ބޭފުޅުންނޭވޭ، ވަދެވަޑައިގެން ތިޔަ އުޅުއްވެނީ ނިމިފައި އޮތް ބަހުސަކަށެވެ!

މާރިޔާ އަހުމަދު ދީދީ، ސީނާ އަހުމަދު ޒާހިރު، އިބްރާހިމް މުހައްމަދު ސޯލިހު، ހަސަން އަފީފު، އަހުމަދު ހަމްޒާ އަދި އިބްރާހިމް އިސްމާއީލް

މާރިޔާ އަހުމަދު ދީދީ، ސީނާ އަހުމަދު ޒާހިރު، އިބްރާހިމް މުހައްމަދު ސޯލިހު، ހަސަން އަފީފު، އަހުމަދު ހަމްޒާ އަދި އިބްރާހިމް އިސްމާއީލް

މުސްތަގިއްލު ކޮމިޝަންތަކުގެ ރައީސުންނާއި ނާއިބު ރައީސުން އައްޔަނުކުރުމުގެ ބާރު ލިބިފައި އޮންނަންވީ ރައީސުލްޖުމްހޫރިއްޔާއަށް ހެއްޔެވެ؟ ނުވަތަ ރަނގަޅު ގޮތަކީ އެ ކޮމިޝަންތަކުން އަމިއްލައަށް އެކަން ނިންމާގޮތަށް ބޭއްވުން ހެއްޔެވެ؟ މުޅި ގައުމު އޮތީ މި ބަހުސްގަ އެވެ. ކީއްވެބާ އެވެ. އަޅުގަނޑު ބެލިއިރު އަޅުގަނޑުމެން މީގެ 16 އަހަރު ކުރިން މި ބަހުސްކޮށް ނިންމައިފި އެވެ. އަނެއްކާވެސް މި ބަހުސަކަށް ފެށުމުން ހަނދާންވަނީ ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގައި މިކަހަލަ ކަމަކާ ކޯފާވެގެން ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވި ވާހަކަފުޅެކެވެ.

އެ ކޮމިޓީގައި އެތައް ބަހުސެއްކޮށް ނިންމާފައި އޮތްކަމެއްގެ ވާހަކަ މެންބަރަކު ތަކުރާރުކޮށް، އިރުއިރުކޮޅާ ވިދާޅުވާތީ ކޯފާވެގެން ޒާހިރު ވިދާޅުވި އެވެ. "އަޅުގަނޑު ކުރީ ދުވަހުވެސް ދެންނެވިހެން އަޅުގަނޑުމެން އެއްފަހަރަކު ވާހަކަ ދައްކާފައި ޑިބޭޓުކޮށްފައި އެތައް ވަގުތެއް ހޭދަކޮށްފައި ނިންމާފައި އޮތްކަމެއް ދެވަނަ ފަހަރަށް ގެނެސްގެން ހުޅުނބު ދަމާލީމާ ދެން ޖެހޭނީ އެހެން އަޅުގަނޑުމެންވެސް ދަމާލަން. ނިންމާ އެއްގޮތަކަށް މިހާރު މިއޮތީ ނިމިފައޭ..... އެހެން އިނދެލާފައި ދޭތެރެއަކުން ހުއްޓާލާފައި ދަމާލާފައި ވާހަކަ ދެއްކީމާ މިހާރު އަޅުގަނޑުމެންވެސް އެބަޖެހޭ ދަމާލަން. އެ ނޫން ގޮތަކަށް ގެންދަވަންވީ. ދޭތެރެއެއް ހާވާލާފައި ކޮށްޓާލާފައި (މިހެން ނުގެންދަވާށޭ)."

ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހުމަދު ޒާހިރު ކޯފާވެގެން ވާހަކަ ދެއްކެވީ ހަމަ ސީދާ މިހާރު ތިޔަ ބަހުސް އުފެދިގެން އުޅޭ މައުލޫއަށެވެ. މި ވާހަކަ ވިދާޅުވީ އެ ބަހުސް ނިމުނު ފަހުން މެންބަރުން އެ ވާހަކަ ދެއްކެވުމުން، ޑްރާފްޓިންގ ކޮމިޓީގެ 120 ވަނަ ބައްދަލުވުމުގަ އެވެ.

Advertisement

ގާނޫނުއަސާސީ އެކުލަވާލި ކޮމިޓީގައި މިނިވަން މުއައްސަސާތަކުގެ ބާބަށް ބަހުސްކުރަން ފެށީ އެ ކޮމިޓީގެ 116 ވަނަ ބައްދަލުވުމުން ފެށިގެންނެވެ. ފުރަތަމަ ބަހުސްކުރެވުނީ ޑްރާފްޓް 1، އިލެކްޝަންސް ކޮމިޝަނުގެ ޑްރާފްޓަށެވެ. އިލެކްޝަންސް ކޮމިޝަނާ ގުޅޭގޮތުން އެންމެ ފުރަތަމަވެސް ބަހުސްކުރެވެން ފެށީ އެ ކޮމިޝަން އެކުލަވާލާނޭ ގޮތާއި، ކޮމިޝަންގެ އިސް ހިންގުންތެރިޔާއަށް ކިޔާނޭ ނަމަކާއި، އޭނާ އައްޔަނުކުރާނޭ ގޮތަކާ މެދު އެވެ.

މަޖިލީހަށް ހުށަހެޅުނު ޑްރާފްޓު ކަރުދާހުގައި އޮތީ، ކޮމިޝަންގެ ރައީސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާކަމުގަ އެވެ. އެ ކަރުދާސް އެކުލަވާލެވިފައި އޮތީ އެ ކޮމިޓީއަށް ނަމޫނާއަކަށް ހުށަހެޅުނު އިނގިރޭސި ޑްރާފްޓަކަށް ބަލައިގެންނެވެ. އެ ބައްދަލުވުމުގައި އެކަމަށް ފުރަތަމަ އިއުތިރާޒު ކުރެއްވީ ކޮޅުމަޑުލު މެންބަރު ހަސަން އަފީފު އެވެ. އޭނާ ވިދާޅުވި އެވެ.

"އިނގިރޭސި ޑްރާފްޓުގައިވެސް ކޮމިޝަންގެ ރައީސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއޭ ލިޔެފައި ނެތް. ދެން އަދި އޭގެ އިތުރަށް އަޅުގަނޑު ދަންނަވާލަން ބޭނުން ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އައްޔަނުކުރުމުގެ ބާރު ދީފިނަމަ އެ ކޮމިޝަންގެ އިންޑިޕެންޑެންސް ނުހިފެހެއްޓޭނެ.... އެހެންވީމާ އަޅުގަނޑަށް މީގައި ބޮޑަށް ރަނގަޅީ ކޮމިޝަންގެ މެންބަރުންނާއި ކޮމިޝަންގެ ރައީސް އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާއޭ."

އަފީފުގެ މި ވާހަކަފުޅަށް މާލެއަތޮޅުގެ މެންބަރު މާރިޔާ އަހުމަދު ދީދީ ތާއީދުކުރެއްވި އެވެ. ވިދާޅުވީ "އަޅުގަނޑަށް ފެންނަނީ (ށ) ގެ ގޮތުގައި ލިޔަން އެ ކޮމިޝަނަށް މެންބަރުންނާއި ކޮމިޝަންގެ ރައީސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ އިހުތިޔާރުކުރާ ބަޔަކު އެ މަގާމުތަކަށް އިސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްވުމުން ރައީސުލްޖުމްހޫރިއްޔާއޭ."

މިއީ ވަރަށް ދިގުކޮށް ހިނގި، މި ބަހުސްގެ ފެށުމެވެ. ހަމަ އެ ބައްދަލުވުމުގައި އަރިއަތޮޅު އުތުރުބުރީ މެންބަރު ހުސައިން މުހައްމަދު ހުށަހެޅުއްވުމެއް ހުށަހެޅުއްވި އެވެ. "ކޮމިޝަނަށް މެންބަރުން އައްޔަނުކޮށް، އޭގެ ތެރެއިން (ކޮމިޝަންގެ މެންބަރުންގެ ތެރެއިން) އިސް މީހަކަށް ހަމަޖައްސާ މީހެއް އެއީ ޗީފް އިލެކްޝަންސް ކޮމިޝަނަރު ކަމަށް އަޅުގަނޑުގެ ހުށަހެޅުމަކީ"

މިހާ ހިސާބަށް ދިޔައިރު، ޑްރާފްޓުގައި އޮތްގޮތާ ތަފާތު ހިޔާލެއް ހުށަހެޅުއްވީ ހަމައެކަނި އަރިއަތޮޅު އުތުރުބުރީ މެންބަރު ހުސައިން މުހައްމަދު އެވެ. އެއީ ކޮމިޝަނަށް އައްޔަނުކުރެވޭ މެންބަރުން އަމިއްލައަށް ކޮމިޝަންގެ ރައީސަކު ކަނޑައެޅުމެވެ. އެ ހުށަހެޅުމާ ހިސާބުން ގިނަ މެންބަރުންގެ ހިޔާލުވެސް އެ މިސްރާބަށް އެނބުރުނެވެ. ކޮމިޓީގެ 116 ވަނަ ބައްދަލުވުން ނިމުނުއިރު މެންބަރުންގެ ވިސްނުމުގައި އޮތީ އިލެކްޝަންސް ކޮމިޝަނުން އަމިއްލައަށް އެ ކޮމިޝަންގެ ރައީސް އައްޔަނުކުރާ ގޮތަށް ބޭއްވުމަށެވެ.

ޑްރާފްޓިންގ ކޮމިޓީގެ 117 ވަނަ ބައްދަލުވުމުގައި އަނެއްކާވެސް އެ ވާހަކަ ދެކެވުނެވެ. ރިޔާސަތުގައި އިންނެވި، މާލޭގެ މެންބަރުން އިބްރާހީމް އިސްމާއީލް އެ ބައްދަލުވުމަށް ވަޑައިގަތީ ޕްރޮފެސަރ ސުމައިޒާއާ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ. އިބްރާ ވިދާޅުވި އެވެ.

"މި މާއްދާގައި ކޮމިޓީގެ ލަފާފުޅެއް ބޭނުންވާ ކަމެއް އެބައޮތް. މި މާއްދާ ލިޔުނުއިރު އަޅުގަނޑުމެންގެ ކޮންސަލްޓަންޓު އެންމެ ފުރަތަމަ ޑްރާފްޓު ކުރެއްވި އިރުގައި އޮތީ މި ހުރިހާ ކޮމިޝަންތަކެއްގައިވެސް ކޮމިޝަނަށް މެންބަރުން ހޮވާނީ ރައީސުލްޖުމްހޫރިއްޔާ ނަން ނޯޓު ކުރައްވައިގެން (ހުށަހަޅުއްވައިގެން) މަޖިލީހުން ފާސްކޮށްގެން ދެން ހޮވާނީ. ހޮވުމަށްފަހު ދެން އެކޮމިޝަނަކުން އެކޮމިޝަނެއްގެ ރައީސް ހޮވާގޮތަށް. އެހެން ޑްރާފްޓު ކުރެވިގެން އޭރުގައި ޕެނަލަށް އޮތީ"

"އަސްލު ކޮމިއުނިކޭޝަންއަކަށް އައީ މިދަންނަވާހެން ކޮމިޝަން މަޖިލީހުން ހޮވުމަށްފަހު ދެން އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން އެމީހުން މީހަކު ރައީސަކަށް ހޮވައިގެން (ކުރިއަށް ގެންދާގޮތަށް)."

އެ ވާހަކަފުޅާ ގުޅިގެން މާޅޮސްމަޑުލު ދެކުނުބުރީ މެންބަރު އިބްރާހީމް އަފީފް ވިދާޅުވީ "ތިޔައީ އަޅުގަނޑަށް ބަލައިގަންނަން އުނދަގޫކަމެއް. ކޮމިޝަންގެ ރައީސްގެ މުސާރަވެސް ބޮޑުވާނެ. އެހެންވީމާ ކޮމިޝަނުން އެކަން ކަނޑައަޅަން އުޅެފިއްޔާ އެ މެންބަރުންގެ ތެރޭގައި ވާދަވެރިކަމެއް އުފެދި އެކަހަލަ ކަމެއް ހިނގާފާނެ. އެހެންވީމާ ކޮމިޝަންގެ މެންބަރުން ނޫން އެހެން ބަޔަކު އެކަން ކުރަން އަޅުގަނޑަށް ފެންނަނީ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލީހުން ކަމުގައިވިޔަސް".. މިހެން ވިދާޅުވުމުން ކޮޅުމަޑުލު މެންބަރު އިބްރާހީމް އަފީފު އެ ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ، މެންބަރުންގެ މުސާރައިގައި ހުންނާނީ ވާދަވެރިކަމެއް އުފެދޭ ވަރުގެ ބޮޑު ފަރަގެއް ނޫން ކަމަށެވެ. އިތުރަށް ވިދާޅުވި އެވެ.

"މިހާރު މިއޮތް ކޮމިޝަންތަކާ ގުޅޭ ބިލުތައް އައިއިރު އެ ބިލުތަކުގައި އޮތީ ކޮމިޝަންތަކުގެ ރައީސް ނުވަތަ ނާއިބު ރައީސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއޭ. އެހެންވީމާ އެގޮތަށް ދޫކޮށްނުލާން އަޅުގަނޑުމެން މި މަޖިލީހުގެ ދައުރެއް އެކަމަށް ގެނައީ. ދެންމެ ތިޔަ ވިދާޅުވި ގޮތަށް ކޮމިޝަންގެ ރައީސް ނޫނިއްޔާ ނާއިބު ރައީސް އެކޮމިޝަނުގެ މެންބަރުން އަމިއްލައަށް އައްޔަނުކުރުމުގައި މައްސަލައެއް ނެތް." އަފީފުގެ ހިޔާލުފުޅަކީ ކޮމިޝަންތަކުގެ އިސް ހިންގުންތެރިން އައްޔަނުކުރުމުގެ ބާރު ރައީސަށް ނުދިނުމެވެ.

ތިލަދުންމަތީ އުތުރުބުރީ މެންބަރު އަހުމަދު މުއިއްޒުގެ ހިޔާލުފުޅަކީ، ކޮމިޝަންގެ މުސްތަގިއްލުކަމަށް އަސަރުކޮށްފާނޭ ފަދަ އެއްވެސް މާއްދާއެއް ގާނޫނުއަސާސީގައި ނުހިމެނުމެވެ. ވިދާޅުވި އެވެ. "އެންމެ މުހިންމުކަމަކަށް އިސްކަން ދެވެން ޖެހޭނީ ފްރީކޮށް، ފެއަރކޮށް، އެހެންނޫންތޯ، އެއްވެސް ފަރާތެއްގެ ނުފޫޒެއް (ނު)އެކުލެވޭގޮތަށް، އެހެންވީމާ އެކަމަށް އެންމެ އިސްކަން ދޭންޖެހޭނީ އެގޮތަށް މުޅި ކަންތައް ރާވަން"

ޑްރާފްޓިންގ ކޮމިޓީގެ 120 ވަނަ ބައްދަލުވުމާ ހަމައަށް ދިޔައިރު ކޮމިޓީން އޮތީ ފާޑަކަށް ގޮތެއް ނިންމާފަ އެވެ. އެއީ ކޮމިޝަންތަކުގެ ރައީސުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ނުބޭއްވުމެވެ. މެންބަރުންގެ ރޫހަކީ އެއީ އެވެ. ގާނޫނުއަސާސީ އެކުލަވާލުމަށްޓަކައި ބޭނުންކުރި ޑްރާފްޓުގައި ވަރަށް ސާފުކޮށް އޮތީ ކޮމިޝަންތަކުގެ ރައީސުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށެވެ. އެހެންނަމަވެސް ގާނޫނުއަސާސީ ޑްރާފްޓުކުރެވި ފާސްކުރެވިގެން އައިއިރު، އެ މާއްދާ އެގޮތަށް ހިމަނާފައި ނެތުމުން، ގާނޫނުއަސާސީ ހެދި މަޖިލީހުގެ ވިސްނުމަކީ ކޮބައިކަން ސާފުވެ އެވެ.

މުސްތަގިއްލު ކޮމިޝަންތަކުގެ ރައީސުންނަކީ އެ ކޮމިޝަންތަކުގެ މަސައްކަތް ހިންގުމުގައި ބާރާއި އިހުތިޔާރުތަކެއް ލިބިގެންވާ ބައެކެވެ. ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްސަލަ ބަލަންޖެހުނަސް ބެލޭނޭ ބާރުއޮތް މުއައްސަސާގެ ހިންގުމުގެ އެންމެ އިސްވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ބަޔަކަށް ހެދުމުން، އެ ކޮމިޝަންތަކުގެ އިދާރީ ހިންގުމުގެ ކޮންޓްރޯލަށް ނުސީދާކޮށް އަރައިގަނެވެ އެވެ. ދުނިޔޭގެ އެހެން ގައުމެއްގައި ކަން ކުރަނީ ކިހިނެއްތޯ ބަލައި ބަހުސްކުރާނޭ ކަމެއް ނެތެވެ. ދުނިޔޭގެ ގައުމުތަކުގައި ކަން އޮތްގޮތް މި ގައުމުގެ ގާނޫނުއަސާސީ ހެދި މަޖިލީހަށް އެނގެ އެވެ. ފުރަތަމަ ޑްރާފްޓް އޮތްގޮތްވެސް އެނގެ އެވެ. އެ ހުރިހާ ވާހަކައެއް ބޮލާލައި ޖަހައި، ގާނޫނުއަސާސީގައި އެ ވާހަކަ ނުހިމެނި އޮތީ އެއީ އަތްދަށުން ދިޔަ ކަމަކަށް ވެގެނެއް ނޫނެވެ. ހަމަ ގަސްތުގައި ނުހިމެނީ އެވެ. ކޮމިޝަންގެ މުސްތަގިއްލުކަމަށް އަސަރުކޮށްފާނޭ އެއްވެސް ވާހަކައެއް ގާނޫނުއަސާސީގައި ހިމަނަން މެންބަރުން ބޭނުންނުވީ އެވެ.

މީހަކު ބުނެފާނެ އެވެ. މިހާރުވެސް ކޮމިޝަންތަކުގެ މެންބަރުންގެ ނަން ހުށަހަޅަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންވީމާ ކޮމިޝަނުގެ ރައީސަކު ކަނޑައެޅުން ރައީސަށް ދޫކޮށްލުމުގައި މައްސަލައެއް އެބައޮތް ހެއްޔެވެ؟ އެ ވާހަކައަށް ރައްދެއް ދޭނެ ހެއްޔެވެ؟ އެ އުސޫލުން ބަލާނަމަ އެ ކޮމިޝަންތަކުގެ މުވައްޒަފުން ނެގުމުގެ ބާރުވެސް ސަރުކާރަށް ދޭންވީ އެވެ. ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅައިގެން މަގާމަށް އައްޔަނުކުރެވޭ ބައެއްގެ މުސާރަ ކަނޑައެޅުމުގެ ބާރު ރައީސަށް ނުދީ އޮތީ ކީއްވެގެން ހެއްޔެވެ؟ އެ ބާރުވެސް ގާނޫނުއަސާސީ ދިނީ ރައްޔިތުންގެ މަޖިލީހަށެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް ނޫނެވެ.

މި ސަކަރާތެއް މި ފެށުނީ ހިޔުމަންރައިޓްސް ކޮމިޝަނުގެ ގާނޫނަށް 2014 ވަނަ އަހަރު ގެނެވުނު އިސްލާހަކުންނެވެ. އޭގެ ކުރިން އެ ގާނޫނުގައިވެސް އޮތީ، ކޮމިޝަންގެ ރައީސް އައްޔަނުކުރާނީ ކޮމިޝަނުން ކަމަށެވެ. ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީ ސިޔާސީ ކުޅިވަރަކަށް ވީމާ، ކަންކުރި ސަބަބާއި، އެ މާއްދާތަކުގެ 'ޖަދު ފެށުނު ގޮތް' ވެސް ބޭފުޅުން ހަނދުމަފުޅު ނެތެނީ އެވެ.

ކޮމިޝަންތަކުގެ ރައީސުން ކަނޑައެޅުމާ ބެހޭ ބަހުސަކީ މީގެ 16 އަހަރު ކުރިން ނިމިފައި އޮތް ބަހުސެކެވެ. އެ ވާހަކަ ދެކެވި، އެކަމާ ބަހުސްކުރުމަށްފަހު ރައްޔިތުން އިންތިހާބުކުރި މެންބަރުން ނިންމީ ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް ޑްރާފްޓުގައި އޮތް މާއްދާ އުނިކުރުމަށެވެ. ގާނޫނުއަސާސީ ހެދި މަޖިލީހުގެ ވިސްނުމަކަށްވީ އެގޮތެވެ. މިއަދު ގާނޫނު ހަދާ މަޖިލީހުން އެކަން ވަރިހަމަކޮށްލާފައި އެ ނޫން ގޮތަކަށް އެކަން ބަދަލުކޮށްލަން ބޭނުންނަމަ ކޮށްލާންވީ އެވެ. ކުޅޭނޭ ވަރަކަށް ކުޅެލަން ސުޕަ މެޖޯރިޓީ ލިބިފައި އެބައޮތް ވިއްޔާ އެވެ. ކުޅެލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox