ވައުދާ ހިލާފުވެ ޓެކްސްތައް ބޮޑުކުރަން ހުށަހަޅައިފި

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި. -- ފޮޓޯ: އަދަދު

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި. -- ފޮޓޯ: އަދަދު

އެއްވެސް ޓެކުހެއް ބޮޑުނުކުރާނެ ކަމުގެ ޔަގީންކަން ދީފައި އޮތުމަށް ފަހު، މާލީ ހާލަތު ގޯހުން ގޯހަށް ގޮސްގެން އެންމެ ފަހުން ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، ތިން ބިލެއް ތައާރަފު ކުރަން އެޖެންޑާގައި ހިމަނާފައިވެ އެވެ.

އެއީ ޓީޖީއެސްޓީ ބޮޑުކުރުމަށް، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި ގްރީން ޓެކްސްއަށް ބަދަލު ގެނައުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

Advertisement

ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅުއްވާފައިވާ ބިލްގައި ޓީޖީއެސްޓީ ބޮޑުކުރަނީ 16 ޕަސެންޓުން 17 ޕަސެންޓަށެވެ.

މި ބަދަލަށް އަމަލު ކުރަން ފަށާނީ ޖޫން 1، 2025 އިން ފެށިގެންނެވެ. މި ޓެކްސް ބޮޑުކުރުމުން އަންނަ އަހަރު 201.9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ބިލާއެކު ހީރަސްކޮށްފައިވާ ކަރުދާހުގައިވެ އެވެ.

titledesc

ޓީޖީއެސްޓީ ބޮޑުކުރަން ހުށަމިއެޅީ، އެއްވެސް ޓެކްސްއެއް ބޮޑުކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މީގެ ދެމަސް ކުރިން، އޯގަސްޓު 14، 2024 މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައި ވަނިކޮށެވެ.

"ހަގީގަތުގައި ސަރުކާރުގެ ވިސްނުމަކީ އެނގިވަޑައިގަންނަވާނެ ފަދައިން ޓެކްސްތަކާއި ފީތަކުން ރައްޔިތުންނަށް އޭގެ ބުރައެއް ނުވާ ގޮތަށް ގެންދިޔުން. މިގޮތުން ބަލާއިރު ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިން ޓެކްސް، މިފަދަ ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ،" އޭނާ ވިދާޅުވި އެވެ.

ގްރީން ޓެކްސް އަށް ގެންނަ ބަދަލު

ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި 50 ކޮޓަރިއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ހުރި ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ކޮންމެ ދުވަހަކަށް، މިހާރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތިން ޑޮލަރު، ހަ ޑޮލަރަށް ބަދަލުކުރުން ވަނީ ހިމަނާފަ އެވެ.

ރިސޯޓުތަކާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ އެހެން ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގާ ހަ ޑޮލަރުގެ ބަދަލުގައި ގްރީން ޓެކްސްގެ ގޮތުގައި ނަގަން ހުށަހަޅާފައިވަނީ 12 ޑޮލަރެވެ. އާ އަދަދުތަކުން ޓެކްސް ނަގަން ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1، އިން ފެށިގެންނެވެ.

އޭގެ އިތުރުން، ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ދެ އަހަރުން ދަށުގެ ކުޑަކުދިން ގްރީން ޓެކްސް އިން އިސްތިސްނާ ކުރުމަށް ވެސް އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވެ އެވެ.

titledesc

އެއާޕޯޓްސް ޓެކްސްތައް

ރާއްޖޭގެ އެއާޕޯޓުތަކުން ބޭރު ގައުމުތަކަށް ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީތަކާއި ޓެކްސްތައް ބޮޑުކުރަން ވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ފުރާ މީހުންގެ އަތުން ނަގާ ޓެކްސްތަކާއި ފީތަކަށް ގެނައި ބަދަލުތައް؛

ޑިޕާޗާ ޓެކްސް

  • އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން އަތުން ނަގާ ފީ 12 އެމެރިކާ ޑޮލަރުގައި ހިފެހެއްޓުން.
  • އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން.
  • ބިޒްނަސް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން.
  • ފަސްޓް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން.
  • ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ އެންމެންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން.

އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް

  • އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން އަތުން ނަގާ ޓެކްސް 12 އެމެރިކާ ޑޮލަރުގައި ހިފެހެއްޓުން.
  • އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން.
  • ބިޒްނަސް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން.
  • ފަސްޓް ކްލާހުން ދަތުރުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން.
  • ޕްރައިވެޓް ޖެޓުތަކުން ދަތުކުރާ އެންމެންގެ އަތުން ނަގާ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން.

titledesc

ރައީސްގެ ވާހަކަ

ސަންގު ޓީވީ ސެޕްޓެމްބަރު 2023 ގައި ބޭއްވި ރިޔާސީ ބަހުސްގެ މޮޑަރޭޓަރަކަށް ހުންނެވި މިހާރުގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ޓެކްސްއާ ގުޅޭ ސުވާލެއް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އަމާޒު ކުރެއްވި އެވެ.

އެ ސުވާލުގައި ވިދާޅުވީ 2026 ގައި ދައްކަން އެއް ބިލިއަން ޑޮލަރު ދައްކަން އެއްވެސް ޕްލޭނެއް އެބަ އޮތްތޯ؟ ވޯޓަށް ރައްޔިތުން ޅޮސް އުނދޯންޏަށް އެރުވުމަށް ފަހު، ވެރިކަމަށް އާދެވުމުން އަނެއްކާ ރައްޔިތުންނާއި ވިޔަފާރިތަކުން ޓެކްސް ނަގަންތޯ ތިޔަ ބޭފުޅުން ވިސްނަނީ؟ ނުވަތަ ކިހިނެއްތޯ ފައިސާ ދައްކާނީ؟

ސުވާލަށް ރައީސް މުއިއްޒު ޖަވާބު ދެއްވަމުން ގެންދަވަނިކޮށް، މޮޑަރޭޓަރު އެއްސެވީ އިތުރު ޓެކުހެއް ނަގާނެންތޯ އެވެ.

"އެއްވެސް އިތުރު ޓެކްސްއެއް ތައާރަފެއް ނުކުރާނަން. މިހާރު ހުރި ޓެކްސްގެ ބޭނުންކޮށްގެން ޓެކްސް ބޭސް ފުޅާކުރާނ.ީ އޭގެ މާނައަކީ މިހާރު ނުނިމިހުރި ރިސޯޓުތައް ނިންމެނޭނެ، އަދި އޭގެ އިތުރަށް އަޅުގަނޑުމެންނަށް މި ލިބެން ހުރި ފައިސާ އެހެން އިގުތިސާދުތަކުގެ ތެރެއިން ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން ލިބޭނެ ގޮތް ހަދާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ވާހަކަ ރައީސް މުއިއްޒު، އެކި ޖަލްސާތަކުގައި ތަކުރާރު ކުރެއްވި އެވެ. އިތުރު ޓެކްސްއެއް ނެގުމާއި ޓެކްސް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަން އެ ވާހަކަތަކުން އެނގެ އެވެ. އެ ކަމަށް ލިބޭ އިތުރު ބާރަކީ ޓެކްސް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ސާފު ބަހުން ވިދާޅުވެފައި އޮތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox