ދަރަނީގެ ކަންކަމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ރިއާޔަތްކުރެވެން ޖެހޭ: ގަވަރުނަރު

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އައިއެމްއެފް އާއި ވާލްޑް ބޭންކުގެ ޕްލީނަރީ ބައްދަލުވުމުގައި: މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު ޖަޒީރާ ގައުމުތަކަށް ހާއްސަ ގޮތްތަކެއް ފަހިކޮށްދޭން އޭނާ ގޮވާލެއްވި -- ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އައިއެމްއެފް އާއި ވާލްޑް ބޭންކުގެ ޕްލީނަރީ ބައްދަލުވުމުގައި: މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު ޖަޒީރާ ގައުމުތަކަށް ހާއްސަ ގޮތްތަކެއް ފަހިކޮށްދޭން އޭނާ ގޮވާލެއްވި -- ފޮޓޯ: އެމްއެމްއޭ

ދަރަނީގެ ދެމެހެއްޓިނިވަކަން ކަށަވަރުކުރުމުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް އޮނިގަނޑަށް ބަދަލުތަކެއް ގެންނަން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ގޮވާލައްވައިފި އެވެ.

އެމެރިކާގެ ވޮޝިންޓަނުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަދި ވާލްޑް ބޭންކުގެ ޕްލީނަރީގެ ޗެއާގެ ހައިސިއްޔަތުން ދެއްވި ތަގުރީގުގައި މުނައްވަރު ވިދާޅުވީ، ކުރިއަރަމުން އަންނަ އިގުތިސޯދުތަކުގެ ތިން ބައި ކުޅަ ދެ ބައި ގައުމުތަކަށް ދަރަނި ދެއްކުމުގައި ހިރާސް ވަރަށް ބޮޑު ކަމަށެވެ.

މިގޮތުން ގްލޯބަލް ސޮވަރިން ޑެޓް ރައުންޑްޓޭބަލްގައި ގުޅިގެން މަސައްކަތްތަކެއް ކުރަން ބާރު އެޅި ނަމަވެސް، އިތުރު ފިޔަވަޅުތައް ބޭނުންވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށްދާ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ޑެޓް ސަސްޓެއިނަބަލިޓީ ފްރޭމްވޯކް ރިވިއުގައި ގައުމުތަކުގެ ހާލަތަށް ރިއާޔަތްކުރެވިގެން ބަދަލުތަކެއް ހިމަނަން އޭނާ ގޮވާލެއްވި އެވެ.

"އައިއެމްއެފް އާއި ވާލްޑް ބޭންކާއި މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކުން ދަރަނީގެ އުނދަގޫތައް ދިމާވެފައި ހުރި ގައުމުތަކަށް އެހީތެރިވާން މާނަވީ ފިޔަވަޅުތަކެއް އަޅަން ޖެހޭ. މަލްޓިލެޓަރަލް ޑިވެލޮޕްމަންޓު ބޭންކުތަކުން، ކްލައިމެޓް އެޑެޕްޓޭޝަނަށް ކުރާ އިންވެސްޓުމަންޓުތަކުގެ މުގާބިލުގައި ދަރަނީގެ ލުއި ދޭ ގޮތަށް، ޑެޓް-ފޯ-ކްލައިމެޓް ކަހަލަ އާލަތްތައް އުފައްދަން ޖެހޭ" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ދެއްވި ތަގުރީރުގައި ސީދާ ރާއްޖޭގެ ހާލަތާ ގުޅުވައި ވިދާޅުވީ، ރާއްޖެއިން ވަނީ 2028 ކުރިން މި ގައުމުގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓު އިޔާދާކުރަނިވި ހަކަތައަށް ބަދަލުކުރަން އަމާޒު ހިފާފައި ކަމަށެވެ. މި އަމާޒަށް ވާސިލުވުމުން މޫސުމީ ބަދަލަށް ވިލުންވެރި ވުމުގެ އިތުރުން، މާލިއްޔަތުންނާއި ބޭރު ފައިސާއިން ކުރަން ޖެހޭ ހަރަދުތަކުގެ ބޮޑު ބަޔެއް ސަލާމަތްކުރެވޭނެ ކަމަށެވެ.

މި އަމާާޒަށް ވާސިލުވާން 1.3 ބިލިއަން ޑޮލަރު ބޭނުންވި ނަމަވެސް، އެހީދޭ ފަރާތްތަކުން މިހާތަނަށް ލިބިފައިވަނީ އެ ފައިސާގެ އެންމެ 13 ޕަސެންޓު (169 މިލިއަން ޑޮލަރު) ކަމަށް މުނައްވަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން ކުރާ މިފަދަ އިންވެސްޓުމަންޓުތަކަށް ފަސޭހަ އަދި ހެޔޮ އަގުގައި ފައިސާ ލިބޭނެ ގޮތްތަކެއް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ހަމަޖައްސައިދޭން ވެސް އޭނާ ގޮވާލެއްވި އެވެ.

މުނައްވަރު އިތުރަށް ފާހަގަކުރެެއްވީ ސްޓްރަކްޗަރަލް އިސްލާހުތައް ގެންނަ ވާހަކަ އެވެ. އެގޮތުން ތަރައްގީ ވަމުން އަންނަ އިގުތިސާދުތަކުގެ އުފެއްދުންތެރިކަމާއި ދައުލަތުގެ ގާބިލުކަން ވަރުގަދަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އައިއެމްއެފް އާއި ވާލްޑް ބޭންކުން ވަޒިފާ އުފެއްދުމާއި، ހަމަހަމަ ފުރުސަތުތަކާއި، އިގުތިސޯދު ސިންދަފާތުކުރުމާއި ރެފިއުޖީން ގިނަ ވުމުން ކުރާ އަސަރުތަކަށް އަހައްމިއްޔަތުކަން ދޭން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދިމިގޮތަށް ގެންނަ އިސްލާހުތައް، އިޖުތިމާއި ގޮތުން ގަބޫލުކުރެވޭ ގޮތަކަށް، އޭގެ ފައިދާތައް ފުޅާ ދާއިރާއެއްގައި ހިއްސާކުރެވޭކަން ކަށަވަރުކުރެވޭނެ އިސްލާހުތަކަކަށް ވާން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox