ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމަށް ކަމަށް ބުނެ، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ރައީސް މުއިއްޒުގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ބޮޑުކުރަން ގާނޫނަށް އިސްލާހު ގެންނަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމަވާފައިވާ ކަމަށެވެ.
މަޖިލީހަށް ފޮނުވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:
- އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން
- މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން
އޭގެ އިތުރުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ މީހުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވަލްގައި ބޮޑު ކެމްޕޭނެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލައްވަމުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.

ސިނގިރޭޓާއި ބިޑި އެތެރެކުރުމާއި ބޭނުންކުރުން މަނާނުކޮށް ޑިއުޓީ ބޮޑުކުރަން ރައީސް ނިންމެވިއިރު، އިއްޔެ އެމަނިކުފާނު ވަނީ އަންނަ މަހުގެ 15 އިން ފެށިގެން ވޭޕުގެ އުފެއްދުންތައް އެތެރެކުރުން މަނާކޮށް، ޑިސެމްބަރު 15 އިން ފެށިގެން ވޭޕު ބޭނުންކުރުން މަނާކުރަން ނިންމަވާފަ އެވެ.
މިކަމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން މި ހަފުތާގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެ އެވެ.













