ރިޕޯޓު16 އަހަރު ތެރޭ 115 މަރު: މަގުމަތި ރައްކާތެރި ކުރަންވެއްޖެ ނޫންތަ؟

16 އަހަރު ތެރޭ 115 މަރު: މަގުމަތި ރައްކާތެރި ކުރަންވެއްޖެ ނޫންތަ؟

ޓްރެފިކުގެ ބައިނަލްއަގުވާމީ މިންގަނޑުތަކެއް ރާއްޖެއަކު ނެތް. ސޭފްޓީ ބޯޑެއް އޮތުން ގާތް ނަމަވެސް އެ ބޯޑުގެ މަސައްކަތެއް ނުފެނޭ. މައްސަލަތައް ހައްލު ނުވެ، އެކްސިޑެންޓުތަކާއި މަރުތައް ދަނީ އިތުރުވަމުން. އެންމެ ގިނައިން އެކްސިޑެންޓު ވަނީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުން.

ފުރޮޅުލީ ގޮނޑިއެއް އަދި ކާރެއްގެ ފުރޮޅެއް. ރާއްޖޭގައި އެކްސިޑެންޓުތަކުގައި މަރުވާ މީހުންނަށް އިންސާފު ނުލިބޭތީ ކަންބޮޑުވުންތައް އެބަހުރި --- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
ފުރޮޅުލީ ގޮނޑިއެއް އަދި ކާރެއްގެ ފުރޮޅެއް. ރާއްޖޭގައި އެކްސިޑެންޓުތަކުގައި މަރުވާ މީހުންނަށް އިންސާފު ނުލިބޭތީ ކަންބޮޑުވުންތައް އެބަހުރި --- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ދިވެހި ޒުވާނުން އެންމެ ގިނައިން މަރުވަނީ މަގުމަތީގެ އެކްސިޑެންޓުތަކުގެ ސަބަބުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2008 އިން 2018 އާ ދެމެދު 109 މީހަކު މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވި އެވެ. މިއަހަރުގެ މިހާތަނަށް މަދުވެގެން ހަ މީހަކު މަރުވެއްޖެ އެވެ. އެހެންކަމުން 2008 އިން ފެށިގެން މިހާތަނަށް މަގުމަތީގެ އެކްސިޑެންޓުތަކުގައި 115 މީހަކު މަރުވެއްޖެ އެވެ.

ރާއްޖެއާ އަޅާބަލާއިރު އެއީ ސިއްސައިގެންދާވަރުގެ ބޮޑު އަދަދެކެވެ.

އެކްސިޑެންޓެއްގައި މީހަކު މަރުވުމުން ކޮންމެ ފަހަރަކު ވެސް އެ ވާހަކަ ވަރަށް ބޮޑަށް ދެކެވި، މަގުތަކުގެ ސަލާމަތް ކަށަވަރު ކުރެވޭނެ ގޮތްތަކާމެދު އެކި ލެވެލްތަކުގައި މަޝްވަރާ ކުރެ އެވެ. އަނެއްކާ ވެސް މިއީ އެފަދަ ދުވަސްކޮޅެކެވެ.

މަގުމަތީ އެކްސިޑެންޓުތަކުގެ މައްސަލަ އަނެއްކާ ވެސް އާންމުންނާއި ސަރުކާރުގެ ސަމާލުކަމަށް އައިސްގެން މި އުޅެނީ، މިފަހުން ހިންގި ނުރައްކާތެރި އެކްސިޑެންޓުތަކެއްގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ، އެހެން އެކްސިޑެންޓެއްގައި މީހަކު މަރުވުމުންނެވެ.

މިދިޔަ ހުކުރު ދުވަހު އާދަޔާ ހިލާފު ބާރު ސްޕީޑުގައި ހުޅުމާލޭގައި ދުއްވި ކާރަކުން ޖެހި ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހު، 23، މަރުވުމުން ސަރުކާރުން ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަގުތައް ރައްކާތެރިކުރަން ފިޔަވަޅުތަކެއް އަޅަން އަންގަވައިފަ އެވެ.

ރައީސް މުއިއްޒު އިއުލާނު ކުރެއްވި ކަންކަމުގެ ތެރޭގައި ހަރުދަނާ ފިޔަވަޅުތަކެއް ވެސް އެބަ ހުއްޓެވެ. އަދި އިތުރަށް ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދަނެގަނެ، މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ތަންފީޒު ކުރަންޖެހެ އެވެ.

ގިނަ މަރުތަކުގެ ފަހަތުގައި އޮތީ ނުރައްކާތެރި ސްޕީޑު

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ރާއްޖޭގައި ހަދާފައި ހުރި ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން އެކްސިޑެންޓު ވަނީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންނެވެ.

އޭޝިއާ ޕެސިފިކް ޖާނަލް އޮފް ޕަބްލިކް ހެލްތުގައި 2015 ވަނަ އަހަރު ޝާއިއު ކުރި އެ ދިރާސާއިން ދައްކާ ގޮތުގައި އެންމެ ގިނައިން އެކްސިޑެންޓުވާން މެދުވެރިވާ ސަބަބަކީ ބާރު ސްޕީޑެވެ.

މިދިޔަ 16 އަހަރު ތެރޭގައި ރާއްޖޭގައި 34،554 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެ އެވެ. އެ އެކްސިޑެންޓުތަކުގައި މިހާތަނަށް 115 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ހިނގި އެކްސިޑެންޓުތަކާއި އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދުތައް
ރާއްޖޭގައި ހިނގި އެކްސިޑެންޓުތަކާއި އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދުތައް

ރާއްޖޭގައި ހިނގި އެކްސިޑެންޓުތަކާއި އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދުތައް

ބާރު ސްޕީޑާއި އެހެން ޓްރެފިކް ވަޔަލޭޝަންތައް ނުހުއްޓުވެނީ ޓްރެފިކް ގާނޫނާއި ގަވާއިދުތައް ރަނގަޅަށް ތަންފީޒު ނުކުރުމުންނެވެ. އަދި އެކްސިޑެންޓުތައް ރަނގަޅަށް ތަހުގީގު ނުކުރެވުމަކީ ވެސް ބޮޑު މައްސަލައެކެވެ.

މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވި އެއްވެސް ދިވެއްސަކަށް މިހާތަނަށް އިންސާފު ލިބުނުކަން ފެންނާކަށް ނެތެވެ. އެއްވެސް މަރެއްގެ ޒިންމާވާންޖެހޭ ފަރާތެއް ކަނޑައެޅިފައި އޮތް ކަމެއް ނޭނގެ އެވެ.

އެކްސިޑެންޓުތަކުގައި މަރުވި ބައެއް މީހުންގެ މައްސަލައިގައި މީގެ ކުރިން ޖިނާއީ ދައުވާތަކެއް އުފުލާފައި އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ސާބިތުވި ކަމެއް ނޭނގެ އެވެ.

އަނެއް މައްސަލައަކީ ހޭލުންތެރިކަމެވެ. ބާރު ސްޕީޑުގައި ދުއްވުމާއި ޓްރެފިކުގެ އެހެން ވަޔަލޭޝަންތަކަކީ ތަހުޒީބު ކަމެއް ނޫނެވެ. ތޮއްޖެހިފައިވާ މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވާ މީހާ އެ ދުއްވަނީ އޭނާ އަދި އެހެން އެތައް ބައެއްގެ ފުރާނައަށް ވެސް ނުރައްކާވާ ގޮތަށެވެ.

އެކަމުގެ ނުރައްކަލާއި ނާތަހުޒީބުކަން ނިކަން ރަނގަޅަށް އެންމެނަށް ވެސް ވިސްނެން ޖެހެ އެވެ. އެކަން ކުރެވޭނީ ގައުމީ ފެންވަރުގައި އަދި ދެމެހެއްޓެނިވި ގޮތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގައިގެނެވެ.

ރޯޑް ސޭފްޓީ އެކްޝަން ޕްލޭން 2019-2023

އެކްސިޑެންޓުތަކާއި މަރުތަކުގެ ނަންބަރުތަކާއި އަދަދުތައް ފެނި އެކަން ހުއްޓުވަން ސީރިއަސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ސަރުކާރަށް ގަބޫލު ކުރެވުނެވެ. ދިރާސާތައް ހަދައި، މަގުމައްޗަކީ ދުއްވާ އަދި ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރި ތަނަކަށް ހަދަން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ސަރުކާރަށް ގަބޫލު ކުރެވުނެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަނ ނުވަތަ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު، ނެޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން 2019-2023، އެކުލަވާލީ އެ ބޭނުމުގަ އެވެ. ހަތަރު އަހަރު ތެރޭގައި ތަންފީޒު ކުރަން އެކަށައެޅި އެ ޕްލޭން ފުރިހަމައަށް ތަންފީޒު ކުރެވުނު ނަމަ، ރާއްޖެެއިން މިއަދު މި ފެންނަ ހާލަތު އޮންނާނީ އިންތިހާއަށް ރަނގަޅުވެފަ އެވެ.

ނަމަވެސް އެކްޝަން ޕްލޭނުގައި ކުރަން ކަނޑައެޅި ކަންކަން ތަންފީޒުނުވެ ކުރިން ހުރި މައްސަލަތައް ވެސް މި ވަނީ އިތުރަށް ގޯސްވެފަ އެވެ. ވެހިކަލް ރަޖިސްޓްރީ ކުރުން ވެސް ވީ އިތުރެވެ. އެކްސިޑެންޓުތައް މަދެއް ނުވެ އެވެ. އެކްސިޑެންޓުތަކުގެ ސަބަބުން މަރުވާ މީހުން އަދަދާއި ދާއިމީ ނުކުޅަދުންތެރިކަން ލިބޭ މީހުންގެ އަދަދު ވެސް އެކަށީގެންވާ މިންވަރަކަށް މަދެއްނުވި އެވެ.

އެކްޝަން ޕްލޭނުގައި ކުރަން ކަނޑައެޅި ކަންކަން

ރޯޑް ސޭފްޓީ އެކްޝަން ޕްލޭނުގައި ކަނޑައެޅީ ޖުމުލަ ފަސް ދާއިރާއަކަށް ވިސްނުމަށްފަހެވެ. އެކްޝަން ޕްލޭނުގެ އެންމެ މުހިންމު މަގުސަދަކީ އެކްސިޑެންޓުތައް މަދުކޮށް، ބޮޑެތި އަނިޔާތަކާއި މަރުތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް ދަށް ކުރުމެވެ.

ރޯޑް ސޭފްޓީ އެކްޝަން ޕްލޭނުގައި ކަނޑައެޅި ފަސް ދާއިރާ:

ރޯޑް ސޭފްޓީ މެނޭޖްމަންޓް ހަރުދަނާ ކުރުން

  • ސީދާ މަގުތައް ރައްކާތެރި ކުރުން
  • ދުއްވާ ވެހިކަލްތައް ރައްކާތެރި ކުރުން
  • މަގުތައް ބޭނުން ކުރާ މީހުން ރައްކާތެރިކޮށް މަގުތައް ބޭނުން ކުރުވަން ހޭލުންތެރި ކުރުން
  • އެކްސިޑެންޓުތަކުން އަނިޔާ ލިބޭ މީހުންނަށް ދޭ ފަރުވާ ހަރުދަނާ ކުރުން

ރޯޑް ސޭފްޓީ މެނޭޖްމަންޓުގެ ހަރުދަނާ ކުރުން

ސިޓުއޭޝަން އެނަލިސިސް އޮން ރޯޑް ސޭފްޓީ (ނިންމަންޖެހޭ ތާރީހު: 2020 ގެ ކުރިން)

މަގުތަކުގެ ރައްކާތެރިކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކުގެ ރިވިއުއެއް ހެދުން

މަގުތައް ރައްކާތެރި ކުރުމަށްޓަކައި އެއް އިދާރާއިން އަނެއް އިދާރާއާ ދެމެދު އޮތް ގުޅުން ހުރި ގޮތް ބެލުން

ޓްރެފިކުގެ ބެލެހެއްޓުމާއި ޓްރެފިކުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރެވޭތޯ ބެލުން

ޓްރެފިކް އެކްސިޑެންޓުތަކުގެ ޑާޓާތައް ބަލައި ދިރާސާ ކުރުން

ރޯޑް ސޭފްޓީ ބޯޑެއް ނުވަތަ ކައުންސިލެއް ހެދުން (ނިންމަންޖެހޭ ތާރީހު: ޑިސެމްބަރު، 2019)

މަގުތައް ރައްކާތެރިކުރުމާ ގުޅޭ ޓެކްނިކަލް ކޮމިޓީއެއް އުފެއްދުން (ނިންމަންޖެހޭ ތާރީހު: ޑިސެމްބަރު، 2019)

މަގުތައް ރައްކާތެރިކުރުމުގައި އިސްވެ ހަރަކާތްތެރިވާނެ އިދާރާއެއް ކަނޑައެޅުން (ނިންމަންޖެހޭ ތާރީހު: ޖޫން، 2019)

މަގުތަކުގެ ރައްކާތެރިކަމާ ގުޅޭ ހުރިހާ ގާނޫނެއް އަދި ގަވާއިދެއް ރިވިއު ކުރުން (ނިންމަންޖެހޭ ތާރީހު: 2020 ގެ ކުރިން)

ރޯޑް ސޭފްޓީ އެކްޝަން ޕްލޭންގެ ދަށުން ކުރެވުނު ކަންކަމުގެ އަޕްޑޭޓެއް ހެދުން (ނިންމަންޖެހޭ ތާރީހު: 2023 ގައި)

މަގުތަކުގެ ރައްކާތެރިކަމަށް ހަރަދު ކުރަން ފަންޑެއް ގާއިމް ކުރުން (ނިންމަންޖެހޭ ތާރީހު: 2020 ގެ ކުރިން)

މަގުތަކުގެ ރައްކާތެރިކަމަށް ޒިންމާވާންޖެހޭ އިދާރާތަކުގެ ޓެކްނިކަލް ގާބިލުކަން އިތުރު ކުރުން (ނިންމަންޖެހޭ ތާރީހު: - )

އިންޓެގްރޭޓެޑް ނެޝަނަލް ސަވައިލެންސް ސިސްޓަމެއް ގާއިމްކޮށް ވަރުގަދަ ކުރުން (ނިންމަންޖެހޭ ތާރީހު: 2020 ގެ ކުރިން)

މަގުތައް ރައްކާތެރި ކުރުން

ބައިނަލްއަގުވާމީ އުސޫލުތަކާއި ސްޓޭންޑަޑުތައް ރާއްޖޭގައި އެކަށައެޅުން. އަދި މަގުތަކުގެ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުން (ނިންމަންޖެހޭ ތާރީހު: މަސައްކަތް ކުރިއަށްދާ ކަމަށް ލިޔެފަ)

މަގުތައް ހެދުމުގެ ހުރިހާ ސްޓޭޖެއްގައި ވެސް މަގުތައް ރައްކާތެރި ކުރަން ސަމާލުކަން ދިނުން (ނިންމަންޖެހޭ ތާރީހު: މަސައްކަތް ކުރިއަށްދާ ކަމަށް ލިޔެފަ)

މަގުތަކުގެ ރައްކާތެރިކަމާ ގުޅޭ އޮޑިޓުތައް ގަވާއިދުން ހެދުން (ނިންމަންޖެހޭ ތާރީހު: މަސައްކަތް ކުރިއަށްދާ ކަމަށް ލިޔެފަ)

ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމުތައް ހަރުދަނާ ކުރުން (ނިންމަންޖެހޭ ތާރީހު: 2021 ގައި)

މަގުތަކުގެ ރައްކާތެރިކަމާ ގުޅިގެން ހިންގާ ޕްރޮޖެކްޓުތަކަށް އިންޝުއަރެންސް ކުންފުނިތަކުން ސަޕޯޓު ދެވޭނެ އިންތިޒާމެއް ހަމަޖެއްސުން (ނިންމަންޖެހޭ ތާރީހު: 2019 ގައި)

މަގުމަތީގެ އެކްސިޑެންޓުތަކުގައި މީހަކު މަރުވެއްޖެ ނަމަ ހިންގަންޖެހޭ ތަހުގީގު ހިންގުން (ނިންމަންޖެހޭ ތާރީހު: 2021 ގައި)

އުޅަނދުތައް ރައްކާތެރި ކުރުން

ވެހިކަލްތަކުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ގާނޫނަކުން އެކަށައެޅުން (ނިންމަންޖެހޭ ތާރީހު: 2020 ގެ ކުރިން)

ރާއްޖެ އެތެރެ ކުރާ ހުރިހާ ވެހިކަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަން ކަށަވަރު ކުރުން (ނިންމަންޖެހޭ ތާރީހު: 2020 ގައި)

މިހާރު ހުރި ގަވާއިދުތަކާއި ގާނޫނުތައް ހުރިހާ ކެޓަގަރީއެއްގެ ވެހިކަލަކަށް ވެސް ތަންފީޒު ކުރުން (ނިންމަންޖެހޭ ތާރީހު: 2020 ގައި)

މަގުތައް ބޭނުން ކުރާ މީހުންގެ ރައްކާތެރިކަން

ޓްރެފިކް ގަވާއިދުތައް ރަނގަޅަށް ތަންފީޒު ކުރުން (ނިންމަންޖެހޭ ތާރީހު: މަސައްކަތް ކުރިއަށްދާ ކަމަށް ލިޔެފައި)

މަގުތަކުގެ ރައްކާތެރިކަމާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގުން (ނިންމަންޖެހޭ ތާރީހު: މަސައްކަތް ކުރިއަށްދާ ކަމަށް ލިޔެފައި)

މަސްތުވެގެން ވެހިކަލް ދުއްވުން ގާނޫނާއި ގަވާއިދުގެ ތެރެއިން މަނާ ކުރުން (ނިންމަންޖެހޭ ތާރީހު: 2022 ގެ ކުރިން)

މިހާރު އަމަލު ކުރަމުންދާ ލައިސެންސިން ސިސްޓަމް ހަރުދަނާ ކުރުން (ނިންމަންޖެހޭ ތާރީހު: މަސައްކަތް ކުރަމުންދާ ކަމަށް ލިޔެފައި)

ބިހޭވެރިއަލް އައުޓްކަމް ސާވޭއެއް ހެދުން (ނިންމަންޖެހޭ ތާރީހު: 2020 ގައި)

އެކްސިޑެންޓުތަކުގައި ލިބޭ އަނިޔާތަކަށް ދޭ ފަރުވާތައް ހަރުދަނާ ކުރުން

ހޮސްޕިޓަލްތަކުގައި މިހާރު ހިންގާ އެމަޖެންސީ ޑިޕާޓްމަންޓުތަކަށް ޓްރޯމާ ކެއާ އިތުރު ކުރުން (ނިންމަންޖެހޭ ތާރީހު: 2023 ގައި)

ކުއްލި ހާލަތްތަކުގައި ގުޅޭ އެއް ނަންބަރެއް ތައާރަފު ކުރުން (ނިންމަންޖެހޭ ތާރީހު: 2019 ގައި)

އެކްސިޑެންޓުތަކަށް ރެސްޕޮންޑު ކުރަން ވަކި ބަޔަކު ހާއްސަ ކުރުން (ނިންމަންޖެހޭ ތާރީހު: 2023 ގައި)

އެކްސިޑެންޓުތަކުގައި ހިމެނޭ މީހުންނަށް ސައިކޯ-ސޯޝަލް ސަޕޯޓު ދެވޭނެ ނިޒާމެއް ގާއިމް ކުރުން (ނިންމަންޖެހޭ ތާރީހު: 2019 ގައި)

----

ރޯޑް ސޭފްޓީ އެކްޝަން ޕްލޭނުގެ ގިނަ ކަންކަން ތަންފީޒުނުވެ ހުރިކަން ކޮންމެ މީހަކަށް ވެސް ބަލައިލުމުން ފެންނާނެ އެވެ. ޓްރެފިކުގެ ބައިނަލްއަގުވާމީ މިންގަނޑުތަކެއް ރާއްޖެއަކު ނެތެވެ. ސޭފްޓީ ބޯޑެއް އޮތުން ގާތް ނަމަވެސް އެ ބޯޑުގެ މަސައްކަތެއް ނުފެނެ އެވެ.

މައްސަލަތައް ހައްލުނުވެ، އެކްސިޑެންޓުތަކާއި މަރުތައް މި ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މަރަކާއެކު މިފަހަރު ސަރުކާރުގެ ލޯ މި މައްސަލައަށް ހުޅުވުނު ވަގުތު ކަންކަން ރަނގަޅު ކުރުން މުހިންމެވެ. އެހެން ނޫނީ އަނެއްކާ ވެސް ދުވަސްކޮޅަކުން މި ވާހަކަ ދައްކަންޖެހޭނެ އެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox