2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ޔާމީން އިއުލާނު ކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގައި އުޅުއްވި ދުވަސްވަރު: އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ބައިވެރިވަޑައިނުގެންނެވުނީ ޖަލު ހުކުމެއްގައި ހުންނެވުމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގައި އުޅުއްވި ދުވަސްވަރު: އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ބައިވެރިވަޑައިނުގެންނެވުނީ ޖަލު ހުކުމެއްގައި ހުންނެވުމުން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދެން ބާއްވާ ރިޔާސީ އިންތިހާބެއްގައި ވެސް ވާދަ ކުރައްވާނެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އިއުލާނު ކުރައްވައިފި އެވެ.

މީގެ ކުރިން ނޮވެމްބަރު، 2013، އިން ނޮވެމްބަރު، 2018، އާ ހަމައަށް ރާއްޖޭގައި ވެރިކަން ކުރެއްވި ޔާމީން ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބައެއް މައްސަލަތައް ހައްލު ކުރެއްވުމަށްޓަކައި ގައުމަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތެއް އަދިވެސް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

"ޝައްކެއް ވެސް ނެތް. [އިންޓަވިއުގެ ހޯސްޓް] އާމިރު [ސަލީމް] އުފަލެއް ނުވޭތޯ އަޅުގަނޑު ކުރިމަތިލާތީ؟ އަޅުގަނޑު ކުރިމަތިލަނީ އަޅުގަނޑު ހަމަ ވެރިކަން ބޭނުން ވެގެނެއް ނޫން. އަޅުގަނޑު ކުރިމަތިލުމުގައި އޮތީ މައިގަނޑު ތިން ކަމެއް އެނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަންނަވަންޖެހޭ ތިން ކަމެއް އެބަ އޮތް ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެމަނިކުފާނު ފާހަގަ ކުރެއްވީ ދެ ކަމެކެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ރާއްޖެއަށް ހޯދުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަރަހައްދު ހޯދުމާ އަދި ހޯދޭ ކަމަށްވަންޏާ ފޯޅަވަހި ހޯދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން. މި ސަރުކާރަށް އެއް އަހަރު ވެގެންދިޔައީ އިޓްލޮސްގައި ނެތް ސިޓީއެއް، ކުރީގައި ނިންމާފައި އޮތް ނިންމުމަށް ތިމަންނަމެން އިހުތިޖާޖު ކުރަމޭ ކުރީގައި ނިންމަވާފައި އޮތް ނިންމުން އެ އޮތީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިންމަވާފައޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ އަނެއް ކަމަކީ އިންޑިއާގެ މިލިޓަރީ ރާއްޖެއިން ބޭރު ކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ނޫން އެހެން ބޭފުޅަކު އެ ދެ މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"ދެން އޮތީ އިންޑިއާ އަސްކަރިއްޔާ މިތަނުން ބޭލުން. މި ދެ ކަންތައް ހައްލު ކުރުމަށްޓަކައި ވެސް އަޅުގަނޑު ބޭނުންވޭ ހިދުމަތުގެ ފުރުސަތެއް ލިބުން. އެއީ އަޅުގަނޑު ގަބޫލެއް ނުކުރަން ދެން ވަޑައިގަންނަވާ އެއްވެސް ބޭފުޅަކު މިކަންކަން ކުރައްވަފާނެކަމެއް. ހުރިހާ އެންމެންނަކީ ކޮމްޕްރޮމައިޒްޑް ބޭފުޅުން،" ޔާމީން ވިދާޅުވި އެވެ.

އެ އިންޓަވިއުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އަދިވެސް އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި އެބަތިބި ކަމަށެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ނެތް ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޔުނިފޯމުގައި ނެތިއްޔާ އިންޑިއާ މިލިޓަރީ ނެތީތޯ. ޔުނިފޯމް ނޫން އެހެން އެއްޗެއްގައި ތިބޭނެ ނޫންތޯ. ސަރުކާރުން މިކަހަލަ ބޮޑެތި ކަންކަމުގައި ދޮގު އެ ހަދަނީ. އަޅުގަނޑު މުތުލަގަށް މި ދަންނަވަނީ އެ ހަދަނީ ދޮގު. އިންޑިއާގެ އަސްކަރިއްޔާ މިތަނުގައި އެބަތިބި،" ކުރީގެ ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީންއަށް ވާދަ ނުކުރެއްވުނީ ޖަލު ހުކުމެއްގައި ހުންނެވުމުން އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. އޭގެ ފަހުން އިންތިހާބު ބޮއިކޮޓް ކުރަން އެދިވަޑައިގެންނެވި ކަމަށް ވެސް ޔާމީން މިއަދު ވިދާޅުވި އެވެ.

އެކަމަކު، ޕާޓީން ގޮތެއް ނިންމައި އެގޮތުގައި ކުރިއަށް ދިޔުމަށް ވިދާޅުވި ކަމަށް ވެސް ވެސް ޔާމީން މިއަދު ވިދާޅުވި އެވެ. އެއިރުގެ ރިޔާސީ އިންތިހާބުގައި ޔާމީން ވެސް ފަހުން ތާއީދު ކުރެއްވީ މިވަގުތުގެ ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށެވެ. އެކަމަކު، ރައީސް މުއިއްޒަށް ތާއީދު ކުރެއްވުނީތީ މިހާރު "ރިގްރެޓް" ނުވަތަ ހިތާމަ ކުރައްވާ ކަމަށް ވެސް ޔާމީން މިއަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox