، ނޫސް ހިންގުން ވާންޖެހެނީ ފުރިހަމައަށް އެއްކޮށް އަމިއްލައަށް ރެގިޔުލޭޓު ކުރެވިގެން ހިންގޭ ނޫސްވެރިކަމަކަށް. އެމަގަށް ގެންދިއުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތް ވަނިކޮށް، އެއާ ހިލާފަށް ގާނޫނަށް މިހާރު ހުށަހަޅާފައި ވަނީ މިހާރު އޮތް ހާލަތަށްވުރެ ވެސް ބޮޑުތަނުން ގޯސްކޮށް ނުވަތަ ބޮޑުތަނުން ނޫސްތައް ދައުލަތުގެ އިދާރާއަކުން ރެގިޔުލޭޓު ކުރުމަށް،" ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނާ މެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީ އާއި ނޫސްވެރިން ވެސް ދަނީ އަޑު އުފުލަމުންނެވެ. އެ ބިލާ ދެކޮޅަށް އަޑު އުފުލަމުންދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިދިޔަ އާދީއްތަ ދުވަހު ވަނީ އެކަމާ ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެމަނިކުފާނު އެ ދުވަހު ވިދާޅުވީ ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލު ކުރާ ހަމައެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox