ދެއްވަދޫ މަސްވެރިން މުޒާހަރާއަށް ތައްޔާރުވެގެން ތިބުމުން ފިޝަރީޒްގެ ވަފުދު އެ ރަށަށް ނޭރި

ފިޝަރީޒް މިނިސްޓަރީގެ ވަފުދު ދެއްވަދޫއަށް ދާންވާއިރު، އެ ރަށު މަސްވެރިން ދަމާފައި ހުރި ބެނާއެއް: ދާންދޫ މަސްވެރިން ވެސް ވަނީ މުޒާހަރާކޮށް އެ ރަށަށް ދިޔަ މިނިސްޓްރީގެ ވަފުދު ރަށުން ބާލުވާފައި -- ފޮޓޯ: ދެއްވަދޫ މަސްވެރިން

ފިޝަރީޒް މިނިސްޓަރީގެ ވަފުދު ދެއްވަދޫއަށް ދާންވާއިރު، އެ ރަށު މަސްވެރިން ދަމާފައި ހުރި ބެނާއެއް: ދާންދޫ މަސްވެރިން ވެސް ވަނީ މުޒާހަރާކޮށް އެ ރަށަށް ދިޔަ މިނިސްޓްރީގެ ވަފުދު ރަށުން ބާލުވާފައި -- ފޮޓޯ: ދެއްވަދޫ މަސްވެރިން

ގއ. ދެއްވަދޫ މަސްވެރިންނާއި އޮޑިވެރިން މުޒާހަރާއަށް ތައްޔާރުވެ ތިބުމުން އެ ރަށަށް ދާން މިއަދު އޮތް ދަތުރު ފިޝަރީޒް މިނިސްޓްރީން ކެންސަލް ކޮށްފި އެވެ.

ދެއްވަދޫގެ އޮޑިވެރިއެއް ކަމަށްވާ، އަބްދުﷲ ނާފިޒު "އަދަދު" އަށް ބުނީ ފިޝަރީޒްގެ ވަފުދު އެރަށަށް ދާން މިއަދު އޮތީ މެންދުރުފަހު 3:00 ގައި ކަމަށެވެ. ނަމަވެސް ދެއްވަދޫއަށް ދާން އޮތް ދަތުރު ކެންސަލް ކުރިކަން ކައުންސިލުން މިހާރު އަންގާފައިވާ ކަމަށް ނާފިޒު ބުންޏެވެ.

"އަޅުގަނޑަށް ގުޅީ ހެނދުނު 9:00 ޖެހިއިރު، ފިޝަރީޒް މިނިސްޓަރީގެ ނައިބެއް، ގުޅާފައި ބުނީ އަޅުގަނޑުމެން ތިރަށަށް އަންނާށޭ މި އުޅެނީ، ކިހިނެއްހޭ ތިރަށުގެ ހާލަތު، އަޅުގަނޑު ބުނިން މުޒާހަރާ އެބައޮތޭ މި ރަށުގައި، ތިކޮޅުން އައިސްފިއްޔާ މުޒާހަރާ ކުރާނެޔޭ،" ނާފިޒް ބުންޏެވެ.

މުޒާހަރާއަށް ތައްޔާރުވެފައި އޮތް ކަމަށް ބުނުމުން، އެކަން ހުއްޓުވިދާނެތޯ އެ ގުޅުއްވި ބޭފުޅަކު ތަކުރާރުކޮށް އެއްސެވި ކަމަށް ނާފިޒު ބުންޏެވެ. އަދި އެކަން ކުރާނީ ކިހިނަކުންތޯ އެހުމުން، ނާފިޒުގެ ދޯނިން މަހަށް ދާ މީހުން ގާތު އެކަނި ނަމަވެސް މުޒާހަރާ ނުކުރަން ބުނަން އެ ބޭފުޅަކު އެދިވަޑައިގެންނެވި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނުބުނެވޭނެޔޭ ހުއްޓާލާކަށް، މިހާރު ވެސް އަޅުގަނޑުމެންނަކަށް ލާރިއެއް ނުލިބޭ، މަހަށް ދާން ތެޔޮކޮޅެއް ނުލިބޭ، އެއޮއް ކޫއްޑޫއިން މިހާރު ވެސް ދެނީ 800 ލީޓަރު ތެލޭ ދޯންޏަކަށް ދުވާލަކު، ތިނަދޫ ކައިރީގައި އެ އޮންނަ ބޯޓަކުން ނުދެޔޭ ތެލެއް، ބުނީމާ ބުނީ އާނ، ތިކަން އެނގެޔޯ އެކަމަކު އޮޑިވެރިންނާ ވާހަކަދެއްކޭނީ ތި ރަށަށް ގޮސްފައޭ،" ނާފިޒު ބުންޏެވެ.

މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމަށް ފިޝަރީޒް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ވަފުދަކުން މިހާރު ދަނީ ދެކުނުގެ ބައެއް ރަށްރަށަށް ދަތުރެއް ކުރަމުންނެވެ. އެ ދަތުރުގެ ތެރެއިން އިއްޔެ އެ ވަފުދު ދިޔައީ ގއ. ދާންދޫ އަށެވެ.

ނަމަވެސް އެ ރަށު މަސްވެރިން ވަނީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އެ ރަށަށް ނޭރޭނެ ކަމަށް ބުނެ އެ ވަފުދު އެ ރަށުން ފޮނުވާލާފަ އެވެ. ފިޝަރީޒްގެ ވަފުދު ދެއްވަދޫއަށް ދާން މިއަދު އޮތްކަން އެނގުމާއެކު، އެ ރަށު ބަނދަރު މަތީގައި ވުސް ބެނާތައް ދަމައި މަސްވެރިންނާއި އޮޑިވެރިން ތިބީ މުޒާހަރާއަށް ތައްޔާރުވެގެންނެވެ.

ނާފިޒު ބުނީ ދާންދޫއިން ފެނުނު މަންޒަރު ތަކުރާރު ކުރަން ދެއްވަދޫއަށް ދާން ބޭނުން ނުވާ ކަމަށް އޭނާއަށް ގުޅި މިނިސްޓަރީގެ ނައިބު ވިދާޅުވި ކަމަށެވެ.

"ދެން ބުނި، ދާންދޫގައި މުޒާހަރާ ޖެއްސީމާ ތިމަންނަމެން ބޭނުމެއް ނޫނޯ ފޮޓޯއެއް ނަގުވާކަށް ތި ރަށަށް ދާކަށް، ސޯޝަލްމީޑިއާއަށް، ދެން އަޅުގަނޑު ބުނިން ފޮޓޯއަށް އަރާނެޔެއް ނޫންހެއްޔޭ މިރަށަށް އައިސްފިއްޔާ، އެއީ މި ރަށުގެ މީހުން ތިބީ ހަމަ ވަރަށް ރެޑީގައި،"

ނާފިޒު އެހެން ބުނި ނަމަވެސް، ދެއްވަދޫ ކައުންސިލުގެ ނައިބު ރައީސް، އަހުމަދު ފަޒުހާދު "އަދަދު" އަށް ވިދާޅުވީ ފިޝަރީޒްގެ ވަފުދު އެރަށަށް މިއަދު ދާން އޮތް ދަތުރު ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

"މި ރަށަށް ނާންނަ ގޮތަށް ނިންމީ މޫސުން ތަން ނުދިނުމުގެ ސަބަބުން. މޫސުން ވަރަށް ގޯސް،" ފަޒުހާދު ވިދާޅުވި އެވެ.

ނަމަވެސް ދެއްވަދޫއަށް ވެސް އަދި އެ ސަރަހައްދަށް ވެސް އާންމު ދަތުރުފަތުރު ކުރަން އުނދަގޫވާ މިންވަރާ ގާތަށް ވެސް މޫސުން ގޯސް ނޫން ކަމަށް ނާފިޒު ބުންޏެެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫނުކުރާތީ މީގެ ކުރިން މަސްވެރިން މުޒާހަރާ ކުރުމުން، ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން އެއްފަހަރާ ހުރިހާ ފައިސާ ދޫކުރި އެވެ. މަސްވެރިންނަށް ސަރުކާރުން ދޭ ފައިސާތައް ލަސްވެގެން ދެ ހަފްތާ ތެރޭގައި ޖަމާކޮށްދޭނެ ކަމަށް ސަރުކާރުން އޭރު ބުނި ނަމަވެސް، ފައިސާ ދޫނުކޮށް މިހާރު ދެ މަސްވަރު ވެފައިވާ ކަމަށް މަސްވެރިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox