ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އައިޝަތު އަޒީމާ ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
ރާއްޖެއިން މިހާރު އިންޑިއާއަށް ކަނޑައަޅާފައި ހުންނެވީ އިބްރާހިމް ޝަހީބެވެ. ނަމަވެސް އޭނާ ބަދަލު ކުރަނީ ސަފީރު ކަމުގެ ޓާމް ހަމަވާތީ އެވެ.
ޝަހީބު އިންޑިއާގެ ސަފީރުގެ މަގާމަށް އައްޔަން ކުރީ ނޮވެމްބަރު، 2022، ގަ އެވެ. ނަމަވެސް އޭނާގެ ދައުރު ގުނަނީ ކުރިން ސިންގަޕޫރުގެ ސަފީރުގެ ގޮތުގައި ވެސް ހުންނެވި ދުވަސްތައް ހިމަނައިގެންނެވެ.
އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އަޒީމާ ހަމަޖައްސަން އޭނާގެ ނަން މިއަދު މަޖިލީހަށް ފޮނުވުން، ދިރާސާ ކުރަން ވަނީ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ހުށަހަޅާފައިވާ އައިޝަތު އަޒީމާ މީގެ ކުރިން އޯގަސްޓު، 2019، އިން ފެށިގެން ސެޕްޓެމްބަރު، 2023، ހަމައަށް ހުންނެވީ ޗައިނާގެ ސަފީރުގެ މަގާމުގަ އެވެ.

އޭނާ މިހާރު މަސައްކަތް ކުރައްވަނީ އިންޑިއާ ޑެސްކުގެ ހެޑްގެ މަގާމުގަ އެވެ. އޭގެ ކުރިން ވެސް އިންޑިއާ ޑެސްކުގެ ތަފާތު އިސް މަގާމުތައް އަޒީމާ ފުރުއްވި އެވެ. ޗައިނާއާއެކު ރާއްޖެއިން ސޮއި ކުރި ފްރީ ޓްރޭޑް އެގްރިމެންޓު އެކުލަވާލުމުގައި އަޒީމާ އިސް ދައުރެއް އަދާ ކުރެއްވި އެވެ.
އަޒީމާ ފޮރިން މިނިސްޓްރީގެ ވަޒީފާއާ ގުޅިވަޑައިގަތީ 1988 ވަނަ އަހަރެވެ.














