އާންމުކޮށް ރޫޓް ފިހާރައިން ސިނގިރޭޓު ގަންނަ ފަރާތްތައް ނޫން އެހެން މީހުންނަށް ސިނގިރޭޓު ވިއްކުން ހުއްޓާލައި، ރެޖިސްޓަރީ ކޮށްފައި ހުރި ފިހާރަތަކަށް ވެސް ސިނގިރޭޓު ވިއްކާ މިންވަރު އެ ކުންފުނިން ކޮންޓްރޯލް ކޮށްފި އެވެ.
ރޫޓުން ސިނގިރޭޓު ވިއްކާ މިންވަރު ކޮންޓްރޯލް ކުރުމާ ގުޅިގެން މާލޭގައި ހުންނަ ރޫޓު ފިހާރައިގެ ކުރިމަތީގައި އާންމުން ވަނީ ކިއު ހަދައިފަ އެވެ.
އެކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ރޫޓް ފިހާރަ ހިންގާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ރާފިއު "އަދަދު" އަށް ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ ސިނގިރޭޓުން ނަގާ ޓެކުހަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުން އިތުރަށް ސިނގިރޭޓު ގަނެ، ގުދަން ކުރުމުގެ މަސައްކަތް ކުރާތީ ކަމަށެވެ.
ނަމަވެސް އާންމުކޮށް ރޫޓުން ސިނގިރޭޓު ގަންނަ ވިޔަފާރިތަކަށް، މީގެ ކުރިން ވެސް ނަގަމުން އައި ރޭޓުން ސިނގިރޭޓު ދޫކުރަމުންދާ ކަމަށް ރާފިއު ވިދާޅުވި އެވެ.
"ސިސްޓަމް ތެރެއިން އަޅުގަނޑުމެން ލައްވައި ބިލް އަޅައިގެން ޖީއެސްޓީ ނަންބަރު ޖަހައިގެން ނަގާ [ރެގިއުލާ ކަސްޓަމަރުންނަށް]، އަޅުގަނޑުމެންގެ ރިކޯޑުތަކުން ހުންނާނެ ފެންނަން، ދުވާލަކު ކޭހެއް ނަގާ މީހަކަށް ވެއްޖެއްޔާ މިހާރު ވެސް އަޅުގަނޑުމެން ހަމަ ދޫކުރާނެ، 10 ކާޓަން ނަގާ މީހަކު ވެއްޖެއްޔާ އަޅުގަނޑުމެން 10 ކާޓަން ދޭނަން، އެކަމަކު އެއް ކާޓަން ނަގާ މީހަކަށް 30 ކާޓަނެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ،" ރާފިއު ވިދާޅުވި އެވެ.
"ދެން ވާގޮތަކީ ބޭރު މީހުން، މަގުން ދާ ހުރިހާ އެންމެންނަށް ފައިސާ ދީގެން [ސިނގިރޭޓު] ގަންނަން ފޮނުވަނީ، އޭތި ވެސް އަޅުގަނޑުމެންނަށް ހުއްޓައިލަން މަޖުބޫރުވީ، އެހެންވީމާ އަޅުގަނޑުމެން މި ބުނަނީ ކޮންމެ ވިޔަފާރި ކުރާ ތަނަކަށް އަޅުގަނޑުމެން ދޫކުރާނަމޭ ވިޔަފާރި [ސެޓުފިކެޓު] ދެއްކީމާ އެ ނިސްބަތުން، އާންމުކޮށް ނަގާ މިންވަރު،"
ރާފިއު ވިދާޅުވީ މީގެ ކުރިން ސިނގިރޭޓުގެ އަގަށް ބަދަލު އައުމާ ގުޅިގެން ވެސް މިފަދަ ހާލަތެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ބައެއް މީހުން ރޫޓުން ސިނގިރޭޓު ގަނެގެން ގެންގޮސް ރައްކާ ކޮށްފައި ހުރި ގޮތުން، ބައެއް ކާޓަންތަކުގައި ފީ ޖަހައިގެން އެ ޝަކުވާ ވެސް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިނގިރޭޓަކީ ވަކި ގޮތަކަށް ވަކި ޓެމްޕަރޭޗަރެއްގައި ގެންގުޅެންޖެހޭ [ގުދަން ކުރަންޖެހޭ] އެއްޗެއް، އެނދު ދަށަށް ލައިގެން، އެއްކަލަ އަގު ބޮޑު އެއްޗެއް ވީމާ ފޮރުވައިގެން ގެންގުޅެގެން އެ ވިކުނު ދުވަހަކުން ވިކޭއިރުގައި އެ އިންނާނީ، ދެން އޭގެ ޒިންމާއެއް އަޅުގަނޑުމެންނަކަށް ނުނެގޭނެ، އެހެންވީމާ ހަމަ ވިއްކޭ އަދަދަކަށް އަޅުގަނޑުމެން ހަމަ އެންމެނަށް ވެސް ދޫކުރާނަން، ސަރުކާރުން އަގު ބޮޑު ކުރަންދެން،" ރާފިއު ވިދާޅުވި އެވެ.
ސިނގިރޭޓާއި ބިޑިން އިމްޕޯޓު ޑިއުޓީ 3ރ. އިން 8ރ. އަށް މަތި ކުރަން، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އަންގާރަ ދުވަހެވެ.
ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
- އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން
- މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން
މި ބަދަލުތަކާއެކު މިހާރު 105ރ. އާއި 112ރ. އާ ދެމެދުގެ އަގުތަކެއްގައި ވިއްކަމުން އަންނަ ސިނގިރޭޓު ފޮށްޓެއްގެ އަގު 300ރ. އާ ގާތްކުރާނެ ކަމަށް ބެލެވެ އެވެ.
މި ބަދަލާ ގުޅިގެން ސަރުކާރަށް ލިބޭ މަންފާ ކުޑަވެ، ވަގު ވިޔަފާރި އިތުރުވާނެ
ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކަނި ވެސް ރާއްޖެއަށް އެތެރެކުރި 350 މިލިއަން ސިނގިރޭޓުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެއް ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނެވެ. އަދި ކޯސްޓް އިންޝުއަރެންސް އެންޑް ފްރައިޓުގެ ގޮތުގައި 265.8 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.
އެއީ ހަމައެކަނި ސިނގިރޭޓުން ދައުލަތަށް ލިބުނު އާމްދަނީ އެވެ. އޭގެއިތުރުން ހިކި ދުންފަތާއި ޝީޝާގެ އިތުރުން ރޯލިން ޓޮބޭކޯ ފަދަ ދުންފަތުގެ އެކި ބާވަތްތަކުން ވެސް ދައުލަތަށް އާމްދަނީ ލިބެ އެވެ.
ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކުރަން ނިންމުމާ ގުޅިގެން ސަރުކާރަށް ޓެކުހުން ލިބޭ ފައިދާ ކުޑަވެ ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކޮށް ވިޔަފާރި ކުރުން އިތުރުވާނެ ކަމަށް ރާފިއު ދެކެވަޑައިގަންނަވަ އެވެ.
"ވިޔަފާރިއަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ، ސަރުކާރަށް ލިބޭ ރިވެނިއު ވެސް ވަރަށް ބޮޑުތަން ދަށްވާނެ، ދެން ރާއްޖޭގައި އިލީސިޓް ޓްރޭޑިންތައް ގިނަވެގެން ދާނީ، މިހާރު މިވަރަށް އޮންނައިރު ވެސް ދޭތެރެދޭތެރެއިން ނޫސްތަކުގައި އެބަޖަހާ ސިނގިރޭޓު ކޮންޓޭނަރެއް ވަގަށް އެތެރެ ކޮށްފިިޔޭ، މިވެނި ތަނަކަށް ބާލައިފިޔޭ، ތިލަފުށްޓަށް ބާލައިފިޔޭ،" ރާފިއު ވިދާޅުވި އެވެ.
އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވާގޮތްކަން ފާހަގަކުރައްވައި ރާފިއު ވިދާޅުވީ މިފަދަ ބަދަލުތައް ގެންނަން ޖެހޭނީ މަޑުމަޑުން ކަމަށެވެ. ކުއްލިއަކަށް މިވަރުގެ ބޮޑެތި ބަދަލު ގަނައުމުން، ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީ ވެސް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމު މީހާ އަތުގައި ފައިސާ ނެތް ވަރަކަށް ކިހިނެއްތޯ ގަންނާނީ ކިތަންމެ ބޯން ބޭނުންވާ މީހާ ވެސް؟ ދެން ވައްކަމާއި ފޭރުމާއި މާރާމާރީ އާ މިކަހަލަ ކަންތައްތައް އިތުރުވާނީ، ދެން އަޅުގަނޑުމެން ޖެހޭނީ ޕިކަޕަކަށް ލައިގެން އަޔަސް އެހެން ގޮތަކަށް ވިޔަސް، އަޅުގަނޑުމެން ދެން ޖެހޭނީ ސެކިއުރިޓީ ބައިތިއްބައިގެން ގެންނަން، މި ހާލަތަށް ގައުމުގެ ހާލަތު ހިނގައިދާނެ ކަމަށް ގޮސްދާނެހެން، ދުނިޔޭގެ ގައުމުތަކުގައި މިކަހަލަ ކަންތައްތައް ކުރަނީ މަޑުމަޑުން،، އަހަރަކުން އަހަރަކުން، ކުއްލިއަކަށް ބޮޑެތި ޖަންޕެއް ނޫން ޖަހަނީ،" ރާފިއު ވިދާޅުވި އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރަން ނިންމުމުގެ އިތުރުން ރާއްޖޭގައި ވޭޕް ކުރުން ވެސް މަނާ ކުރަން ރައީސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ. އޭގެ އިތުރުން ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާސްޓާ ޕްލޭނެއް ހަދަން ވެސް އެމަނިކުފާނު ނިންމަވާފައިވެ އެވެ.











