ބާސެލޯނާ (ސެޕްޓެމްބަރު 24) - ސްޕެއިންގެ ބާސެލޯނާގެ ކީޕަރު، މާކް އަންދްރޭ ޓާ ސްޓެގެން އަށް އަނިޔާވެ، މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ބެލެވޭއިރު, އެ މަގާމަށް ކޮސްޓަ ރިކާގެ ގޯލްކީޕަރު، ކޭޅޯ ނަވާސް ހޯދަން ބާސެލޯނާ އިން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ތަޖުރިބާކާރު ގޯލްކީޕަރު، ނަވާސް ވަނީ ބާސެލޯނާގެ އެންމެ ވާދަވެރި ކުލަބް ރެއާލާ އެކު، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
އޭގެތެރޭގައި ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ރެއާލުން ހޯދިއިރު، އެ ޓީމުގެ ގޯލު ބެލެހެއްޓީ، ނަވާސް އެވެ. ނަވާސް ވަނީ ރެއާލްއާ އެކު ކޮޕަ ޑެލް ރޭ އާއި ސްޕެނިޝް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.
ނަވާސްއާ އެކު، ކުރިއަށް އޮތް ދުވަސްތަކުގައި ބާސެލޯނާ އިން ރަސްމީކޮށް ވާހަކަތައް ފަށާއިރު، އޭނާ މި ވަގުތު ހުރި އެއްވެސް ޓީމެއްގެ ކޮންޓްރެކްޓަކުއެއް ނޫނެވެ.
ރެއާލް ދޫކޮށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެ، ނަވާސް އެ ޓީމާ އެކު ވެސް ކާމިޔާބު ސީޒަންތަކެއް ވަނީ ހޭދަކޮށްފަ އެވެ. އެކަމަކު ޕީއެސްޖީގެ ކީޕަރަކަށް، އިޓަލީގެ ޖިއަންލުއީޖީ ޑޮނަރުންމާ ހަމަޖެއްސުމާ އެކު ނަވާސް އަށް އެ ޓީމުގެ ފުރަތަމަ އެގާރައިގެ ފުރުސަތު ގެއްލުމުން ނިންމީ ޓީމު ދޫކޮށްލާށެވެ. އޭގެ ފަހުން، އޭނާ ވަނީ، ލޯން ޑީލެއްގައި އިނގިރޭސި ކްލަބް ނޮޓިިންހަމް ފޮރެސްޓަށް ވެސް ކުޅެފަ އެވެ.












