ޑޮމެއިން ނަންބަރު ދޫކުރަން ހެދިފައި އޮތް އުސޫލުތައް އިސްލާހު ކުރުމަށްފަހު އަންނަ މަހު އަލުން ނަންބަރު ދޫކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަލުން ޑޮމެއިން ހިދުމަތް ދިނުުގެ މަސައްކަތް ފަށާނީ ރެކޯޑުތައް ބަލަހައްޓާ އަދި މޮނިޓާ ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ކުރި މަގުގައި ދިމާވެދާނެ މައްސަލަތައް މަދު ކުރުމަށް އެކަށީގެންވާ ފުރިހަމަ ގަވާއިދެއް އެކުލަވާލައި، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
"އަލުން މި ހިދުމަތް ފެށުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވެއެތުވެދިޔަ ތަނުގައި ޑޮމެއިންގެ ރެކޯޑުތައް ހަރަނާ ގޮތެއްގައި މިނިސްޓްރީގައި ބެލެހެއްޓިފައި ނެތުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލާފައި ނެތުމުން،" ޓްރާންސްޕޯޓުން ބުންޏެވެ.
ޓްރާންސްޕޯޓުން ބުނީ ގެންނަ ބަދަލުތަކާ އެކު ޑޮމެއިން ހިދުމަތް ފޯރުކޮށްދިނުމަށް ދޫކުރެވޭ އެންމެހައި ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާސްތައް އެކުލެވޭ ލިޔުންތަކަކަށް ވެސް ބަދަލު ވެގެންދާނެ ކަމަށެވެ.
މިގޮތުން، ޓްރާންސްޕޯޓުން ފަށާ މަސައްކަތުން އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް އަންނާނެ ކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އަރުވައި އެ މިނިސްޓްރީން ބުނީ މަގުސަދަކީ ޑޮމެއިން ނަންބަރުތަކާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ހައްލު ކުރުން ކަމަށެވެ.

ޑޮމެއިން ވިއްކުމުގެ ކަންތައް މަޑު ޖައްސާލީ ނިމިދިޔަ ސަރުކާރުންނެވެ. އެކަން މަޑު ޖައްސާލީ އޭރު ޑޮމެއިން ވިއްކުމާ ގުޅިގެން ފެންމަތިވި މައްސަލަތަކަކާ ގުޅިގެންނެވެ.













