މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް އެ ކުންފުނިން ދޭ އިނާޔަތްތައް ލިބޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެކަން އިއްޔެ މުވައްޒަފުންނަށް އަންގައިފި އެވެ.
އެމްއޭސީއެލްއިން މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނީ ކުންފުނީގެ އުފެއްދުންތެރިކަަން އިތުރުކޮށް ލަނޑުދަނޑިތައް ހާސިލު ކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދުން ފެށިގެން މުވައްޒަފުންނަށް މިހާރު ފިކްސްޑް އެލަވަންސެއްގެ ގޮތުގައި މަހަކު ލިބެމުންދާ "ޕްރޮޑަކްޓިވިޓީ އިންސެންޓިވް" މުރާޖާކޮށްފައިވާ ކަމަށެވެ.
އެމްއޭސީއެލްއިން މުވައްޒަފުންގެ އިނާޔަތްތަކަށް ގެންނަ ބަދަލު:
- ޕްރޮޑަކްޓިވިޓީ އިންސެންޓިވްގެ 70 ޕަސަންޓަށްވާ މިންވަރު "ހާޒިރީ އެލަވަންސް" ގެ ގޮތުގައި ހަމަޖައްސާ އެ އެލަވަންސަކީ ވަޒީފާއަށް ނިކުންނަ ދުވަހު އެލަވަންސެއްގެ ގޮތަށް ދިނުން.
- ޕްރޮޑަކްޓިވިޓީ އިންސެންޓިވްގެ 30 ޕަސަންޓަށްވާ މިންވަރު "ޕްރޮޑަކްޓިވީ އެލަވަންސް" ގެ ގޮތުގައި ހަމަޖައްސާ، އެ އެލަވަންސަކީ ކޮންމެ މަހަކު ވެސް ދެވޭ ފިކްސްޑް އެލަވަންސެއްގެ ގޮތަށް ދިނުން.
އެމްއޭސީއެލްއިން ބުނީ އެ ބަދަލު ގެނައީ މުވައްޒަފުން ފަރުވާތެރިކަމާ އެކު ވަޒީފާއަށް ހާޒިރުވުމަށް ބާރު އެޅުމުގެ ގޮތުން ކަމަށާއި އެކަމާ ބެހޭ އިތުރު މައުލޫމާތު މުވައްޒަފުންނަށް ހިއްސާ ކުރާނެ ކަމަށެވެ.
އެ ބަދަލާ އެކު މުވައްޒަފުން ޗުއްޓީ ނެގުމުންނާއި ޕެޓާނިޓީ އަދި މެޓާނިޓީ ލީވް ނެގުމުން ކުރިން ލިބެމުން އައި 70 ޕަސަންޓު އެލަވަންސް ނުލިބޭނެ އެވެ. އެގޮތުން އެލަވަންސް ލިބޭނީ ހަމައެކަނި މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް އެކަންޏެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައީ، ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ލިބޭ އެއްވެސް އިނާޔަތެއް އުނި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިދިޔަ އޮކްޓޯބަރު 22، ގައި ދިނުމަށްފަހު އެވެ.

އޮކްޓޯބަރު 22، ގައި މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯގައި ބުނީ އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަމެއް ދެއްވާ ތަނެއް ކަމަށާއި މުވައްޒަފުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ހިދުމަތް ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށެވެ.












