ޔުނިވާސަލް ފައުންޑޭޝަނުން ފަންޑުކޮށްގެން ތިން ޑޮކްޓަރުން މެލޭޝިއާއިން ސްޕެޝަލައިޒްވުމަށް ސްކޯލާޝިޕްގެ ފުރުސަތު ތަނަވަސްކޮށްދީ، އެ ތިން ޑޮކްޓަރުންނާ ލިޔުން މިއަދު ހަވާލު ކޮށްފި އެވެ.
ޔުނިވާސަލް ފައުްނޑޭޝަން 2014 ގައި ވުޖޫދުވި ފަހުން އެ ފައުންޑޭޝަނުން އަންނަނީ އެކި ދާއިރާއިން ރާއްޖެއަށް ނިސްބަތްވާ މީހުން ބިނާ ކުރުމަށް އެހީތެރިވެދެމުންނެވެ. އޭގެ ކުރިން ޔުނިވާސަލްއިން ވެސް މަތީ ތައުލީމް ހާސިލު ކުރުމަށް ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދިނެވެ.
ފުރުސަތު ލިބުނު ޑޮކްޓަރުން:
- ޑރ. ފާތިމަތު މިޝްފާ ވަސީމް - ކަރުން މަތީގެ ހާއްސަ ބަލިތައް (މަލާޔާ ޔުނިވާސިޓީ)
- ޑރ. ނުހާ އަބްދުލް ރަހްމާން - ކުޑަ ކުދިންގެ ހާއްސަ (ޔުނިވާސިޓީ މަލާޔާ)
- ޑރ. އާމިނަތު ނަޖްދާ - އޮޕަރޭޝަންތަކަށް ހާއްސަ (ޔުނިވާސިޓީ ސައިންސް މެލޭޝިއާ)
ޔުނިވާސަލް ފައުންޑޭޝަނުން ބުނީ އެ ފައުންޑޭޝަނުގެ މަގްސަދަކީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް މުހިންމު ދާއިރާތަކުން އެހީވެ، އިންސާނިއްޔަތައްޓަކައި ކުރަން ޖެހޭ ކަން ކަމަށް އެހީވުން ކަމަށެވެ.
ޔުނިވާސަލް ފައުންޑޭޝަނުން ސްކޯލާޝިޕްގެ ފުރުސަތު 121 ދަރިވަރަކަށް ދީފައިވާއިރު، އޭގެ ތެރެއިން 15 ދަރިވަރަކު މިހާރު ވެސް އަންނަނީ ތައުލީމު ހާސިލު ކުރަމުންނެވެ.
އޭގެ އިތުރުން އެ ފައުންޑޭޝަނުން އަންނަނީ ހޮސްޕިޓާލިޓީ ދާއިރާއަށް ޒުވާނުން ވެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން ސެޓްފިކެޓް 3 ގެ ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ.

މިގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް އެ ޕްރޮގްރާމް 130 ދަރިވަރަކު ނިންމާފައިވާއިރު، އޭގެ ތެރެއިން 20 ދަރިވަރަކު މިހާރު ވެސް އަންނަނީ ޔުނިވާސަލްގެ ރިސޯޓުތަކުގައި އިންޓާންޝިޕް ފުރިހަމަ ކުރަމުންނެވެ.













