ޗެލެންޖް ބޮޑު މަސައްކަތަކަށް ނިޒާމްބެ ހުރީ ބޮޑު އުންމީދަކާ އެކު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނިޒާމްބެ ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނިޒާމްބެ ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ރާއްޖޭގެ ގައުމީ ޓީމުތަކުގެ ތެރެއިން، އެންމެ ބުރަ ބޮޑު އެއް މަސައްކަތަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކުރުމެވެ. އެކަމުގެ، ސަބަބުތައް ވެސް ބައިވަރެވެ. އެންމެ ބޮޑު ކަމަކީ، ލޯކަލް މުބާރާތެއް ނުކުޅެވި، އިންޓަނޭޝަނަލް މުބާރާތްތައް ކުޅެން ޖެހޭ ރާއްޖޭގެ ހަަމައެކަނި ޓީމު ސްޕޯޓް ކަމަށް ވުމެވެ.

އެ ގޮތުން، ރާއްޖޭގެ އަންހެން ފުޓްބޯޅަ މުބާރާތެއް އެފްއޭއެމް އިން ބޭއްވީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. ރަސްމީ މުބާރާތްތަކެއް، އަންހެން ފުޓްބޯޅަ އަށް ނެތިވެސް އަންހެން ފުޓްބޯޅަ ކުރިއެރުވޭތޯ ގައުމީ އަންހެން ޓީމާ ހަވާލުވާ ކޯޗުން ކުރެ އެވެ.

އެ ގޮތުން، މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕާ ދިމާކޮށް، ގައުމީ އަންހެން ޓީމުގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް މި ވަނީ އެ ފަދަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މި މަހު 17-30 އަށް ނޭޕާލުގައި ކުރިއަށްދާ އަންހެން ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ އަންހެން ޓީމު ވަނީ ނޭޕާލަށް ގޮސްފަ އެވެ.

އަންހެން ފުޓްބޯޅަ ޓީމުން މާލޭގައި ކުރި ފަހު ޕްރެކްޓިސް ސެޝަންގެ ތެރެއިން ނިޒާމްބެ ވަނީ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ވީ ތައްޔާރީތަކާ ގުޅޭ ގޮތުން، "އަދަދު ސްޕޯޓްސް" އަށް ހާއްސަ އިންޓަވިއުއެއް ދީފަ އެވެ.

ނިޒާމްބެ ބުނީ، މުބާރާތަށް ތައްޔާރުވާން ޕްރެކްޓިސްކުރާތާ ދޮޅު މަސް ދުވަސްވެފައިވާ ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ކްލަބް މޯލްޑިވްސް ކަޕްއާ ހެދި ކޮންމެ ވެސް ވަރެއްގެ މަޑުޖެހުމެއް އައި ކަމަށެވެ.

"މީގެ މި ތިބި އަންހެން ކުޅުންތެރިންނަށް މުޅި އަހަރު ތެރޭ އަންނަނީ އެންމެ މުބާރާތެއް. އެއީ ލޯކަލީ އެ އޮންނަ ކްލަބް މޯލްޑިވްސް އެ މުބާރާތަށް އޮފީސްތަކަށް ކުޅުންތެރިން ދޫކުރަން ޖެހޭ. އެ ސަބަބާ ހެދި އަސްލުގައި އެންމެ ބޭނުންވާ ވަރަކަށް ޓްރެއިނިން އެއް ނުގެންދެވުނު. އެހެން ނަމަވެސް، ހަމަ ޓީމާ ހަވާލުވިިއިރާ ބަލާއިރު މިހާރު ހަމަ ބޮޑުތަނުން ޓީމު ރަނގަޅުވާނެ.،" ޕްރެކްޓިސް ދިޔަ ގޮތާ ބެހޭގޮތުން ނިޒާމްބެ ބުންޏެވެ.

ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ފުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން.--- ފޮޓޯ: އަދަދު ސްޕޯޓްސް

މި ފަހަރުގެ ގައުމީ އަންހެން ޓީމުގެ ސްކޮޑުގައި ވެސް އާ ކުޅުންތެރިން ހިމެނެ އެވެ. ނިޒާމްބެ ބުނީ، އައި ކުޅުންތެރިންގެ ލެވަލް ރަނގަޅުވެފައިވާ ކަމަށެެވެ. އެކަމަކު، ހާލަތު އޮތްގޮތުން، މީގެ ކޮންމެ ކުޅުންތެރިއަކު ވެސް ޓެސްޓްކޮށްލަން މި ލިބެނީ ސީދާ މެޗުގައި ކަމަށްވާތީވެ، މީގެ ސަމާލުވާން ޖެހޭ ކަންކަން ވެސް ގިނަ ކަމަށެވެ.

"މީގެ ވާ ގޮތަކީ، އެންމެ ބޮޑު ޗެލެންޖަކީ އެ ކުޅުންތެރިންނަކީ ލޯކަލީ ވެސް ބޮޑު ދަނޑުގައި ކުޅެ، އެކްސްޕީރިއަންސް ކޮށްލާނެ ފުރުސަތެއް ނެޝަނަލް ސްކޮޑުގައި ނޫނިއްޔާ ނުލިބޭ. އެ ޗެލެންޖް އެންމެ ބޮޑު އެއްޗަކީ، ދެން، ގޮސް އިންޓަނޭޝަނަލް އެރީނާގައި ކުއްލިއަކަށް ލާން ބަލާއިރު އެ ކުޅުންތެރިޔާ އެ ކޮންފިޑެންސް ގެއްލި ޑިމޯޓިވޭޓްވެ، ކަމެއް ވެދާނެތީ އެ އަށް ވަރަށް ވިސްނަންޖެހޭ. ދެން، މިއީ ހަމައެކަނި ލިބޭ މުބާރާތް، އުންމީދުކުރަނީ ކޮންމެވެސް ހިސާބަކުން މި ނޫން އެހެން ގޮތަކަށް މި ކަން (އަންހެން ފުޓްބޯޅަ) ބަދަލުވެގެންދާނެ ކަމަށް،" ރާއްޖޭގެ ލީގު ޗެމްޕިއަންކަމާއި ސަރަހައްދީ މުބާރާތެއްގެ ތަށި ވެސް ހޯދާފައިވާ ނިޒާމްބެ ބުންޏެވެ.

މުބާރާތާ މެދު ނިޒާމްބެ ކުރާ އުންމީދު ކުޑައެއް ނޫން

ޖުމްލަ ހަަތް ޓީމު ވާދަކުރާ މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ، ގްރޫޕް ބީގަ އެވެ. މުބާރާތުގެ ހޯސްޓް، ނޭޕާލްގެ އިތުރުން، ދެން، ރާއްޖެއާ އެކު މި ގްރޫޕްގައި އޮތީ ސްރީ ލަންކާ އާއި ބޫޓާން އެވެ. ގްރޫޕް އޭގައި ހިމެނެނީ، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން އެވެ.

ނިޒާމްބެ ބުނީ، ފެންނަ މަންޒަރުތަކަށް ބަލާއިރު، އިންޑިއާ އާއި ނޭޕާލް ފިޔަވައި، ދެން މި އޮތް ޓީމުތައް މި އޮތީ ދާދި ހަމަހަމަކޮށް ކަމަށް ބުނެވިދާނެ ކަމަށެވެ.

"ބަންގާޅު ވެސް އެހެން ފަހަރުތަކަށް ވުރެ މި ފަހަރު ހަމަ ތަންކޮޅެއް އެވްރެޖްކޮށް މި ފެންނަނީ، އެންމެ ބޮޑު އެއް ސަބަބަކީ، އެ މީހުންގެ ވެސް މިހާރު ފުޓްބޯޅަ ހާލަތު އޮތީކީ އެންމެ ރަނގަޅަކަށް ނޫން،" 2022 ވަނަ އަހަރު ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ބަންގްލަދޭޝާ ބެހޭގޮތުން، ނިޒާމްބެ ބުންޏެވެ.

ކޯޗިން ކެރިއަރުގައި ނިޒާމްބެގެ އެންމެ ހާއްސަ ކަމަކީ، މެނޭޖްމަންޓުން ދޭ ޓާގެޓްގެ އިތުރުން އަމިއްލަ އަށް ވެސް ޓާގެޓެއް ކަނޑައެޅުމެވެ. އެ ގޮތުން، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަށް ދިން ޖަވާބުގައި، ނިޒާމްބެ ބުނީ، އަމިއްލަ އަށް ކަނޑައެޅި ޓާގެޓަކީ، ފައިނަލަށް ދިއުން ކަމަށާއި، އެ ޓާގެޓް ކަނޑައެޅީ ވެސް ހުރި ޗެލެންޖްތައް އެނގިހުރެ ކަމަށެވެ.

"މި ފަހަރު މުބާރާތުގެ ޕާސަނަލް ޓާގެޓަކީ ހަމަ، 30 ވަނަ ދުވަހު އޮންނަ މެޗާ ހަމައަށް ޓީމު ގެންދިއުން، އެހެން ބުނާއިރު ވެސް ފަސޭހަކަމެއް ނޫން މިއީ، ވަރަށް ޗެލެންޖިން ކަމެއް. މި ސަރަހައްދުގައި ދެން ހުރި ޓީމުތަކަށް ބަލާއިރު، އެ ތިބީ، އިންޓަނޭޝަނަލް ފްރެންޑްލީސް ކުޅެފައި ކޭމްޕްކޮށްފައި، ލޯކަލީ ޓޯނަމެންޓްސް ކުޅެފައި. ކުޅުންތެރިން ވަރަށް އެކްސްޕީރިއަންސް، ދެން މި ކުރެވުނު މަސައްކަތަށް ބަލާފައި ގޯހެއް ނުވާނެ ނަތީޖާ،" ނިޒާމްބެ ބުންޏެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި، 18 ވަނަ ދުވަހު ލަންކާއާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، 21 ވަނަ ދުވަހު ނޭޕާލާ ބައްދަލުކޮށް، ގްރޫޕްގެ ފަހު މެޗުގައި، 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ނުކުންނާނެ އެވެ.

ހާލަތު ބަދަލުވާންޖެހޭ؛ ކުޅުންތެރިން އިތުރުވެ ނަތީޖާ ވެސް ރަނގަޅުވާނެ

އަންހެން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގެ މަސައްކަތް ކުރަން ބަލާއިރު، ގޮންޖެހުން ގިނަ އެވެ. ރާއްޖޭގައި އެންމެ ފަހުން އެފްއޭއެމް އިން އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް ބޮޑު މުބާރާތެއް ބޭއްވީ، 2014 ވަނަ އަހަރު އެވެ. މާލޭގައި އެ ފަހުން، އަންހެން ފުޓްބޯޅަ ފްރެންޑްލީތަކެއް ކުޅެފައިވެ އެވެ. އެކަމަކު، ކްލަބް ލެވަލްގައި ރަނގަޅު ލޯކަލް މުބާރާތްތައް ނެތުމުގެ އުނިކަން އަންހެން ފުޓްބޯޅައިން އިންތިހާ އަށް ފާހަގަކުރެވެ އެވެ.

ގައުމީ އަންހެން ޓީމުން މި ފަހަރު ވެސް، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވިއިރު، ގިނަ ކުޅުންތެރިންތަކެއް ޕްރެކްޓިހުގައި ބައިވެރިވި ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. އެ ގޮތުން، ފަހު ހަފްތާގައި ވެސް، 33 ވަރަކަށް ކުޅުންތެރިން ޓީމުގެ ޕްރެކްޓިހުގައި ފެނިގެންދިޔައިރު، ފާހަގަވެގެންދިޔައީ، އަންހެން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ކުރަން ޖެހިފައި އޮތް މަސައްކަތްކަން ނިޒާމްބެ ފާހަގަކުރި އެވެ.

"ޗެލެންޖަކީ އަލަށް ބޮޑު ދަނޑުގައި މި ކުޅެން ޖެހެނީ. ދެން، މި ވަރުގެ ޕްރެކްޓިސްއެއް ތެރޭގައި އުނދަގޫވާނެ އެންމެ ބޭސިކުން ފަށައިގެން ކުޅުންތެރިން އެ ހިސާބަށް ނަގަން ދޮޅު މަސް ދުވަސް ތެރޭގައި، އެއީ އެންމެ ބޮޑު ޗެެލެންޖަކީ، ކްލަބްގައި ނޫނީ ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގެ ތެރެއިން ކުޅުންތެރިން އަންނަނަމަ ގްރާސްރޫޓުން ފެށިގެން އަންނަނަމަ ބޮޑުތަނުން ތަފާތުވާނެ،" ނިޒާމްބެ ކިޔައިދިނެވެ.

"ދާއިމީކޮށް ބޭއްވޭ ކޮމްޕެޓިޝަން އެއް ފަށައިފިއްޔާ އެ ހަމަ ޔަގީނުން ވެސް ކުޅުންތެރިން ލިބޭނެ ކަމެއް،"

ނިޒާމްބެއާ އެކު ގައުމީ އަންހެން ޓީމުގެ ކޯޗިން ސްޓާފުންނަށް ތިބީ، ކުރިން އަންހެން ޓީމަށް ކުޅެފައިވާ ކުޅުންތެރިންނެވެ. އެއީ، ކޯޗިންގައި މުހިންމު ހަރުފަތްތަކެއް ކަނޑަތުކުރަމުން އަންނަ، ކުރީގެ ކުޅުންތެރިން ކަމަށްވާ، މަރިޔަމް މިރުފަތު، ޝީނީޒް މުހައްމަދު އަދި އާމިނަތު ޝިޔާނާ އެވެ.

ނިޒާމްބެ ބުނީ ޓާގެޓަކީ، އޭނާ ޓީމު ދޫކޮށްލާއިރު، މީގެ ތެރެއިން ކޯޗެއް ޓީމު ލީޑުކުރާ ހިސާބަށް ގެންދިއުން ކަމަށެވެ.

ކުރީގެ ކުޅުންތެރިން ޓީމުގެ ކޯޗުންގެ ގޮތުގައި ތިބުމުގެ އެޑްވާންޓޭޖްތަކުގެ ގޮތުގައި ނިޒާމްބެ ފާހަގަކުރި ކަންކަމަށް ބަލާއިރު، ކުޅުންތެރިން ބުނަން ބޭނުންވާ ވާހަކަތައް ހިއްސާކުރުމާއި އޮޅުންފިލުވަން ޖެހޭ ކަންކަން ދެނެގަންނަން ވާހަކަ ދައްކަން ފަސޭހަތަކެއް ހުރުން ހިމެނެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox