ތިނަދޫ ސިޓީއަށް ފެން ފޯރުކޮށްދޭ ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ފެނުގެ ހިދުމަތަށް ބުރޫ އަރައިފި އެވެ.
ތިނަދޫއަށް ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ފެނުގެ ހިދުމަތަށް ބުރޫއަރާފައިވާތާ ހަތަރު ދުވަސް ވަނީ ފާއިތުވެފަ އެވެ. އެ މައްސަލަ ހައްލު ކުރަން ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފެނުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ގަޑިތައް:
- ހެނދުނު 08:00 އިން މެންދުރު 11:30 އަށް.
- މެންދުރު 13:00 އިން ހަވީރު 15:00 އަށް.
- ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް.
- ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް.
- ދަންވަރު 01:00 އިން ފަތިހު 04:00 އަށް.
ތިނަދޫ ސިޓީގެ ފެން ޕްލާންޓަށް އިތުރު ކުރެވޭ 300 ޓަނުގެ ޕްލާންޓެއް ސެޕްޓެމްބަރު 14، ގައި ގެނެސްފައިވާއިރު، އެ ޕްލާންޓް މިހާތަނަށް ވެސް އިންސްޓޯލް ކޮށްފައެއް ނުވެ އެވެ.
ތިނަދޫއިން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނީ ފެނުގެ ހިދުމަތް ލިބޭނެ ކަމަށް ބުނާ ގަޑިތަކުގައި ވެސް ގިނަ ފަހަރު ފެން ނުލިބޭ ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ދިމާވަމުން އަންނަ ކަމަށެވެ.
"ފެން ލިބޭ ވަގުތަށްވުރެ ނުލިބޭ ވަގުތު ގިނައީ. ފެން ލިބޭނެ ކަމަށް ބުނާ ގަޑިތަކުގައި ވެސް ގިނަ ފަހަރު ފެން ނުލިބޭ. ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތައް އަންނަނީ ކުރިމަތިވަމުން،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. ނަމަވެސް އެ ކުންފުނިން ފެނުގެ ހިދުމަތް ނުލިބޭ ގަޑިތައް އާންމުކުރުމަށް ފަހު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފަ އެވެ.
ފެނަކައިން އެކި ރަށްރަށަށް ދޭ ކަރަންޓާއި ފެނުގެ ހިދުމަތަށް ދޭތެރެ ދޭތެރެއިން ބުރޫ އަރަ އެވެ. އެގޮތުން، އައްޑޫ ސިޓީއަށް އެ ކުންފުނިން ދޭ ހިދުމަތްތަކަށް ބުރޫ އަރައިގެން މައްސަލަތައް ހައްލު ކުރުން ބައެއް ފަހަރު ދިގުލައިގެން ގޮސްފައިވެ އެވެ.












